21 Feb 2022, 11:10
ސިނަމާލެ ފްލެޓުތަކުގެ ޖޫރިމަނާ މައާފުކޮށް ދިނުމަށް އެދި ސިޓީ ކައުންސިލުގެ ފަރާތުން ސަރުކާރަށް ސިޓީއެއް ފޮނުވާފައި ވާނެ ކަމަށް މާލޭ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޖޫރިމަނާ މައާފު ކުރުމަށް އެދިފައި ވަނީ މާލޭގައި ހުންނަ ސިނަމާލެ 1،2،3 އަދި މާލެ ހިޔާ 1،2 އަދި ވިލިމާލޭގައި ހުންނަ، ސިނަމާލެ ހަތަރެއްގެ ފްލެޓްތަކުގެ ޖޫރިމަނާއެވެ.
ސިނަމާލެ ހަތަރެއްގެ ފުލެޓްތައް އަމިއްލަ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ފެށުމަށް މިއަދު ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ ޖޫރިމަނާ މައާފު ކޮށްދިނުމަށް އެދި ސަރުކާރަށް ރަސްމީކޮށް އެދި، މިހާރު އިންތިޒާރު ކުރަނީ އެކަމުގައި ރައީސް އޮފީހުން ނިންމަވާނެ ނިންމުމަކަށް ކަމަށެވެ.
ޖޫރިމާނާ މައާފު ކުރުމަކީ ރައީސުލްޖުމްހުރިއްޔާ ބައްލަވަން ޖެހޭ ކަންކަން ބެއްލުވުމަށަފަހު، މައާފް ކުރެވޭނެ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ، ޖޫރިމަނާ މާފު ނުކޮށްދެއްވާ ނަމަ، ޖޫރިމަނާގެ ފައިސާ ބަހާލައިގެން ދައްކާ ގޮތަށް ހަމަޖައްސާނެ ކަމަށެވެ.
ޖޫރިމަނާ އެއްކޮށް ނުވަތަ އޭގެ ބައެއް މާފު ކޮށްދެއްވައިފި ނަމަ، މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ދެއްކި ފައިސާ އެއީ ފްލެޓްގެ އަގުން ކެނޑޭ އެއްޗެއްގެ ގޮތުގައި ކަނޑައެޅުމަށް އެއްބަސްވުމުގައި ހިމަނާފައި ވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
"މިސާލަކަށް ޖޫރިމަނާއަށް އަރާފަ އޮތީ 30،000 ރުފިޔާ. އޭގެ ތެރެއިން 20،000 ރުފިޔާ (ކުރިން) ދައްކާފަ އޮވެއްޖެއްޔާ، ބާކީ 10،000 މާފުކޮށްފިނަމަ، އެ 20،000 އަކީ ފްލެޓްގެ އަގުން ކެނޑޭ އެއްޗަކަށް ވާނޭ،" މުއިއްޒު ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުން ނިންމާފައި ވާނީ، ސިނަމާލެ ހަތަރެއްގެ ފްލެޓާއި މާލޭ ހިޔާ 1، 2 ގައި ވެސް ރަމަޟާން މަސް އަންނަން ވާއިރަށް އޮފީސް ހުޅުވުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހަމައެއާއެކު، އެ ފްލެޓްތަކުގައި އަމިއްލަ ސީސީޓީވީ ނިޒާމެއް ގާއިމު ކުރުމަށް ރެވެނިއު ބަޖެޓުގައި ހިމަނައި، މިއަހަރުތެރޭ ކޮންމެވެސް ހިސާބަކުން އެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.