"އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވުމަށް, ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ހުށަހަޅަން ނިންމި ބިލާ ގުޅިގެން "ސަރުކާރަށް ތާއީދުކުރާ" މެންބަރުންގެ މެދުގައި ކަންބޮޑުވުން ހުރި ކަމަށް އެމްޑީޕީ ޕީޖީގެ ކުރީގެ ލީޑަރު، މެދު ހެންވެއިރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ޚާރިޖީ ގުޅުންތަކަށް ބުރޫއަރާ ގޮތަށް އަމަލުކޮށް، ވާހަކަދައްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅޭނެ ބިލެއް މަޖިލީހަށް ވެއްދުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ވަނީ މި މަހުގެ ނުވަ ވަނަ ދުވަހު ފާސްކޮށްފައެވެ. ޕީޖީ ގުރޫޕުގެ އެ ދުވަހުގެ ބައްދަލުވުމުގައި ފާސްކުރީ ވަރަށް އަވަހަށް އެ ބިލް މަޖިލީހަށް ހުށަހަޅައި ގާނޫނަކަށް ހެދުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޢާޒިމް ވިދާޅުވީ އޭނާ ޕީޖީ ލީޑަރު ކަމުގައި ހުންނެވިއިރު، އެންމެ ފަހުން ކުރެވުނީ "އިންޑިއާ އައުޓް" ބިލުގެ މަސައްކަތް ކަމަށެވެ.

އެހެންނަމަވެސް އެ ބިލާ ގުޅިގެން އެމްޑީޕީ މެންބަރުންގެ މެދުގައި ވެސް ހިތްހަމަނުޖެހުންތަކެއް ހުރުމާއެކު، އެ މަސައްކަތް އޮތީ ހުއްޓިފައި ކަން ފާހަގަކުރެއްވިއެވެ.

"އެ [އިންޑިއާ އައުޓް] ބިލު، ވަރަށް ބޮޑު ޚިޔާލު ތަފާތުވުންތަކެއް އޮތް. ވަކީން ހާއްސަކޮށް އަޅުގަނޑުމެންގެ މަޖިލީހުގައި ހިމެނޭ މެންބަރުންގެ ތެރެއިން ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ނުވަތަ ސަރުކާރުގެ އެކި ކަންކަމަށް ބޭނުންވާ މެންބަރުން އެ ބިލާ މެދު ވަރަށް ބޮޑު ހިތްނުވަތަނަވަސް ކަމެއް ނުވަތަ ހިތްގައިމު ނޫން ކަމެއް، ގަބޫލު ނޫން ކަމެއްގެ ގޮތުގައި ފެނިގެން ދިޔަ،" ޢާޒިމް ވިދާޅުވިއެވެ.

ޢާޒިމް އިތުރަށް ވިދާޅުވީ ޕީޖީ ގުރޫޕުގެ ލީޑަރަކަށް އަލަށް ހޮވިވަޑައިގެންނެވި މެންބަރު، އެ ބިލުގެ މައްސަލަ އަލުން ތާވަލުކޮށް، ސަރުކާރުގެ ޚިޔާލާއެކު ކުރިއަށް ގެންދަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ އިންތިހާބުގައި ޢާޒިމް ބަލި ކުރައްވައި، އިންތިހާބު ކާމިޔާބު ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޯމަތިވެފައިވާއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންނާއި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ މެދުގައި ވާދަވެރިކަމާއި ޚިޔާލު ތަފާތުވުންތައް ވަނީ ބޮޑުވެފައެވެ.