13 Mar 2012, 18:17
"ނެޗުރަލް ބިއުޓީ ކެއާ" ނަމަކަށް ކިޔާ މަސާޖުޕާލާއެއް ފުލުހުން ބަންދުކޮށްފައި ވާތީ ފުލުހުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރާ ކަމަށް އަދާލަތުޕާޓީ އިން ބުނެފި އެވެ.
އަދާލަތުޕާޓީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ "މާލޭގައި ހަށިވިއްކަމުން ދިޔަ ޕާލާއެއް ކަމަށްވާ "ނެޗުރަލް ބިއުޓީކެއާ" އޭ ކިޔުނު ޕާލާއެއް 12 މާޗް 2012 ވީ ހޯމަ ދުވަހުގެ ރޭ ފުލުހުން ބަންދުކުރުމާ ގުޅިގެން އަދާލަތު ޕާޓީގެ ފަރާތުން ފުލުހުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރާ" ކަމަށެވެ.
"މިފަދަ ކަންކަމުގައި ފުލުހުން ކުރައްވަމުން ގެންދަވާ އިޚުލާސްތެރި މަސައްކަތާއި، ދައްކަވަމުން ގެންދަވާ ހުނަރުވެރިކަމާ ގާބިލުކަން ފާހަގަކޮށް އެކަމަށް ޓަކައި ނިހާޔަތަށް ޝުކުރުއަދާކުރަމެވެ." އަދާލަތު ޕާޓީގެ ބަޔާނުގައިވެ އެވެ.
އަދާލަތު ޕާޓީގެ ބަޔާނުގައި އަދި ވަނީ އެކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުން އަދާކޮށްފައިވާ ދައުރު ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ. އަދި މިފަދަ ފާހިޝު މުންކަރާތްތައް ދިވެހި ބިމުން ފުހެލުމަށް ކުރިއަށް އޮތް ތަނުގައި ވެސް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން މަސައްކަތް ކުރާނެ ކަން ޔަގީން ކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.