20 Feb 2022, 23:33
އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތު ކޮވިޑަށް ޕޮޒިޓިވްވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކަމަނާއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފިއެވެ.
އެކަމާ ގުޅިގެން ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ އެކަމަނާއަށް އަވަސް ޝިފާއެއް ދެއްވައި ރަނގަޅު ސިއްހަތެއްގައި ލެއްވުމަށް އެދިވަޑައިގެންފައެވެ.
މިއަދު ޝާހީ ގަނޑުވަރު، ބަކިންހަމް ޕެލަސް އިން ކުރި އިޢުލާނުގައި ވަނީ އުމުރުފުޅުން 95 އަހަރުގައި ރާނީ ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، އެކަމަނާގެ ކިބައިން ބަލީގެ އަސަރުތަށް ވެސް ފެނިފައިވާކަމަށެވެ. އަދި ރާނީ ވަނީ ވެކްސިން ފުރިހަމަކޮށްފައި ކަމަށް ވެސް އެކަމަނާގެ އާއިލާއިން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ރައްޔިތުންވެސް ރާނީއަށް އަވަސް ޝިފާއަކަށް އެދި އެމީހުގެ ޝުޢޫރުތައް ސޯޝަލް މީޑިއާގައި ދަނީ ހާމަކުރަމުންނެވެ.