އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދިވެހި ނަރުސް ހަލީމަތު ލަމްހާ, ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

މޭރީގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މާވީންއަށް ވަނީ މަރުގެ ދައުވާ ކޮށްފައެވެ. އަދި މާވިންގެ ދިވެހި ލޯބިވެރިޔާ ލަމްހާއަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން އިތުރު ދެ ދައުވާއެއް އުފުލައިފައެވެ.

އޮންލައިންކޮށް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ދިފާއީ ވަކީލުން ވަނީ ލަމްހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން ސިއްރު ކުރުމަށް އެދިފައެވެ.

ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ލަމްހާގެ ޒާތީ ގިނަ މައުލޫމާތުތަކެއް އާންމުވުމުގެ ފުރުސަތު އޮތުމުންނެވެ.

"އަޅުގަނޑުމެން ވަކީލުންގެ ހައިސިއްޔަތުން މި ދަންނަވަނީ
(ޝަރީއަތް ސިއްރު ކުރަން) ހައްސާސީ ކަމެއް އޮތުމުން. އެއްވެސް ގޮތަކަށް އާދައިގެ ކަމެއްގެ ވާހަކައެއް ނޫން ދަންނަވަން މިއުޅެނީ," ދިފާއީ ވަކީލް އަޙުމަދު ޔާމީން ވިދާޅުވިއެވެ.

ނަމަވެސް އެކަމަށް ދައުލަތުން ވަނީ އިއުތިރާޒްކޮށްފައެވެ. އަދި އަޑުއެހުން ސިއްރުކޮށްގެން ކުރިއަށް ގެންދަން ޖެހޭ އެއްވެސް ގާނޫނީ އަސާސެއް ނެތް ކަމަށް ވެސް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

އެއަށްފަހު ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން ލަމްހާ ބަންދުގައި ބެހެއްޓުމަށެވެ.

ދިފާއުން ޝަރީއަތް ސިއްރުކުރަން އެދުނު ނަމަވެސް ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ އެ އަޑުއެހުން ސިއްރުކުރަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.

ދިފާއުން އަޑުއެހުން ސިއްރުކުރަން އެދުނީ ލަމްހާގެ ސިއްހީ ހާލަތާ ގުޅޭ ވާހަކަތަކެއް ދެއްކުމަށް ކަމަށް ވަކީލް ވިދާޅުވިއެވެ. އަޑުއެހުން ސިއްރު ނުކުރުމުން އެ ވާހަކަތައް ދިފާއުން ދައްކާފައެއް ނުވެއެވެ.

ގާޒީ ނިންމެވީ ދައުލަތުން އެދުނު ގޮތަށް ޝަރީއަތް ނިމެންދެން ލަމްހާ ބަންދުކުރުމަށެވެ.

މާވިންގެ ލޯބިވެރިޔާ، ލަމްހާގެ މައްޗަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އުފުލާފައެވެ.

ލަމްހާގެ މައްޗަށް މީހަކު މެރުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލައިފައިވަނީ މޭރީ މަރާލުމުގައި އޭނާ މާވިންއަށް އެއްބާރުލުން ދީ ބައިވެރިވި ކަމަށް ތުހުމަތުކުރެވޭތީއެވެ. އޭނާގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެނަމަ މަދުވެގެން ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ވެސް ވަނީ އުފުލައިފައެވެ.

ލަމްހާގެ މައްޗަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ އުފުލީ ލަމްހާ ދިރިއުޅުނު ކޮޓަރި ބަލައި ފާސްކުރިއިރު ހޮސްޕިޓަލުން ބޭރަށް ގެންދިޔުން މަނާ، އަދި އައިޖީއެމްއެޗްގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީއެވެ.

ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އުފުލީ ލަމްހާ ދިރިއުޅުނު ކޮޓަރި ބަލައި ފާސްކުރި އިރު، ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީއެވެ.

ލަމްހާގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެއްޖެނަމަ ހަ އަހަރަށްވުގެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.

ދިވެހި ނަރުސް ހަލީމަތު ލަމްހާ މީގެ ކުރިން "ސަން"އަށް ދިން އިންޓަވިއުއެއްގައި ވެސް ވަނީ އެ ދެ މީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެފައެވެ. މޭރީ ގްރޭސް މަރުވުމުގެ އެއް ދުވަސް ކުރިން އެ ދެ މީހުންގެ ގުޅުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވެސް ލަމްހާ ކިޔައިދިނެވެ. އަދި މޭރީގެ މަރަށް ފަހު އެ ދެ މީހުން ލޯބީގެ ގޮތުން އަލުން ގުޅެން އޮތީ ނިންމާފައެވެ.

މިދިޔަ އޮކްޓޯބަރު މަހު ދަންޖެހިގެން މަރުވި ކަމަށް ބުނި މޭރީގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން އޭނާގެ ފިރިމީހާ މާވީން ހައްޔަރު ކުރީ އެ މަހު 27ގައެވެ. އަދި ލަމްހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

މޭރީ ދަންޖެހިގެން މަރުވީކަމަށް ބުނެ ހޮސްޕިޓަލަށް ހަށިގަނޑު ގެންދިޔައީ ވެސް އޭނާގެ ފިރިމީހާ މާވިންއެވެ. އެއީ އޭނާ ހޮސްޕިޓަލުގައި ޑިއުޓީގައި ހުރެފައި ބްރޭކަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ.