އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އިންތިޚާބުގައި ޑެޕިއުޓީ ލީޑަރުކަަމަށް ވާދަކޮށް ވޯޓު އެއްވަރުވި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ މެދުގައި ވޯޓުލުން މިމަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެމްޑިޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ދެ ޑެޕިއުޓީ ލީޑަރުން ހޮވުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި އިންތިޚާބުން އެންމެ ގިނަ ވޯޓް ހޯއްދަވައި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ވަނީ ޑެޕިއުޓީ ލީޑަރުކަމުގެ އެއްގޮނޑި ކާމިޔާބުކުރައްވާފައެވެ.

ތިރީސް ހަތަރު ވޯޓުން އެއްވަރުވި ދެ ކެންޑިޑޭޓުންގެ މެދުގައި ވޯޓުލުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު މެންދުރުފަހު 2:00 އިން 4:00 އަށެވެ.

މިދިޔަ ހުކުރުދުވަހު ބޭއްވި އިންތިޚާބުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރުކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވަނީ އިންތިޚާބުވެވަޑައިގެންފައެވެ. އެ އިންތިޚާބުގައި އަސްލަމަށް ލިބިވަޑައިގަތީ 40 ވޯޓެވެ. އަސްލަމް ވާދަކުރެއްވީ، މެދުހެންވެއިރު ދާއިރާގެ މެންބަރު އަދި މިހާރުގެ ޕީޖީ ލީޑާރު ޢަލީ އާޒިމާއެވެ. އެ އިންތިޚާބުގައި އާޒިމަށް ލިބުނީ 25 ވޯޓެވެ.