ތޫފާން ޔޫނިސްގެ ސަބަބުން އިނގިރޭސިވިލާތުގެ ދެ ލައްކައަށްވުރެ ގިނަ ގެތަކަށް އަދިވެސް ކަރަންޓުގެ ޚިދުމަތް ނުލިބޭކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ތޫފާން ޔޫނިސްގެ ސަބަބުން 1.4 މިލިއަން ގެއިން ވަގުތީ ގޮތުން ކަރަންޓު ކެނޑުނުއިރު، އޭގެ ތެރެއިން ދެ ލައްކަ ގެއަށް އަދިވެސް ކަރަންޓު ނުލިބެއެވެ.

ތޫފާން ޔޫނިސްގެ ސަބަބުން އިނގިރޭސިވިލާތަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، 122 މޭލު ބާރުމިނުގައި ވައި ޖެހިފައިވާކަަމަށް އެ ގައުމުގެ މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

ގިނަ ގެތަކަށް ކަރަންޓު އަނބުރާ ދިނުމުގައި ލަސްތައް އުޅޭކަން ފާހަގަކޮށް އެ ގައުމުގެ ސަރުކާރުން ވަނީ އިދާރާތަކުން މިފަދަ ހާލަތްތަކަށް ތައްޔާރުވެފައި އޮތް މިންވަރު ދެނެގަތުމުގެ މަސައްކަތް ފަށާފައެވެ.

ތޫފާން ޔޫނިސްގެ ސަބަބުން އިނގިރޭސިވިލާތުގައި ފުރަތަމަ ފަހަރަށް ރަތް އެލާޓު ވަނީ ނެރެފައެވެ. މި ތޫފާނުގެ ސަބަބުން އެ ގައުމަށް ލިބުނު ގެއްލުމުގެ އަގު 410 މިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ތަޖުރިބާކާރުން ބުނެއެވެ.