21 Feb 2022, 11:53
ވިިލިމާލޭގައި އިސްލާމިކް ބޭންކްގެ އޭޓީއެމްއަކާއި ވަގުތީ މާރުކޭޓެއްގެ ބިންގާ އަޅައިފިއެވެ.
ވިލިމާލޭގައި އިސްލާމިކް ބޭންކްގެ ބިންގާ އަޅުއްވައިދެއްވީ މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު އާއި އިސްލާމިކް ބޭންކްގެ ހެޑް އޮފް ކާޑްސް އެންޑް ޑިޖިޓަލް ބޭންކިން، އަރީފުއް ރަޙްމާންއެވެ.

ވިލިމާލޭގައި އިސްލާމިކް ބޭންކްގެ އޭޓީއެއްގެ ބިންގާ އެޅުމުގެ ތެރެއިން
އެ އޭޓީއެމް އަޅަނީ ބިއްރި މިސްކިތުގެ ކުރިމަތިން ކަނާތްފަރާތު ކަންމަތީގައެވެ.
އެ ބިންގާ އެޅުއްވުމަށްފަހު މޭޔަރު ވިދާޅުވީ، ބޭންކިން ނިޒާމުގައި ވިލިމާލޭގެ ރައްޔިތުންނަކީ މާލޭ ރައްޔިތުންނެކޭ އެއްގޮތަށް ހުރިހާ ފުރުސަތުތަކެއް ލިބޭ ބަޔަކަށް ވުން އެދޭ ކަމަށެވެ. އަދި އުންމީދަކީ ވީހާވެސް އަވަހަކަށް އޭޓިއެމް ނިމުން ކަމަށާއި، ހަތަރު މަސް ދުވަހުގެ ތެރޭގައި އޭޓީއެމްގެ ޚިދުމަތް ދެވޭނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ވިލިމަލޭ ވަގުތީ މާރުކޭޓްގެ ބިންގާ އަޅުއްވައިދެއްވީ މޭޔަރު މުއިއްޒާއި މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭ ކައުންސިލަރު ނަހުލާ ޢަލީއެވެ.
އެ ބިންގާ އެޅުއްވުމަށްފަހު މުއިއްޒު ވިދާޅުވީ، އަންނަ ރޯދަމަހަށް މާރުކޭޓް ނިންމުމަށް އަމާޒު ހިފާފައިވާކަމަށެވެ.
"[މިއީ] މުޅިއަކުން ވަގުތީ މާރުކޭޓެއް ކަމަކަށް އަޅުގަނޑުމެން ނުދެކެން. މި ސަރަހައްދަށް، ވިލިމާލޭގެ ޑިވޮލޮޕްމެންޓްގަ ހުރި ތަރައްގީއެއް މި ސަރަހައްދަށް އަންނަ ދުވަހަކާ ހަމައަށް، އިރާދަކުރެއްވިއްޔާ މި މާރުކޭޓުގެ ފަސޭހަކަން ވިލިމާލޭގެ ރައްޔިތުންނަށް ލިބިގެންދާނެ،" މުއިއްޒު ވިދާޅުވިއެވެ.
ކުރިންވެސް ވިލިމާލޭގައި ލޯކަލް މާރުކޭޓުގެ ޚިދުމަތް ދޭން މަސައްކަތް ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވިފައި ނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ މި މާރުކޭޓުގެ ސަބަބުން ވިލިމާލޭގެ ޒުވާނުންނާއި ކަނބަލުންނަށް ވިޔަފާރީގެ ތެރެއަށް ވަދެވި، މުޖުތަމައަށް އޭގެ ފައިދާ ކުރާނެ ކަމަށެވެ.
މާރުކޭޓުގެ ކޮންޓްރެކްޓް ކޮށްފައި ވާނީވެސް ރޯދަމަސް ފެށެން ވާއިރަށް އިމާރާތުގެ މަސައްކަތް ނިންމަން ކަމަށާއި މަސައްކަތް ނިމެންވާއިރަށް، މާރުކޭޓުގެ ގޮޅިތައް ލިބޭ މީހުން ކަނޑައަޅައި، ވިޔަފާރި ފެށޭނެގޮތް ހަދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލްގެ ފަރާތުން މިއަދު ވިލިމާލެއަށް މި ކުރާ ދަތުރަކީ، ވިލިމާލޭގައި ބައެއް މަސައްކަތްތައް އިފްތިތާހު ކުރުމަށް ކުރާ ދަތުރެކެވެ.
އޭގެ ތެރޭގައި، ވިލިމާލޭ ވަގުތީ މާރުކޭޓުގެ ބިންގާ އެޅުމުގެ އިތުރުން، މޯލްޑިވްސް އިސްލާމިކް ބޭންކްގެ އޭޓީއެމްގެ ބިންގާ އެޅުމާއި، މަގުމަތީ ރޭމްޕް މަސައްކަތް އިފްތިތާހު ކުރުން ހިމެނެއެވެ.