ރަޝިއާއިން ޔޫކްރެއިންނަށް ހަމަލާ ދީފިނަމަ އެންމެ ނުރައްކާވާ ހިސާބުގައި ތިބި ދިވެހި ދަރިވަރުން ރާއްޖެއަށް އައުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އެ ދަރިވަރުން މިއަދު ބުނެފިއެވެ.

ޔޫކްރެއިންގައި 50 ދިވެހިން ތިބިއިރު އޭގެ ތެރެއިން 29 ދަރިވަރުން ތިބީ ހަނގުރާމަ ފަށައިފިނަމަ ފުރަތަމަ ވެސް އެންމެ ނުރައްކާވާނެ ހިސާބުގައެވެ. އެ ގައުމުގެ، ޚަރްވިކްގައި އެ ދަރިވަރުން ތިބިއިރު އެއީ ރަޝިޔާގެ ބޯޑަރާ އެންމެ ކައިރީގައި އޮންނަ އެއް ސިޓީއެވެ.

ޑޮކްޓަރުކަން ކިޔެވުމަށް ޔޫކްރެއިންގައި ހުރި ދަރިވަރަކު "ސަން" އަށް ބުނިގޮތުގައި ހަނގުރާމައެއް ފަށާފާނެ ކަމުގެ ބިރުވެރިކަން އެ ސިޓީގައި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.

އެ ސިޓީގައި ތިބި ދިވެހި ދަރިވަރުން މިހާރު ބޭނުން ވަނީ އެނބުރި ރާއްޖެ އައުމަށް ކަމަށާއި މަޑުކޮށްގެން ތިބީ ޔުނިވާސިޓީން ވަކި އެއްޗެއް އަންގަންދެން ކަމަށް އެ ދަރިވަރު ބުންޏެވެ.

"މިއަދު ޔުނިވާސިޓީން ގޮތެއް ނިންމާނެ އޮންލައިންކޮށް ކިޔައިވައި ދޭނީތޯ އާމެދު. އޮންލައިންކޮށް ކިޔަވައިދޭން ނިންމައިފިނަމަ ހުރިހާ ދަރިވަރުން ވެސް މާލެ ދާން ތައްޔާރަށް ތިބީ،" އެ ދަރިވަރު ބުންޏެވެ.

އޭނާ ބުނީ މިހާރު ހާލަތު ހުރިގޮތުން ޔުނިވާސިޓީގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދަން ނިންމާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

ހަނގުރާމަ ފެށިއްޖެނަމަ ވައިގެ ސަރަހައްދު ބަންދުވާނެތީ ވީހާވެސް އަވަހަކަށް ރާއްޖެ އަންނަން ދަރިވަރުން ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"މިހާރު ވެސް ހަމަލާ ދީފިއްޔާމު ދަތުރުފަތުރު ހުއްޓޭނެ. އޭރުން ފޮރިން މިނިސްޓްރީން ޖެހޭނީ އެޓެންޑްވާން،" އެ ދަރިވަރު ބުންޏެވެ.

ޔޫކްރެއިންގައި ތިބި ދިވެހިން އަމަލު ކުރަންވީ ވަކި ޚާއްޞަ ގޮތެއް ފޮރިން މިނިސްޓްރީން ފަހުން ނާންގާ ކަމަށް ވެސް އޭނާ ބުންޏެވެ.

މި ކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ޔޫކްރެއިނާއި ރަޝިއާގައި ހިނގަމުން އަންނަ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ޔޫކްރެއިންގައި ތިބި ދަރިވަރުންނާ ވާހަކަ ދައްކާ ކަމަށެވެ. އަދި ބާލިންގައި ހުންނަ ދިވެހި އެމްބަސީން ކޮންމެ ދުވަހަކު ވެސް އެ ކުދިންނާ ވާހަކަ ދައްކާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޔޫކްރެއިންގެ މައްސަލަ ހޫނު

ރަޝިއާ ތަކުރާރުކޮށް ބުނަމުން ގެންދަނީ ޔޫކްރެއިނަށް އިސްވެ ހަމަލާދީ ހަނގުރާމަ ފެށުމުގެ އެއްވެސް ރޭވުމެއް ނުގެންގުޅޭ ކަމަށެވެ. އަދި އެގައުމުން ޔޫކްރެއިންގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ގިނަ އަދަދެއްގެ ސިފައިންނާއި ހަތިޔާރު ޖަމާކޮށްފައިވަނީ ޔޫކްރެއިން ނޭޓޯގެ މެންބަރަކަށް ހެދުމަށް އެމެރިކާއާއި ނޭޓޯ ކުރަމުން ގެންދާ މަސައްކަތްތަކާއެކު ރަޝިއާގެ ސަރަހައްދީ ރޮނގަށް ނޭޓޯގެ ސިފައިން އަތުވެދާނެތީ އެކަން ހުއްޓުވުމަށްޓަކައި އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށްވެސް ރަޝިއާއިން ބުނެފައިވެއެވެ.

ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގޭ ލާވްރޯވް ވިދާޅުވީ އެމެރިކާއިން މަސައްކަތްކުރަނީ އެގައުމު ހަނގުރާމައިގެ އަނދަވަޅަކަށް ވައްޓާލުމަށް ކަމަށެވެ. އަދި އެމެރިކާގެ އިސް މަސްއޫލުވެރިންނަށްވަނީ ނަފްސާނީ ބައްޔެއްކަމަށްވާ ހިސްޓީރިއާ ޖެހިފައި ކަމަށްވެސް އޭނާ ތުހުމަތުކުރައްވައެވެ.

އެމެރިކާގެ އިންޒާރުތަކާ ގުޅިގެން ރަޝިއާއާ ކުރިމަތިލުމަށް ޔޫކްރެއިން އިން ދަނީ ވަރުގަދައަށް ތައްޔާރުވަމުންނެވެ. ޔޫކްރެއިން އިން ބުނާ ގޮތުން ރަޝިއާއާ ކުރިމަތިލުމަށްޓަކައި ހަތަރު ލައްކަ ސިފައިން ބަރުހަތިޔާރާއެކު މިހާރު ތިބީ ތައްޔާރީ ހާލަތުގައެވެ.

ޔޫކްރެއިންގެ ދިފާއީ ވުޒާރާއިން ވަނީ ރަޝިއާއިން އެގައުމަށް އަރައިގެންފިނަމަ ރަޝިއާ ބަލިކޮށްލާނެކަމަށާއި އެމެރިކާއާއި ނޭޓޯގެ ގައުމުތަކުން ފާއިތުވި ދުވަސްތަކުގައި 2،000 ޓަނުގެ ހަތިޔާރު ލިބިފައިވާކަމަށް ބުނެފައެވެ.