21 Feb 2022, 09:14
މީގެ ތިންހަތަރު ދުވަހެއް ކުރީން މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ފޭސްބުކް ޞަފުޙާގައި ޙިއްޞާ ކުރައްވައިފައި ހުރި ވީޑިއޯއެއް އަޅުގަނޑަށް ވެސް ފެނުނެވެ. "ޤާނޫނާއި ޤަވާޢިދުތަކާއި އުޞޫލުތަކަށް ޢަމަލު ކުރުމަށް ކޮންމެ ފަރުދަކު ވެސް މަސައްކަތް ކުރަމާތޯ ..." މި ޢިބާރާތާ އެކު ޙިއްޞާ ކުރައްވައިފައި ވާ ވީޑިއޯއެކެވެ. ވީޑިއޯގައި ފެންނަނީ ދިވެހިރާއްޖޭގެ ރަށެއްގެ ހިތްގައިމު މާޙައުލެއްގައި، އުނދޯއްޔެއްގައި އިށީނދެގެން ތިބޭ ދެ ޒުވާނުންނެވެ. އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ.
ވީޑިއޯގައި ދެ ޒުވާނުންގެ ދެމެދުގައި ދެކެވޭ ވާހަކަ ފަށަނީ އަންހެން ކުއްޖާއެވެ. "ބޭބީ" މި ލަފުޒުން ފިރިހެން ކުއްޖާއަށް މުޚާޠަބު ކުރަމުންނެވެ. ދެން އޭނާ ބުނަނީ "ޝިފޫއަށް ފެންނަނީ ދެން ދެމީހުން ބްރޭކް-އަޕް ވާން" މިހެންނެވެ. ޖަވާބުގައި ފިރިހެން ކުއްޖާ ބުނަނީ "އެއީ ކީއްވެ؟ ބޭބީ ދެކެ ކިހައި ލޯބިން މި އުޅެނީ؟ ޗީޓް ކުރީކީ ވެސް ނޫން. މައްސަލައެއް ޖެހުނީކީ ވެސް ނޫން. ދެން ކީއްވެ ބްރޭކް-އަޕް ވާން ވީ؟" މިހެންނެވެ. ދެން ދެކެވިގެން ދާ ވާހަކަތަކާއި، ވީޑިއޯއިން ފެންނަ މަންޒަރުތަކުން، ވީޑިއޯގެ މަޤްޞަދަކީ ތިމާވެށި ޙިމާޔަތް ކުރުމާ މެދު ހެއިލުންތެރި ކުރުވުމުގެ މެސެޖެއް ދިނުންކަން އެނގެއެވެ. މެސެޖު ގޯހެއް ނޫނެވެ. ތިމާވެށި ޙިމާޔަތް ކުރުމަށް ޓަކައި އެންމެން ވެސް ޒިންމާ އުފުލާން ވާނެއެވެ. ޙިއްޞާ ވާން ވާނެއެވެ. މެސެޖުގައި އެއްވެސް މައްސަލައެއް ނެތެވެ. ނަމަވެސް ވީޑިއޯގައި ބޭނުން ކޮށްފައި ވާ ބަހުރުވަ އާއި ވާހަކަ ދެއްކުމުގެ އުސްލޫބާ މެދު ވިސްނައިލާން ޖެހޭ ކަމަށް އަޅުގަނޑަށް ފެނެއެވެ.
ވީޑިއޯގައި އެވަނީ، މިހާރު ދިވެހިރާއްޖޭގެ ތަހުޒީބާއި ފިކުރީ އަދި ޢިލްމީ ތަރައްޤީގެ ޙާލަތު ހުރި ދަށް ފެންވަރުގެ ގޮތުން، އަޅުގަނޑުމެންގެ ޒުވާނުންގެ ޢާއްމު ބަހުރުވަ އާއި ވާހަކަ ދެއްކުން ހުންނާނޭ ގޮތް ކަމަށް ވެދާނެއެވެ. ނަމަވެސް ދައުލަތުގެ ވުޒާރާއަކުން ހައްދަވައި، އެ ވުޒާރާގެ އުފެއްދެވުމެއްގެ ގޮތުގައި ޢާއްމުންނާ ހަމަޔަށް ނެރުއްވާ ވީޑިއޯއެއްގައި، ޑައިލޮގުތައް ނުވަތަ ޙިވާރުތައް ހުންނާން ވާނީ މި ގޮތަށް ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވުނެވެ. ތިމާވެށްޓާ ބެހޭ ވުޒާރާއެއް ހުއްޓައި، ތިމާވެށި ޙިމާޔަތް ކުރުމުގެ މެސެޖުތައް ދޭ މި ބާވަތުގެ ވީޑިއޯތައް ހައްދަވައި ނެރުއްވުމުގެ މަސައްކަތް ދާޚިލީ ވުޒާރާއިން ކުރައްވަނީ ކީއްވެގެން ހެއްޔޭ، މި ސުވާލު އެހެން ބެއިފުޅުންނަށް ދޫ ކޮށްލާނަމެވެ. ވީޑިއޯގެ ފަންނީ ފެންވަރުގެ ވާހަކަ ވެސް އެކަމާ ބެހޭ ބެއިފުޅުންނަށް ދޫ ކޮށްލާނީއެވެ.
ދެ ޒުވާނުންގެ ވާހަކަ ފަށަނީ، ދެ މީހުން ކުރެ އެކަކު އަނެކަކާ މުޚާޠަބު ކޮށް "ބޭބީ" އެވެ ކިޔައިފައެވެ. މިއީ ލޯބިވެރީން ދެމަފިރީން އެކަކު އަނެކަކާ މުޚާޠަބު ކުރުމަށް ޓަކައި ބޭނުން ކުރާ ޢާއްމު ލަފުޒެއް ކަމަށް ވިޔަސް، މިއީ ޢާއްމުންގެ ތެރެޔަށް ނެރޭ މިފަދަ ވީޑިއޯއެއްގައި ބަހުރުވަ ހުރެގެން ވާނޭ ގޮތެއް ނޫނޭ ވެސް އަޅުގަނޑު ދަންނަވާނަމެވެ. އެއީ ރިވެތި އަޚްލާޤާއި އަބުރުވެރިކަމުގެ އިންތައް ހުއްދަ ނުކުރާ ކަމެކޭ ދަންނަވާނަމެވެ. މިހެން އަޅުގަނޑު ދެންނެވީމާ، އަޅުގަނޑަކީ މާ ކަންތައްގަނޑު ބޮޑު ކޮށްލައިގެން އުޅޭ މީހެއް ކަމަށް ބައެއް ބެއިފުޅުން ވިދާޅުވާނޭ ކަމަށް ފެނެއެވެ. އެފަދަ ބެއިފުޅުންނަށް ވެސް ޤަބޫލުފުޅު ކުރެއްވެވޭ މިސާލެއް ދަންނަވައިފާނަމެވެ. އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު، އެކަމަނާގެ ފިރިކަލުންނާ މުޚާޠަބު ކުރައްވައި ޢާއްމު ތަނެއްގައި "ބޭބީ" އެވެ ވިދާޅުވެދާނޭތޯއެވެ؟ ވިދާޅު ނުވަންޏާ، އެއީ ކީއްވެގެންތޯއެވެ؟ އެއީ ޢާއްމު ތަންތަނުގައި ވާހަކަ ދެއްކުމުގައި ގެންގުޅޭން ވާ ރިވެތި އަދަބުތަކާއި އަބުރުވެރިކަމާ ޚިލާފު ގޮތެއް ކަމަށް އެ ބެއިފުޅުން ޤަބޫލު ކުރައްވާތީއެވެ. ދިވެހި އިސްލާމީ އަޚްލާޤީ އަގުތައް ނުވަތަ ޤިޔަމުތަކާއި އިންތަކަކީ "ކަޓުމުއްލާ" ގޮތްތަކެއް ކަމަށް ދެކޭ މީހުން ވެސް، މި މިސާލަށް ބަލައި އެއްޗެއް ވިސްނާނޭ ކަމަށް އަޅުގަނޑު ދެކެމެވެ. އާދޭހެވެ! އެކި ތަންތަނަށާއި އެކި ޙާލަތުތަކަށް ފެތޭނީ އެކި ކަހަލަ ބަހުރުވައެވެ. އަމިއްލަ ގޭގެ ތެރޭގައި އަމިއްލަ އަނބިމީހާ ފިރިމީހާއާ ވާހަކަ ދައްކާ ބަހުރުވަ އަކީ، ޤައުމީ ޓީވީގައި، ނުވަތަ ޖަލްސާއެއްގައި، ނުވަތަ ޢާއްމުންނާ ހަމަޔަށް ގެންދެވޭ އޯޑިއޯ ވީޑިއޯ މެސެޖުތައް ފަދަ ތަކެތީގައި ބޭނުން ކުރުން ރަނގަޅު ބަހުރުވަ ކަމަށް ނުވެދާނެއެވެ.
ދެން އޮތް ވާހަކަ އަކީ، ދިވެހި ލަފުޒުތަކުގެ ބަދަލުގައި ބިދޭސީ ލަފުޒުތައް ބޭނުން ކުރުމުގެ މައްސަލައެވެ. ވީޑިއޯގައި ދެކެވޭ ވާހަކަތަކުގެ ތެރެއިން، އަޅުގަނޑު މަތީގައި ނަކަލު ކޮށްފައި އެ ވާ ބައިތަކުން ވެސް އިނގިރޭސި އެތައް ލަފުޒެއް އެބަ ފެނެއެވެ. ދިވެހި ލަފުޒެއް ނެތް ތަންތަނަށް، ދިވެހި ބަހުގެ އަޑުމަޚްރަޖުގެ ނިޒާމަށް ފެތޭ އިނގިރޭސި ލަފުޒުތަކެއް "ލޯނު" އުޞޫލުން ގެނެސްގެން ބޭނުން ކުރުމުގެ ޙާލަތުތަކެއް ވެސް ނޫނެވެ. ދިވެހި ލަފުޒުތަކުން ބުނެވޭނޭ ވާހަކަތައް ބުނުމަށް ޓަކައި، މިހާރުގެ ޒުވާނުންގެ "އިނގިރޭސިވަންތަ" ވާހަކަދެއްކުމުގެ އުޞްލޫބަށް ތަބަޢަ ވުމުގެ ގޮތުން ބޭނުން ކޮށްފައި ވަނީއެވެ. އެހެންޏާ، "ލޯބި، އަހަރެންނަށް ފެންނަނީ އަހަރެމެން ދެމީހުން ދެން ވަކި ވާން" މިހެން ނުބުނެވޭނީތޯއެވެ؟ "މަކަރެއް ހަދައި އޮޅުވައިލީކީ ވެސް ނޫން" މިހެން ނުބުނެވޭނީތޯއެވެ؟ ވީޑިއޯގައި އިތުރަށް ބޭނުން ކޮށްފައި ހުރި އިނގިރޭސި ލަފުޒުތަކަށް ބަލާ އިރު، "ވެލިޔުޒް" މި ލަފުޒުގެ މާނަ ދޭހަ ވާ ގޮތަށް ދިވެހީންގެ ފުންނާބު އުސް ޢިލްމުވެރިން ލިޔުންތެރީން "އަގުތައް" މި ލަފުޒާއި "ޤިޔަމުތައް" މި ލަފުޒު ބޭނުން ކުރައްވައިފައި އެބަހުއްޓެވެ. ދެ މީހުން "މެޗު ވުން" މި ލަފުޒުގެ ބަދަލުގައި ދިވެހި ބަހުން ރީތިކޮށް "ދެ މީހުން ގުޅޭ" މިހެން ބުނެވޭނެއެވެ. "ބީޗް" މި ލަފުޒުގެ ބަދަލުގައި "ގޮނޑުދޮށް" މިހެން ބުނެވޭނެއެވެ. "އައި ޕްރޮމިސް" ގެ ބަދަލުގައި "އަހަރެން ވަޢުދު ވަން" ނުވަތަ "އަހަރެން ހުވައި ކުރަން" މިހެން ބުނުމުން މަދު ވަނީ ކޮން އެއްޗެއްތޯއެވެ؟
ކުރީން ވެސް ދެންނެވި ފަދައިން، ތަހުޒީބާއި ފިކުރީ އަދި ޢިލްމީ ތަރައްޤީގެ ޙާލަތު ނުހަނު ދަށަށް ގޮސްފައި އޮތުމުގެ ނަތީޖާއެއްގެ ގޮތުން، ދިވެހީންގެ އައު ޖީލުތަކުގެ ކުދީންގެ ވާހަކަ ދެއްކުމުގެ ވައްޓަފާޅީގެ އެއް ބަޔަކީ، ކޮންމެ ދެތިން ހަތަރު ލަފުޒަކުން އެއް ލަފުޒަކީ އިނގިރޭސި ލަފުޒަކަށް ހެދުމެވެ. އެއީ މައްސަލައެކެވެ. ޙައްލު ކުރާން ޖެހޭ މައްސަލައެކެވެ. އެކަމަކު މި ފެންނަނީ ދައުލަތުގެ ވުޒާރާތަކުން ވެސް އެ މައްސަލަ ބަލައިގަނެ، އެ މައްސަލަ ބޮޑު ކުރުމަށް މަސައްކަތް ކުރަމުންދާ މަންޒަރެވެ. މައްސަލަ ޙައްލު ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ މަންޒަރެވެ.
ދިވެހި ބަހުން ދައްކާ ވާހަކައެއްގެ ތެރެޔަށް، ދިވެހި ލަފުޒުތައް އުކައިލައިފައި އިނގިރޭސި ނުވަތަ އެފަދަ އެހެން ވެސް ބިދޭސީ ބަސްބަހުގެ ލަފުޒުތައް ލައިގެން ވާހަކަ ދައްކާ އުޞޫލުން، ވުޒާރާތަކުން މިފަދަ މެސެޖުތަކާއި އިޢުލާންތަކާއި ލިޔެކިޔުން ނެރުއްވުމުން، އޭގެ މާނައަކީ ކޮބައިތޯއެވެ؟ ދިވެހިރާއްޖޭގެ ޤައުމިއްޔަތާއި ޤައުމީ ތުރާސްތައް ރައްކައުތެރި ކުރާން އޮތް މަގަކީ ނުވަތަ ގޮތަކީ މިއީތޯއެވެ؟ ޤާނޫނުއަސާސީގެ 11 ވަނަ މާއްދާ އާއި، 67 ގެ (ކ) އަށް ޙުރުމަތްތެރިކޮށް ހިތައި އެ މާއްދާތަކުން ދައުލަތުގެ މައްޗަށް އެކަށައަޅައި ޤަރާރު ކޮށްފައި ވާ ދުސްތޫރީ އަދި ޤާނޫނީ ވާޖިބު އަދާ ކުރުމަކީ މިއީތޯއެވެ؟ "ވެލިޔުޒް" ރައްކައުތެރި ކުރާށޭ ކިޔައިގެން ވާހަކަ ދައްކާ މީހުންނަށް، ގޮނޑުދޮށް ކޮތަޅާއި ފުޅި އުކުމަށް ވުރެ އަސާސީ "ވެލިޔުޒް" ނޭނގުމަކީ ޢަޖާއިބު ވާން ޖެހޭ ވަރުގެ ކަމެއް ނޫންތޯއެވެ؟ ތިމާމެންގެ އަމިއްލަ ދީނުގެ އަޚްލާޤިއްޔާތާއި އަދަބުތަކާއި ސުލޫކުގެ ހަމަތަކާއި، އަމިއްލަ ޝަޚްޞިއްޔަތާއި އަމިއްލަ ޤައުމިއްޔަތުގެ "ވެލިޔުޒް" ރައްކައުތެރި ނުކުރާ ބަޔަކު، ރައްކައުތެރި ކުރާން ދެން އޮންނާނީ ކޮން "ވެލިޔުޒް" އެއް ބާވައެވެ! ރެއިގަނޑު ނުނިދައި ފޯނު ކޮށްގެން މާ ފޮޅުވާން ތިބޭ ނުވަރަފުރައިންގެ ފެންވަރަށް ދިވެހި ޤައުމުގެ ވުޒާރާތަކުގެ ފިކުރާއި އަޚްލާޤާއި ބަހުރުވަ ވެއްޓުމުން ވެސް، ހަމަ އެއްވެސް ކަމެއް ނޫން ކަމަށް ހަދައިގެން ތިބޭން ވީތޯއެވެ؟