10:00


ރާއްޖޭގެ ޑިމޮކްރެސީ ފަހަތަށް ޖެހިގެންދިޔަ ނުދިނުމަށްޓަކައި ޅަފަތުގައި މި އޮތް ޑިމޮކްރެސީއަށް އިޚްތިރާމްކުރެއްވުމަށް އިނގިރޭސިވިލާތުގެ ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީން ރައީސް މުހައްމަދު ނަޝީދަށް މިހާރު އަންގަވަންޖެހިފައިވާ ކަމަށް ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.


ރާއްޖެއަށް ޑިމޮކްރެސީ ގެނައުމަށް އެމްޑީޕީން ކުރަމުންދިޔަ މަސައްކަތުގައި ރައީސް ނަޝީދާ ގާތް ގުޅުމެއް ބާއްވާ، ޕާޓީގެ އެކްޓިވިސްޓުން ޓްރެއިންކޮށްދިނުމުގައި އިސްދައުރެއް އަދާކުރި އިނގިރޭސި ކޮންޒަވޭޓިވް ޕާޓީއަށް ޑރ. ހަސަން ސައީދު މިހެން ގޮވާލައްވާފައި ވަނީ، ޑިމޮކްރެސީއާ ޚިލާފު އަމަލުތަކެއް ރައީސް ނަޝީދު ހިންގަވަމުން ގެންދަވާ ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ގާޑިއަން ނޫސް ވެބްސައިޓުގައި ޑރ. ހަސަން ސައީދު އިއްޔެ ލިއުއްވައިފައިވާ ލިޔުމެއްގަ އެވެ.


މި ވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ޑރ. ހަސަން ވިދާޅުވީ، ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވިތާ ދެ އަހަރު ނުވަނީސް، ރާއްޖޭގެ ޑިމޮކްރެސީއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން މިކަން ފެށިގެން އައީ ރައީސް ނަޝީދުގެ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ނުލިބުމުގެ ސަބަބުންކަން ފާހަގަކުރައްވާފައިވޭ. ޤާނޫނު ހަދާ މަޖިލީހަށް ލިބިގެންވާ ވެރިކަން ކުރާ ބާރު ޖަވާބުދާރީކުރުވުމުގެ ހައްގަށް ރައީސް ނަޝީދު އެކި ހަމަލާތައް ދެއްވަމުން ގެންދަވާއިރު އެމަނިކުފާނުގެ ކުރިން ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެފަދަ އަމަލުތަކެއް ހިންގެވި ނަމަވެސް، ރައީސް ނަޝީދު ޚުދު އެކަމަށް ކަނޑައެޅިގެން ފާޑުވިދާޅުވާނެ ކަމަށް ވެސް ޑރ. ހަސަން ވިދާޅުވެފައިވެ އެވެ.


ރައްޔިތުންގެ މަޖިލީހަށް އެ މަޖިލީހުގެ ވާޖިބުތައް އަދާކުރުމުގެ މިނިވަންކަން ރައީސް ނަޝީދު ދެއްވަންޖެހޭނެ ކަމަށާއި މާލެ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވަޓައިޒްކުރުމާއި ކެބިނެޓުގެ ވަޒީރުން ޖަވާބުދާރީކުރެއްވުން ފަދަ މުހިންމު ކަންތައް މަޖިލީހަށް ކުރެވެންޖެހޭނެ ކަމަށް ވެސް ޑރ.ހަސަން ވިދާޅުވެފައިވެ އެވެ. އެހެން ނަމަވެސް، މިއަދު މި ފެންނަނީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ މެމްބަރުން ގަވާއިދާ ޚިލާފަށް ހައްޔަރުކުރުމާއި މަގުތަކަށް ސިފައިން ނެރުން ފަދަ ކަންތައްތައްކަން ފާހަގަކުރައްވާ ޑރ.ހަސަން ވިދާޅުވީ، މިއީ އޭރު ޑިމޮކްރެސީ ގެނައުމަށް ރައީސް ނަޝީދު ކުރެއްވި މަސައްކަތުގައި ޚުދު އެމަނިކުފާނު ދެކޮޅު ހެއްދެވި ކަންތައްތައް ކަމުގަ އެވެ. އެހެންކަމުން ރާއްޖެއަށް ޑިމޮކްރެސީ ގެނައުމަށް ކޮންޒަވޭޓިވް ޕާޓީން ރައީސް ނަޝީދަށް އެހީތެރިވެދިންކަން ފާހަގަކޮށް ޑރ. ހަސަން ސައީދު ވިދާޅުވެފައި ވަނީ، ޅަފަތުގައި މި އޮތް ޑިމޮކްރެސީއަށް އިޚްތިރާމްކުރެއްވުމަށް އެ ޕާޓީން މިހާރު ނަޝީދަށް އަންގަވަންޖެހިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަން ހައްލުކުރުމަށް އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ވިލިއަމް ހޭގް މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް ޑރ. ހަސަން ސައީދު ވިދާޅުވެފައިވެ އެވެ.