ހަތް ރަށެއްގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 770 ހައުސިން ޔުނިޓު އަޅައިދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިޢުލާނުކޮށްފިއެވެ.

އެގޮތުން ހައުސިން ޔުނިޓް އަޅަން ނިންމާފައިވާ ރަށްތަކަކީ ނ. ހޮޅުދޫ، ނ. މަނަދޫ، ށ. މިލަންދޫ، ގއ. ވިލިނގިލި، ޅ. ހިންނަވަރު، ލ. ގަން އަދި ހދ. ކުޅުދުއްފުއްޓެވެ.

ފިނޭންސް މިނިސްޓްރީން ވަކިވަކިން ކޮށްފައިވާ އިޢުލާނުތަކެއްގައި ބުނިީ، ހައުސިން މިނިސްޓްރީގެ އެދުމުގެމަތިން ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ ރަށްތަކުގައި ހައުސިން ޔުނިޓް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. އެހެންކަމުން އެ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެކަމަށް އެ އިޢުލާނުގައިވެއެވެ.

މިހާރުވެސް ބައެއް ރަށްރަށުގައި ހައުސިން ޔުނިޓްތައް ގާއިމްކުރުމުގެ މަޝްރޫއުތައް ކުރިއަށް އެބަދެއެވެ. ސަރުކާރުން ޅ. ނައިފަރުގައި ގާއިމްކުރި 100 ހައުސިން ޔުނިޓް ނިންމައި އެތަންތަނުގެ ތަޅުދަނޑި އިއްޔެ ވަނީ އެރަށު ކައުންސިލާ ހަވާލުކޮށްފައެވެ.