ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ހެލްތު ކޯޕަރޭޝަންތައް އުފައްދެމުގު ސަބަބުން ސިއްހީ ހިދުމަތްތައް ހިނގާފައިވާ ހަރަދު އެތައް ގުނައަކަށް ބޮޑުވެފައިވެ ރައްޔިތުންނަށް ދެމުން އައި ހިދުމަތްތައް ހީނަރުވެފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. މުހައްމަދު ޖަމްޝީދު އަހުމަދު ވިދާޅުވެއްޖެ އެވެ.

ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާއެކު ހެލްތް މިނިސްޓްރީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހެލްތު ކޯޕަރޭޝަންތައް އުފެއްދި ފަހުން އެތަންތަނުގެ މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން ހަރަދުތަކަށް އެތައް މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ހަތަރު ކުންފުންޏެއްގެ މިދިޔަ އަހަރުގެ ހިސާބުތައް ދިރާސާކޮށް ބެލި ބެލުމުން އެ ކުންފުނިތަކުގެ ބޯޑުތަކުގެ މެމްބަރުންގެ މުސާރައަށް އެކަނިވެސް ގާތްގަނޑަކަށް 7.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ހަރަދުތަކުގެ ތެރޭގައި ވަރަށް ގިނަ ޑުބްލިކޭޝަންސް އެބަހުރި. އެއީ އަތޮޅުތެރޭގައި އެކި އެކި ހެލްތް ކޯޕަރޭޝަންސްތަކުގެ ހެޑް އޮފީސް ގާއިމްކުރެވިފައި ހުންނަނީ. އެއާއެކު މާލޭގައިވެސް ކުންފުނިތަކުން ތަންތަން ކުއްޔަށް ހިފައި މަސައްކަތްކުރަމުން ގެންދިޔަ. އެއީ ހަރަދު ބޮޑުވެގެންދިޔަ އެއް މައްސަލަ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސިއްހީ ހިދުމަތްތަކުގެ ހަރަދު ބޮޑުވެ ހިދުމަތް ހީނަރުވުމުގެ އިތުރުން އެކިއެކި ހެލްތް ކޯޕަރޭޝަންސް ތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް މުވައްޒަފުން ލުމުގައި ގެންގުޅެފައިވަނީ ހަމަޖެހޭ އިންސާފުވެރި އުސޫލެއް ނޫންކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މުވައްޒަފުންގެ ފެންވަރާއި ގާބިލުކަމަށް ބަލަންވާވަރަށް ނުބެލި މުވައްޒަފުން ތަންތަނަށް ލުމުގެ ސަބަބުން އިތުރަށް އެތައް މައްސަލަތަކެއް ނުކުމެފައި އެބަހުރި ކަމަށް ވެސް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސިއްހީ ހިދުމަތްތައް މިހާރަށް ވުރެ ރަނގަޅު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސް ހުއްޓިފައި ހުރި ހިދުމަތްތައް ވެސް އަލުން ދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ އަދި އެގޮތުން ބައެއް ތަންތަނުގައި ނެތް ޑޮކްޓަރުންނާއި ހުސްވެފައި ހުރި ތަކެތި ވެސް އެންމެ ބޭނުން ބޮޑުވާނެ ތަންތަނަށް ބަލައި ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ވެސް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.