ކުއާލަލަންޕޫރު (21 ޖަނަވަރީ 2022): މެލޭޝިއާގެ ސަރަހައްދީ ރޮނގުތައް މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ހުޅުވާލެވޭނެކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މެލޭޝިއާގެ ސިއްހަތާބެހޭ ވަޒީރު ޚައިރީ ޖަމާލުއްދީން ވިދާޅުވީ އެގައުމުގައި ކޮވިޑްގެ ކޭސްތައް މަދުވަމުންދާތީ އާއި ވެކްސިން ކަވަރެޖް މަތިވަމުންދާތީ ސަރަހައްދީ ރޮނގުތައް ހުޅުވާލައި އާންމު ހާލަތަށް ދިޔުމަށް ސަރުކާރުން ރާވަމުންދާކަމުގައެވެ. ނަމަވެސް މިކަމުގައި އަދި ޚިޔާލު ތަފާތުވުންތައް އުޅޭކަމަށް އޭނާ ވިދާޅުވިއެވެ.

ޚައިރީ ވިދާޅުވިގޮތުގައި މެލޭޝިއާގެ ވަޔާ އެއްގަމާ އަދި ކަނޑުގެ ސަރަހައްދީ ރޮނގުތައް ބައިނަލްއަގްވާމީ ބާޒާރަށް ހުޅުވާލުމުގެ ކަންތައް އަވަސްކުރަން ބޮޑުވަޒީރު އިސްމާއީލް ސަބްރީ ބޭނުންފުޅުވެއެވެ. ނަމަވެސް މެލޭޝިއާގެ ކަމާބެހޭ އިދާރާތަކަށް ގަބޫލުކުރެވޭ ގޮތުގައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިގެން ސަރަހައްދީ ރޮނގުތައް ފަތުރުވެރިންނަށާއި ބައިނަލްއަގްވާމީ ބާޒާރަށް ހުޅުވާލުން އެންމެ ރަނގަޅީ މިއަހަރުގެ ދެވަނަ ކުއާޓާރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ބޮޑުވަޒީރު އިސްމާއީލް ސަބްރީ ވަނީ ސަރަހައްދީ ރޮނގުތައް ހުޅުވާލުމާބެހޭގޮތުން ގޮތެއް ނިންމުމަށް ސަރުކާރުގެ އިދާރާތަކަށް ދެހަފްތާގެ މުއްދަތެއް ދެއްވާފައެވެ. ދެވަނަ ކުއާޓަރު ފެށޭނީ އެޕްރީލް މަހުން ފެށިގެންނެވެ. ދެވަނަ ކުއާޓަރުގައި މެލޭޝިއާގެ ސަރަހައްދީ ރޮނގުތައް ހުޅާވާލާނެ ތާރީޚު އިއުލާން ކުރައްވާނީ ބޮޑުވަޒީރު އިސްމާއީލް ސަބްރީ ކަމަށް ޚައިރީ ވިދާޅުވިއެވެ.

މެލޭޝިއާއަކީ އަދިވެސް ކޮވިޑް ކޮންޓްރޯލް ނުކުރެވޭ ގައުމެކެވެ. ސަރަހައްދީ ރޮނގުތައް ހުޅުވާލުމުގައި ސަރުކާރުގެ އިދާރާތަކުގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުޅެނީ އެކަންކޮށްފިނަމަ ބޭރުގައުމުތަކުން ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު މެލޭޝިއާއަށް އަންނާނެތީ ކޮވިޑްގެ ހާލަތު އަނެއްކާވެސް މާބޮޑަށް ގޯސްވެދާނެކަމުގެ ބިރު އޮތުމުންނެވެ.

ސަރަހައްދީ ރޮނގުތައް ހުޅުވާލަން މެލޭޝިއާއިން ނިންމަނީ ކޮވިޑް ކޮންޓްރޯލް ކުރެވިގެނެއް ނޫނެވެ. މެލޭޝިއާއަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި އަދިވެސް ކާމިޔާބު ގައުމެއް ނޫނެވެ.

މެލޭޝިއާގައި މިހާރުވެސް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 3200 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެއެވެ. ކޮވިޑް ޖެހިގެން މެލޭޝިއާއިން 32 ހާހަށްވުރެ ގިނަމީހުން މަރުވެފައިވެއެވެ. މެލޭޝިއާގައި ވެކްސިން ކަވަރެޖް އުޅެނީ (ދެޑޯޒް ޖެހިމީހުންގެ ނިސްބަތް) 78 އިންސައްތައިގައެވެ.