21 Feb 2022, 11:29
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ ހަށިގަނޑުގައި ބާރުގަދަ އިންޖިކްޝަނެއްގެ އަސަރު ހުރި ކަމަށާއި, އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ހަލީމަތު ލަމްހާގެ ގެއިން އެ ބާވަތުގެ އިންޖިކްޝަން ފެނިފައިވާ ކަމަށް ދައުލަތުން މިއަދު ބުނެފިއެވެ.
މޭރީގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މާވިންއަށް ވަނީ މަރުގެ ދައުވާ ކޮށްފައެވެ. އަދި މާވިންގެ ދިވެހި ލޯބިވެރިޔާ ލަމްހާއަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން އިތުރު ދެ ދައުވާއެއް އުފުލައިފައެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދައުލަތުން ބުނީ، މޭރީ ގްރޭސް ފުރަތަމަ އައިޖީއެމްއެޗަށް ގެންގޮސް ނެގި ލޭގެ ޓޮކްސިކޮލޮޖީ ރިޕޯޓް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ރިޕޯޓް ތައްޔާރު ކުރަނީ ރާއްޖެއިން ބޭރުން ކަމަށެވެ.
"މިހާރު އަނގަބަހުން އޭގެ ޖަވާބު ލިބިފައިވަނީ. އަނގަބަހުން ލިބިފައިވާ ޖަވާބަކީ އެ ޓޮކްސިކޮލޮޖީ ރިޕޯޓުން ސަކްސިނިއަލްކޯލިން ކިޔާ މާއްދާއެއް ކެމިކަލް އެއް މެރީ ގްރޭސްގެ ލޭގައި ހުރިކަމަށް އަނގަބަހުން ޖަވާބުދީފައި ވަނީ," ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.
އެ ރިޕޯޓްގެ ސޮފްޓް ކޮޕީއެއް މާދަމާ އީމެއިލް އިން ލިބޭނެ ކަން ދައުލަތުުގެ ވަކީލް ފާހަގަކުރެއްވިއެވެ. އަދި ހަފްތާ ނިމުމުގެ ކުރިން ޑީއެޗްއެލް މެދުވެރިކޮށް ރިޕޯޓް ލިބޭނެ ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ.
މޭރީގެ ލެއިން ފެނުނު އެ އިންޖިކްޝަނަކީ ބޮޑެތި ސާޖަރީ ފަދަ އޮޕަރޭޝަންތައް ކުރުމަށް ހޭނެއްތުމަށް ބޭނުންކުރާ އެއްޗެކެވެ. އެ ބާވަތުގެ އިންޖިކްޝަނުގެ އިތުރުން ވެސް ދެ ބާވަތެއްގެ ބާރުގަދަ އިންޖިކްޝަން ލަމްހާގެ ގެއިން ފެނުނު ކަމަށް ވަކީލް ވިދާޅުވިއެވެ.
އޭގެ ތެރޭގައި ހިމެނެނީ, ޕޮޓޭސިއަމް ކްލޮރައިޑް އަދި ޕްރޮފޮފޯލްއެވެ.
މޭރީގެ ހަށިގަނޑުން އިންޖިކްޝަން ޖަހާފައިހުރި ނިޝާންތަކެއް ފެންނަން ހުރި ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އަދި ލަމްހާގެ ގެއިން ފެނުނު ސަކްސިނިއަލްކޯލިން އިންޖިކްޝަނުގައި 10 އެމްއެލް ހުންނަން ޖެހޭއިރު އޭގައި ހުރީ ހަތަރު އެމްއެލް ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.
އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން ދެން ލަމްހާގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.
ލަމްހާގެ މައްޗަށް މީހަކު މެރުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލައިފައިވަނީ މޭރީ މަރާލުމުގައި އޭނާ މާވިންއަށް އެއްބާރުލުން ދީ ބައިވެރިވި ކަމަށް ތުހުމަތުކުރެވޭތީއެވެ. އޭނާގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެނަމަ މަދުވެގެން ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ވެސް ވަނީ އުފުލައިފައެވެ.
ލަމްހާގެ މައްޗަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ އުފުލީ ލަމްހާ ދިރިއުޅުނު ކޮޓަރި ބަލައި ފާސްކުރިއިރު ހޮސްޕިޓަލުން ބޭރަށް ގެންދިޔުން މަނާ، އަދި އައިޖީއެމްއެޗްގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީއެވެ.
ލަމްހާގެ މައްޗަށް އެ ދައުވާތައް ސާބިތުވެއްޖެނަމަ ހަ އަހަރަށްވުގެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.
ލަމްހާ މީގެ ކުރިން "ސަން"އަށް ދިން އިންޓަވިއުއެއްގައި ވެސް ވަނީ އޭނާ އާއި މާވިންއާ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެފައެވެ. މޭރީ ގްރޭސް މަރުވުމުގެ އެއް ދުވަސް ކުރިން އެ ދެ މީހުންގެ ގުޅުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވެސް ލަމްހާ ކިޔައިދިނެވެ. އަދި މޭރީގެ މަރަށް ފަހު އެ ދެ މީހުން ލޯބީގެ ގޮތުން އަލުން ގުޅެން އޮތީ ނިންމާފައެވެ.
ލަމްހާ ދިރިއުޅުނު ގެއިން ފުލުހުން ގެންދިޔަ ބޭސްތަކާ އިންޖިކްޝަންތަކާ ގުޅޭ ގޮތުން ވެސް ލަމްހާ ވާހަކަދެއްކިއެވެ. އެގޮތުން ފުލުހުން ގެންދިޔަ އެއް އިންޖިކްޝަނަކީ, ކޮވިޑް-19އިގެ ސަބަބުން މާލެ ލޮކްޑައުންކޮށް ކާފިއު ހިންގި ދުވަސްވަރު ގޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުން ނިދަން އުނދަގޫ ވުމުގެ ސަބަބުން ޑޮކްޓަރު ދިން އެއްޗެއް ކަމަށް ލަމްހާ ބުންޏެވެ.
އެ ބޭސްތައް ނަގާފައިވަނީ ޑޮކްޓަރުގެ ބޭސް ސިޓީއަށް ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ފުލުހުން ގެންދިޔަ ތަކެތީގެ ތެރޭގައި އެ ބޭސް ސިޓީ ވާނެ ކަމަށް ވެސް ލަމްހާ ބުންޏެވެ.
މިދިޔަ އޮކްޓޯބަރު މަހު ދަންޖެހިގެން މަރުވި ކަމަށް ބުނި މޭރީގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން އޭނާގެ ފިރިމީހާ މާވިން ހައްޔަރު ކުރީ އެ މަހު 27ގައެވެ. އަދި ލަމްހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.
މޭރީ ދަންޖެހިގެން މަރުވީކަމަށް ބުނެ ހޮސްޕިޓަލަށް ހަށިގަނޑު ގެންދިޔައީ ވެސް މާވިންއެވެ. އެއީ އޭނާ ހޮސްޕިޓަލުގައި ޑިއުޓީގައި ހުރެފައި ބްރޭކަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ.