"މީހުންގެ ރުހުން ހޯދުމަށްޓަކާ ތިމާގެ ނަފުސް ގުރުބާންކުރާކަށް ނުވާނެއެވެ. ތިބާގެ ނަފުސަށް ގެންނަ ބަދަލުތަކަކީ ﷲ ތައާލާގެ ރުހިވޮޑިގަތުން ހޯދުމަށް ގެންނަ ބަދަލުތަކަށް ހަދާށެވެ."

***

"އައިމަލްއަށް އެވީ ކިހިނެއްތަ؟ ކޮންމެ ގޮތަކަށް ހެދިޔަސް ހަނާގެވެސް އަންކަލް. އެހެންނޫނަސް އިންސާނިއްޔަތަށްޓަކާ އެހީވާން ޖެހޭނެ..ފިނިވެސް ގަދަކަން. ވައިރޯޅިވެސް ގަނޑުފެނުގެ އަސަރު މިހުންނަނީ..."

އަލާޔާ ޖެކެޓް ގަޔަށް ހެޔޮވަރުކޮށްލަމުން އަވަސް ހިނގުމެއްގައި ބޭރަށް ނުކުތެވެ.

"ހޭއި މަރުވަނީތަ؟" އަލާޔާ ކަންބޮޑުވުމާއެކު ގާތަށް ޖެހިލިތަނާ އައިމަލް ހަށިގަނޑު ސީދާކޮށްލައިފިއެވެ. އެމޫނަށް ވެރިވީ ކޮން ކުލައެއްކަމެއްވެސް ނޭގުނެވެ. ކުއްލިއަކަށް އައިމަލް ހޭންފެށިއެވެ. އެ ސީރިޔަސް ފިރިހެނާގެ އެ ހުނުމުގެ އަޑު ކަންފަތުގައި ޖެހުމުން ގަބޫލުކުރަން ދަތިވެފައިހުރިއިރު ރަގަޅަށްވެސް މޮޔަވީބާވައޭ ހިތަށް އެރިއެވެ.

"މަރުވަނީއެއް ނޫން. މޮޔަވީ...." އައިމަލްގެ މޫނުމަތިން އެހެން ދުވަހު އެފެންނަ ނުރުހުމުގެ ކުލަ ނެތި މަޑުމައިތިރި ކަމެއް ފެނުނެވެ. އޭނައަށް އެލާޖިކްވެ ފެނުމުން އަންނަ އެ "ރިއެކްޝަން"ގެ ބަދަލުގައި ލޮލުން ހަމްދަރުދީގެ ކުލަވަރުވެސް ފެނުނެވެ. އޭނަ ބަލަން ހުރީ އެހާވެސް މަޑުމައިތިރިކަން އެކުލެވޭ ބެލުމަކުންނެވެ. ފުރަތަމަ ފަހަރަށް އަލާޔާގެ މޫނު ދަސްކުރަން އުޅޭފަދައެވެ.

"މޮޔައެކޭ ނިތްކުރީގައި ލިޔެވިފައި ނެތަސް އެހެން ހީވެއްޖެ...."އަލާޔާ ހިނިގަނޑެއް ޖަހައިލިއެވެ."ނަފްސާނީ ޑޮކްޓަރުން ނަފްސާނީ ކަންތައްތަކުގައި އުޅެމުންގޮސް ބޯ ގޮވާ އަޑު އަހަން. އެހެންވެ އެހާ ޝޮކިން އެއް ނޫން. އަމިއްލައަށް ބޭސްކުރަން އެނގޭނެތަ؟"

އަލާޔާ އެއްބުމަ އަރުވައިލިއެވެ." އަސްލުވެސް އުޅުނީ އެމްބިއުލެންސަށް ގުޅަން...މަރުވަނީކަމަށް ހީކޮށް.."

"ހެހެ......" އައިމަލް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލިއެވެ. ފޯނަށް ބަލައިލުމަށްފަހު އަނެއް ފަރާތަށް އެނބުރުނެވެ. ކޮންމެވެސް ކަމަކާއި ހާސްވެ ނުތަނަވަސްވެފައި ހުރިގޮތަކަށް ފެނުނެވެ.

"ޑޮކްޓަރ އައިމަލް..އެވްރީތިން އޯކޭ؟ ތި ވިސްނަނީ ސަމަރުއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތުންތަ؟ ދުނިޔޭގެ ހުރިހާ މުސީބާތަކަށްވުރެ މަށަށް ބޮޑުކަމަކަށްވަނީ ސަމަރުއާއިމެދު ކަންތައް ހިނގިގޮތް. އައި ހޯޕް އިބުރަތެއް ލިބި އެ ފަކީރާއި އަޅާލާ ދެ އަންބަށް ނަމަވެސް އިންނާނެކަމަށް. ޕްރެގްވަނީ އަންހެނުންކަމަށް ވާތީ އެމީހުން އުފުލަން ޖެހޭ ބުރަ ފިރިހެނުންނަށް ނޭގޭނެ. ކިހާ ފަސޭހަ. އެކި އަންހެންކުދިން ގާތަށް ޖައްސާފައި އުދުހި އުޅޭ މާބުރެކޭ ތަފާތެއްނެތް......." އަލާޔާ ހަމްދަރުދީއާއެކު ސުވާލުކޮށްފައިވެސް އުކުޅުގައި އަތް ވިއްދައިލަމުން ވާހަކަދެއްކިއެވެ.

"އަހަރެން ފުރަތަމަ މާފަށް އެދެން ޖެހެނީ އަލާޔާ ގާތުން....އައިމް ސޮރީ..." އައިމަލްއަށް އަލާޔާއާއި ހަތަރުކަޅި ހަމަކުރަން އުދަގޫވިއެވެ.

"ކޮންކަމަކާ؟"

"ހަގީގަތް އެނގުނީމަ...."

"ތިބުނި އެއްޗެއް ނޭގުނު..." އަލާޔާ ހައިރާންވިއެވެ. އައިމަލްއަށް އިތުރަށް އެނގެންވީ ހަގީގަތަކީ ކޮބާހެއްޔެވެ؟

"މިގެ ކައިރީ އެހުންނަނީނު ރެސްޓޯރެންޓެއް. މާދަން ހަވީރު އެތަނަށް ގޮސް ވާހަކަދައްކަމާ ހިނގާ. އޭރުން ހަގީގަތް ހާމަވާނެ...." އައިމަލް ފިނިވެފައިވާ އިނގިލިތައް އުނގުޅައިލަމުން ދުރަށް ނަޒަރު ހުއްޓައިލިއިރު އެސްފިޔަތައް ތެމުނުހެން ހީވެ އަލާޔާވެސް ކަންބޮޑުވިއެވެ. މާދަން ހަވީރުވަންދެން އިންތިޒާރުކުރުމަކީ އޭނައަށް ކުރެވޭނެކަމެއް ހެއްޔެވެ؟

"އެންމެ ރަގަޅު....އައިލް ބީ ދެއަރ އިންޝާﷲ..." އަލާޔާ ބޮޑުވާ އިނގިލި އުފުލައިލިއެވެ." ސަމަރުއާއިމެދު ވިސްނައިލައްޗޭ. ސްޓެޕް ސިސްއަކަށްވެސް ވާން ދޯ އެއުޅެނީ؟ ދެމީހުންގެ ޕޭރެންޓްސް ކައިވެނީގެގޮތުން ގުޅުނީމަ އާއިލާ މެމްބަރުންނަށް ވުމުން ތި ޔޫނިއަންއިންވެސް ފެމިލީއަށް ހަމަޖެހުމެއް ލިބިދާނެ..ޖަސްޓް ތިންކް އެބައުޓް އިޓް އިނގޭ.........."

އައިމަލް ވަކި ޖަވާބެއް ނުދީ ދުރަށް ދާން ހިނގައިގަތުމުން އަލާޔާއަށް ވިސްނުމެއްގައި ހުރެވުނެވެ.

"ދޮންބެ.......ޑޭޓަކަށްތަ އަހަރެމެން ދަނީ؟"

"ހަނާއާއިގެން.....ބޭނުންގޮތަކަށް ހީކުރިޔަސް ފަރުވާލެއްނެތް...." އައިމަލް ފަހަތަށް އެނބުރި ބަލައިލުމެއްނެތި ބުނެލިއެވެ.

"ސްޓްރޭންޖް....."އަލާޔާ ގަހަށް ލެނގިލައިގެން ހުރެފައި ހީލިއެވެ."ކެތްތެރިންނާއެކު ﷲ ޖައްލަ ޖަލާލުހޫ ވޮޑިގެންވަނީ. ކޮންމެވެސް ރަގަޅު ވާހަކައެއް އިވެން އުޅެއޭ ހިތަށް އަރާނީ ސަބަބަކާއިހެދި. އައިމަލްގެ ފަރާތުން އެންޖެލިކް ސައިޑެއް ފެނިދާނެކަމުގެ އުއްމީދުވެސް ލިބިއްޖެ. އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ. އައިމަލްއަށް ހެޔޮވިސްނުން ދެއްވާށި....."

އަލާޔާ ދެއަތް އުފުލައިލަމުން އުޑާއި ދިމާލަށް ބަލަހައްޓައިގެން ހުރެ ދުޢާކުރަންފެށިއެވެ." ޔާﷲ. މިފަދަ ރީތި މަންޒަރުތައް ލައްވާ ހިތަށް ފިނިކަން ލިބޭއިރު ޖަންނަތު ޚިޔާލަށްވެސް ނުގެނެވޭ.ކާއިނާތުގެ ކޮންމެ ކަމަކަށް ފިކުރު ހިންގައިލިޔަސް ހިތްތައް އަޖައިބުކުރުވާ. އަދި ދެއްވި މިލިއަނުން ގުނާ އަދަދު ނުކުރެވޭ ނިއުމަތްތަކާއިމެދު ޝުކުރުވެރިވުމުގައި މި ހިތް ޣާފިލެއްނުވޭ. އައިމަލްފަދަ މަގުއޮޅިފައިވާ ފަރާތްތަކަށް ހިދާޔަތް ދެއްވާދޭވެ. އޭނަގެ ހިތް ބަދަލުކުރައްވާދޭވެ. އަދި ނިކަމެތިކަން ލިބިފައިވާ އެ އަންހެންކުއްޖާއަށްޓަކާ އެ ހަރުކަށި ހިތް މަޑުކުރައްވާދޭވެ............."

***

އަލާޔާއާއި ސަލާރު ޚަރީފު ފަތްތަކުގެ ދާނުގައި ފަތުން ބޯޅަކުޅެން އުޅެލާފައި އެންމެ ފަހުން ޖައްސައިލީ ގަހުގެ ބުޑުގައެވެ. އައިމަލްއާއި ދެކެވުނު ވާހަކަތައް ހިއްސާކުރުމަށްފަހު އޭނައާއި އެކު "ޑޭޓް"އަކަށް ދާން ހުއްދައަކަށް އެދުމުން ސަލާރު ދަތްދޮޅީގައި އަތް ވިއްދާލައިގެން ބަލަހައްޓައިގެން އިނެވެ.

"ވަޓް؟" އަލާޔާ އެސްފިޔަ ތިރިކޮށްލިއެވެ.

"އޭނަގެ ނިޔަތާއިމެދު ވިސްނެނީ. ވަރަށް ތަފާތު. ކީއްވެ ސަމަރު ގޮވައިގެން ނުދިޔައީ؟ އޭނަގެ ބޭނުމަކީ ކޮބާ؟ އަހަރެން ދަންތަ؟"

"ހޫމް. އެހެން ޓޭބަލްއެއްގައި މަޑުކޮށްލާ. މާސްކު އަޅައިގެން އެހެން ޖެކެޓެއްލައިގެން އިނީމަ ނޭގި ހިނގައިދާނެ. މި ޕެންޑެމިކްގައި ވަރަށް އުދަގޫތަކާއިއެކު ކޮންމެވެސް ވަރަކަށް ރަގަޅު ކަންތައްވެސް އެބަ ހިނގާ. މާސްކު އެޅުން. މޫނު ފޮރުވުން. މޫނު ބުރުގާ އެޅުން މަނާކުރުމުން އެންމެން މާސްކު އަޅަން ޖެހިއްޖެ ދޯ. ފިރިހެނުންނަށްދާންދެން ވަކިކުރަން ނޭގެއެއްނު. އެހެންވީމަ ސަލާރު ޖެހިގެން އިނަސް އައިމަލްއަށް ނޭގި ހިގައިދާނެ. އެކަމަކު ޑްރެސްކުރާގޮތް ތަފާތުކޮށްލައްޗޭ...."

"ތޭންކްސް ފޯ ދަ އައިޑިއާ މައިލޭޑީ....."

***

އެރޭވެސް އަލާޔާ ސަމަރުއަށް އެހީވާން އެކޮޓަރީގައި އިނީ ހަނާ ނިންދަވާފައެވެ. ސަބޫރު ކޮޓަރިއަށް ވަދެ ފޫހިވެފައި ބުނީ ސަލާރު މިއުޒިކް ހުއްޓައިލި ސަބަބަކީ އަލާޔާ ކަމުގައި މަންމަ ބުނިކަމުގައެވެ.

"ހީ ގޮޓް ފޭމް އެންޑް އެވްރީތިން. އަލާޔާ ޖެލަސްވީތަ؟ވަޓްސް ރޯންގް ވިތް ޔޫ. ސަލާރު އެހާ ފޭމަސްވީމަ ހާދަ ޕްރައުޑްވިއޭ. ހުރިހާ ފްރެންޑުން މަށާއި ޖޭވެފައި. މަންމަ ބުނި ސަލާރުއަށް ތިގޭ މީހުން ސިހުރުހަދަނީޔޯ. އަލާޔާގެ ބައްޕަ ރަށުގައި ގޮސް އުޅުނޯ..އެއީ ތެދެއްދޯ. އެހެންނޫންމަ އެހާ ބޮޑު އަނިޔާއެއްވެސް ނުވީސް....." ސަބޫރު ހަށަން ބަދެލައިގެން ހުރިއިރު ތުންވެސް ފިތާ ބާރުކޮށްލައިގެންނެވެ. ދެބުމަވެސް ގުޅިފައެވެ.

"ސަލާރުގެ އަމިއްލަ ޑިޒިޝަން. ސަބޫރުގޮސް އަހާބަލަ. ކިޔައިދޭނެ.."

"އައިމް އެންގްރީ...."

"ރުޅި ފިލާނެ ވާހަކަދެއްކީމަ. އޭނަ ކުއިޓްކުރަން ޖެހުނީ ކީއްވެކަން އޭރަށް ބުނާނެ. އެވަގުތު ކަންހިނގިގޮތް އޭނަގެ ލޮލުން ދެކުނީ. މިއުޒިކް ހުއްޓުމާއި ހަރާމް ކަންތައްތަކުން ދުރުވުމަށް ބައެއްފަހަރު ސަބަބު މެދުވެރިކުރައްވާ. އޭނަ ކަންފަތް ގެއްލުނީމަ ވިސްނުނީ. އައި މީން ކޮންމެހެން އިބުރަތެއް ލިބެން ކޮންމެ ކޮންމެ ފަހަރަކު ކަންފަތް ނޫނީ އެހެން ތަނެއް ނުގޮސް ހުރެދާނެ..އެކި މީހުންނަށް ގައިޑެންސް ލިބޭނީ އެކިގޮތަށް......." އަލާޔާ ސަމަރުގެ ބޮލުގައި މަޑުމަޑުން މަސާޖުކޮށްލަދޭން އިނެވެ.

"ސަބޫރު ތިމާގެ ވާން އުޅޭ ފަހަރިއާއި އަދަބުވެރިކޮށް ވާހަކަދައްކާ...ސަބޫރުގެ ބީޓީއެސް މީހުންގެ ފޮޓޯ ތަތްކޮށްގެން އެފޮޓޯތަކަށް އަޅުކަން ކުރީމަ ލިބޭ އެއްޗެއް ނޭގޭ. ދެން މަގޭ ބޮލުގެ ރިހުންވެސް ގަދަވެއްޖެ ސަބް އެކަހަލަ މޮޔަ އެއްޗެހި ކިޔަން ފެށީމަ...." ސަމަރު ކުޑަކޮށް ލޯ ހުޅުވާލާފައިވެސް ކަޅި އަޅައިގަތެވެ." އަވަހަށް ދޭ. ގޮސް ސަލާރުއާއި ހަގުރާމަ ހަދާ...................."

"އެންމެނަށް ސިހުރު ޖެހިއްޖެ..."

"ސަބް ސްޓޯރީ ލިޔަމެއްނު. ގޮސް ސިހުރު ސްޓޯރީއެއް ލިޔެފަ ސައިޓަކަށް ލާ..." ސަމަރު ކުޑަކޮށް ހިނިއައެވެ.

"ސަމަރު އަބަދު ބުނާނެ އަލާޔާ ބިޓްރޭކުރީއޭ. އެކަމަކު ސަލާރުގެ ހިތެއްގެ ބަދަލުގައި އޮތީ މާޝްމެލޯއެއް. މެލްޓެޑް މާޝްމެލޯއެއް. އެހާ މަޑު ހިތްކޮޅެއް އޮތީމަ އަލާޔާއަށް ފޮގިވްކޮށް މެރީކޮށް އޭނަގެ ލޯބި ކެރިއާވެސް ސެކްރިފައިސްކުރީ. އަދި ހީ ވިލް ރިގްރެޓް . ދިސް ކްރީޗާ ބިފޯ މީ އިޒް އީވިލް އެންޑް ހޮރިބަލް. އައި ރިއަލީ ހޭޓް ޔޫ....ސަލާރުގެ ފިއުޗާ ހަމަ ރުއިންކޮށްލައިފި......"

"ޝަޓަޕް...."ސަމަރު ދަތް ވިކައިގަތެވެ."ބަލިވެގެން އަރާމުކޮށްލަންވެސް އޮވެވޭކަމެއް ނުވޭ. މި ކިއުޓް މައުތް ބެބްލްކުރާވަރުން.........."

"މާތްﷲ ހިދާޔަތް ދެއްވަން ހުރި އަޅަކަށް ހިދާޔަތް ދެއްވާނެ......ނޯ ވޮރީސް ސަމަރު ޑާލިން. އެކަމަކު އަހަރެމެންގެ މާހައުލުގެ އަސަރުވެސް ކުރާނެ ދޯ..ސަބޫރުއަށް އައިޑަލްސްއަށް ވާނީ. ނަމާދުކޮށް ގުރުއާން ކިޔަވާތަން ފެނުނީމަ ހަމަ ޗޭންޖުވެދާނެ. އެ އުމުރުގައި ވިސްނުން އެހެން ހުރެދާނެ.." އަލާޔާ ކިބިއްސެއް އެޅުމުން ސަބޫރު ކުއްލިއަކަށް މޫނުގައި އަތް އަޅާފައި އަޅާ އިތިކޮށް ދުއްވައިގަތެވެ.

"މިހާރު މީހަކު ދުރަށް ފޮނުވައިލަން ވެއްޖެއްޔާ ގަދަކަމުންވެސް ދެތިންފަހަރު ކިބިހި އަޅައިލަންވީ.......ނޭވާ ނުލާ ހަ ފޫޓް ކީއްކުރަން ސަތޭކަ ފޫޓަށްވެސް ދުވެފައި ދާނެ. އެހާވެސް މީހުން ބިރުގަންނަ ބައްޔަކަށް ކޮވިޑް ވެއްޖެ ދޯ..." އަލާޔާ ހީލަމުން ކިޔައިލިއެވެ.

***

އަލާޔާ ހަނާގެ އަތުގައި ހިފައިގެންގޮސް އައިމަލް ރިޒާވްކޮށްފައި ހުރި މޭޒުގައި އިށީނެވެ. މާގިނައިރު އިންތިޒާރުކުރާކަށް ނުޖެހުނެވެ. އިސްކޮޅުން ދިގު ޒުވާނަކު އައިސް ކުރިމަތީގައި އިށީނުމާއެކު އަލާޔާގެ ނަޒަރު ހުއްޓުނީ އެ ގަދަ ޗޮކްލެޓްކުލައިގެ ލޮލަށެވެ. އެތައް ފަހަރު ދެކުނު އެ "ނައިޓްމެއާ"އެއްފަދަ ތޫނު ދެލޯ ފެނުމާއެކުވެސް ހިތަށް ހޫނު ފެން އެއްޗެއް ބަންޑުންކޮށްލިހެން ހީވިއެވެ. ކުރިމަތީގައި މިއިށީނީ ދުވަހަކު އަލުން އެމޫނަށް އިންތިޒާރުކުރި މޫނެއް ނޫނެވެ. ދުވަހަކު ބައްދަލުވެދާނެކަމަށް އުއްމީދު ނުކުރާ މީހާއެވެ. ހައިޝަމްއެވެ. ހަނާގެ ބައްޕައެވެ.

"މިއީ އަހަރެމެންގެ ދަރިފުޅު...؟އައިމަލް ޑީއެންއޭ ހަދާފައި ޔަގީންކުރި ވާހަކަ ބުނީމަ ގަބޫލުކުރަން ޖެހުނީ. އަދި މިކުއްޖާ މަށާއި ވައްތަރު. ހެލޯ. އައިމް ޔޯ ޑެޑީ......" ހައިޝަމް ހަނާގެ އަތާއި އަތް ގުޅުވައިލިއެވެ. ހަނާއަށް ބަލައިލެވުނީ އޭނަގެ މަންމަގެ މޫނަށެވެ. ޔަގީން ނުކުރެވިގެންނެވެ. ހައިޝަމް އޭނަގެ ދަރިފުޅާއި ވާހަކަދައްކަން ނިކަން ހަމަޖެހިފައި އިންއިރު ހަނާ ޖަވާބުދިނީ ކުރި ސުވާލަށް އެކަންޏެވެ. އެދޭތެރޭގައި އޮތީ އުދަގޫ ގުޅުމެކެވެ.

އޭނަގެ ނަޒަރު ހުއްޓުނީ އަނެއް ފަޅީގައި ހުރި މޭޒުގައި އިށީން ސަލާރުއަށެވެ. އަލާޔާ އެދުނީ ދަރިފުޅު ހަނާ ގާތު އެމޭޒުގައި އިނުމަށެވެ. ހަނާ ބަސް އަހައިގެން ގޮސް ސަލާރުގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީދެ ފޯނުން ކާޓޫނު ބަލަންފެށިއެވެ. ހަނާއަށްވެސް ސަލާރު އަކީ ކާކުކަން ރޭކާނުލީއެވެ. ހައިޝަމް ވާހަކަދައްކަނީ އިނގިރޭސިންކަމަށް ވާތީއާއި ރާގު ހުރިގޮތުން ހަނާ ކަންފަތް ދިއްކޮށްގެން އިނަސް ފަހުމް ނުވާނެކަން އަލާޔާއަށް އެނގެއެވެ.

ހައިޝަމް ވޭޓަރަކަށް ގޮވާލާފައި އޭނަ އަށް ފެންނަ އެއްޗަކަށް އޯޑަރު ދިނެވެ.

"ޝޮކެއްގައި ތިއިނީ؟ ބައްޕަ އަހަރެން ދުނިޔޭގައި ނެތް ވާހަކަ ބުނީ ދޯ. ހަގީގަތުގައި އަހަރެން ގެއްލުނީކަމަށް އައިމަލްވެސް ހީކުރީ. ކޯންޗަކަށް އޯޑަރުކުރާނީ؟"

"މަށަށް ހީވަނީ ފެނިގެއްލިދާ މީހުންނާއި އެއްޗެހީގެ މޫސުމެއްހެން. އެނީވޭސް ވަޓް ޑޫ ޔޫ ވޯންޓް.؟"

"އަހަރެން އައިމަލް ގާތު ބުނީ އާޒީންއާއި ދަރިފުޅާއި ބައްދަލުކުރަން ބޭނުމޭ...."ހައިޝަމް ބުނެލިއެވެ."އެކަމަކު ހަގީގަތުގައި އައިމަލްގެ ސްޓުޕިޑްކަމުން އޭނަގެ ސަބަބުން ބޮޑަށް ބައްދަލުމިކުރީ. ކީއްވެކަން އެނގޭތަ؟"

"މީހުންގެ ސިކުނޑި ފަޅައިގެން ބަލާވަރުގެ ގާބިލުކަމެއްނެތް..ބުނީމަ އެނގޭނީ. ނުބުނަނީސް ނޭގޭނެކަމެއް ނޭގޭތަ؟ އިފް ޔޫ ނޯ ވަޓް އައިމީން...." އަލާޔާ ހީލައިގެން އިނަސް އެތެރެއެތެރެއިން ހުޅު ރޯވެއްޖެއެވެ.

"އޭރުވެސް މިހާރުވެސް ދެމީހުންގެ މަދު އެއްޗަކީ ކެމިސްޓްރީ..ވީ ޑޯންޓް ހޭވް ކެމިސްޓްރީ. އެކަމަކު ކޮންމެވެސް ވަރަކަށް އެއްގޮތް ކަމެއްވެސް ހުރި............"

"ފިޒިކްސް ދޯ އޭރު އޮތީ؟ ފިޒިކްސްއާއި ބައިލޮޖީތަ؟ އެއްގޮތް ކަމެއް ހުރެއްޖެއްޔާ ދެމީހުންގެ ލޮލާއި އަނގަޔަކާއި ތުންފަތެއް އިންކަން. ބޮލުގައި އިސްތަށިތައް ހަމަޔަށް ހުރިކަން......." އަލާޔާ ލޮލުތެރޭ ކަޅި ހިންގައިލިއެވެ."ދެން ތިބުނަން އުޅޭ އެއްޗެއް ބުނެބަލަ. މަގޭ ލައިފްގައި ބޭކާރުކުރެވުނު ވަގުތުގެ ތެރެއަށް ކިތައް މިނިޓް ލާން ތި ގަސްތުކުރަނީ؟"

ހައިޝަމްގެ ލޮލުން ނުރައްކާތެރި ވިދުވަރެއް ފެނުނެވެ.

"ޑޯންޓް ޓެސްޓް މައި ޕޭޝަންސް..."

"ޑޯންޓް ތްރެޓްން މީ....." އަލާޔާވެސް އެރާގުގައި ބުނެލިއެވެ.

"އައިމަލް ކީކޭ ބުނީ؟ކޮން ހަގީގަތެއް ކިޔާދޭނަމޭ އެބުނީ." އަލާޔާވެސް ވާހަކަދެއްކީ އިނގިރޭސިންނެވެ.

"އައިމަލް ހީކުރީ އާޒީން ކަމަށް ބޭވަފާތެރިވީ. އެހެންވެ އޭނަ އާޒީން ހުރިތަނަކުން ހޯދާފައި ރިވެންޖްނަގަން ބޭނުންވީ. އެހެން އުޅެމުން އޭނައާއި ހެދި އަންހެންކުދިން އުޅުނުވަރުން އެކަމުގެ އެޑްވާންޓޭޖްވެސް ނެގުނީޔޯ.އަހަރެންގެ ޑާކް ސައިޑް އެނގުމުން އައިމަލްއަށް ޝޮކެއްލިބުނީ. ރުޅިއައިއްސަހުރީ. އެކަމަކު ބުނި ދަރިފުޅާއި ބައްދަލުކޮށްދޭނަމޭ. އާޒީން ގާތުން މާފަށް އެދޭށޭ. އެކަމަކު އާޒީންއުޅެނީ މެރީކުރާށޭ. ކިހިނެއް އެހެން ފިރިހެނަކަށް އިތުބާރުކުރެވުނީ؟ "ހައިޝާމްގެ ލޯވެސް ހޭފަދައެވެ.

"ސަބަބަކީ މިފަހަރު ދިރިއުޅުމަށް އައީ ހަގީގީ ލޯބިވެވުނީ އިންސާނަކަށް ވީމަ. ޑެވިލްއަކަށް ނުވީމަ. ތަފާތު އެނގިއްޖެތަ؟ އިންސާނުންގެ ސިފައިގާ ޝައިތާނުން ތިބިކަން އެނގުނީ ރީތި ސިފައެއްގައި ހުރި ޑީމަން އެއް ދިރިއުޅުމަށް އައިސް އެތައް އަޒާބަކާއި އަހުވައެއް ދެއްކީމަ. މުޅި ޖިސްމާއި ރޫހުގައި ލަކުނު ލައްވާފައި ދިރިއުޅުން އެފުށުން މިފުށަށް ޖަހާފައި އޭގެ ވަކިތަކުން ސަލާމަތްވެ ނޭވާލެވުނީ ހިދާޔަތް ލިބުނީމަ. ދެނެއް އެކަހަލަ ޑެވިލްއަކަށް ނުހެއްލޭނެ. މާތް ސާފު ތާހިރު ހިތެއްގެ ވެރިއެއް ލައިފަށް އަންނާނީ ނަސީބު ނިކަންރަގަޅު އަންހެންކުއްޖެއްގެ. އަހަރެންހާ ނަސީބު ރަގަޅު ކުއްޖެއް މި ކާއިނާތުގައިވާހެނެއް ހިޔެއްނުވޭ......" އަލާޔާ ހައިޝަމްގެ ލޮލާއި ލޯ ގުޅުވައިލިއެވެ.

"ހާދަ ބްރޭވް ވެއްޖެއޭ..."

"ހަގީގަތުގައި ތި ބޭފުޅާއަށްވެސް ކްރެޑިޓް ދޭން ޖެހޭ. ސަބަބަކީ މިހާ ސްޓްރޯންގް ވެވުނީ ތި ބޭފުޅާއާއި ޖެހި. އެތައް ފިލާވަޅެއް ދަސްވި. އެކަމަކު އެވެސް އަދި ކޮއްކޮ ރިވެންޖް ނަގަން އައީމަ. މުޅި ލައިފް އެއްކޮށް ޗޭންޖްވެއްޖެ. އައިމަލްގެ ނުބައިކަން ފޮރުވަންވެގެން ދީނީ މާސްކެއް އެޅުމުންވެސް ލިބުނީ ހަގީގަތުގައި ފިލާވަޅެއް. އޭގެ ސަބަބުން ދީނަށް ޝައުގުވެރިވެރިވެވުނީ. އެހެންވެ ޝުކުރުގެ ކުޑަ އެތިފުކެއް ތި ބްރަދާސްއިންނަށް ދީފިން. ކޮންމެ އިންސާނަކު ދިރިއުޅުމަށް އަންނާނީ ކޮންމެވެސް ޕާޕޯސްއެއް އޮތީމަ. އެކަމުގެ ހިކުމަތް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތް.." އަލާޔާ ހީހީފައި ވާހަކަދެއްކިއެވެ." ޔޫ ޑެވިލް. ކިތަން އަންހެންކުދިންނަށް ލަނޑު ދީފިންތަ؟ އިބުލީސް ކްލެޕްކޮށްކޮށް އަތް ހާސްފަހަރު ފަޅާ ހީލް ވެއްޖެ.."

"އޭރުވެސް މިހާރުވެސް އަނގައެއް އެބައޮތް..." ހައިޝަމް ނުރުހިފައިވާ ނަޒަރަކުން ބަލައިލަމުން ގޮނޑިއަށް ލެގިލިއެވެ.

"އަހަރެން މިއުޅެނީ މެރީކުރަން."

"އަހަރެން ނާހަން ދޯ...."

"ޑެވިލް ހިތަށް އަރާފާނެ އަލުން ކައިވެނި ކުރަންވީއޭ...."

"އޯމައިގޯޑް. ހާދަ ސެލްފް ކޮންފިޑެންސް މަތިވީ...."

"ހުރިހާ އެއްޗެއް މަތިވެފައި ހުރީ. އެނީވޭސް މިހާރު އައިމަލް ހާމަކުރަން ބޭނުންވި ހަގީގަތް އެނގިއްޖެ. މިހުރިހާ ދުވަހު އޭނަގެ ކްރިމިނަލް ބްރަދާ މަރުވީކަމަށް ހެދިގެން ފިލައިގެން އުޅުނީ. އަދި އޭރު އައިގޮތަށް އައިމަލްމެންނަށް ބުނެދީފައި އޮތީ އަހަރެން ބިޓްރޭކުރީއޭ. އެހެންވެ އައިމަލް ރިވެންޖްނެގީ. ހަނާއަކީ ތިމާގެ ބޭބެގެ ދަރިއެއްކަމަށް ޝައްކުވީމަ ގެނެސް ޑީއެންއޭ ހެއްދީ. އެހެންވެ ފުލް އޮފް ރިގްރެޓް ދޯ.ވީއިރު ދެން އަހަރެން ދިޔައީ. ދައްކާނެ އިތުރު ވާހަކައެއްނެތް..........."

"ހާދަ މޮޅަށް ދެނެގަތީ؟ އަހަރެން ކްރިމިނަލްއެކޭ؟" ހައިޝަމްގެ އިނގިލިތައް މުށްކެވުނެވެ.

"އެންމެ އިނގިއްޔެއް ހިއްލާލިޔަސް މަގޭ ބޮޑީގާޑް ތި ފޭސް ބްރޭކްކޮށްލާނެ. މިހާރު މިއީ އެ ނާޒުކް ކުޑަ އަންހެންކުއްޖާއެއްނޫން......"އަލާޔާ ތެދުވީ ހައިޝަމް އޯޑަރުކުރި އެއްޗެއްގައި އަތްލުމެއްނެތިއެވެ. ހައިޝަމްގެ ފަރާތުން މިއަދު އޭނަ އެއްވެސް ހެޔޮކަމަކަށް އުއްމީދެއް ނުކުރެއެވެ.

އޭނަގެ ހަނދާނަށް އައީ ބަނޑުބޮޑުއިރު ހައިޝަމް ދިން އަނިޔާއެވެ. ބަނޑުކޮޅުގައި ޖެހީނުން އޭނައަށް ވީވަރެވެ. އޭރު އޭނަ ހުރީ އެކަންތައް ސިއްރުކޮށްލައިގެންނެވެ. ގެވެށި އަނިޔާތަކުގައި އެތައްބަޔަކު އުޅެނީ މަޖުބޫރީ ހާލަތުގައެވެ. ގޮތްހުސްވެފައެވެ. އޭނަވެސް ކެތްކުރިއެވެ. އެކަމަކު މިއަދު ކެތްތެރިކަމުގެ މޭވާގެ ފޮނިކަން އަރުތެރޭ ލައިފިއެވެ.މާތްﷲގެ އިރާދައާއެކު ދެވަނަފަހަރަށް ހައިޝަމްއަށްވެސް އޭނަގެ ދިރިއުޅުމާއި ކުޅެލުމަކީ ވާނެކަމެއް ނޫނެވެ.

"ހަނާއަކީ މަގޭ ދަރިއެއް....."

"އާނ. އެކަން ބަދަލެއް ނުކުރެވޭނެ. އަހަރެންގެ ބޮލުގައި އަދި ތުހުމަތެއް އަޅުވައިގެން އެހެން މީހެއްގެ ދަރިއަކަށް ހަދަން އުޅުނަސް އަހަރެން އޭރު ހުރީ ތެދުވެރިކަންމަތީގައި. ޔޫ ބިޓްރެއިޑް މީ. އެކަމަކު...ހަނާއަށް އޭނަގެ ބައްޕައާއި ބައްދަލުކުރުމުގައި އެއްވެސް ހުރަހެއްނެތް. ހަނާއަށް ބައްޕަ ދުނިޔޭގައި ހުރުމުން އެނގުމުގެ ހައްގު އެބައޮތް. އެކަމަކު އަހަރެން ގާތު ހަނާ ހުންނާނީ......" އަލާޔާގެ އަޒުމް ވަރުގަދައެވެ.

އޭނަ ދަރިފުޅު ހުރިތަން ހޯދުމަށްފަހު އެކުއްޖާ ގެންދަން ބޭނުންވީ ހައިޝަމްގެ މާޒީ އެނގުމުންނެވެ. ގެއަށް ފިލައިގެން ރަގަޅު މީހެއް ނޫޅޭނެކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ. ކުރިން ހަނާ އޭނަގެ ބައްޕަ ގާތުގައި ހުރިކަން އެނގުމުން މައްސަލަ ނުޖެއްސީ ހައިޝަމްގެ މާޒީގައި އެހާ އަނދިރި ސިއްރެއް އޮވެދާނެކަމަށް ހިތަށްވެސް ނާރާތީއެވެ.

***

ސަމަރު އިރުކޮޅެއްވާންދެން އައިމަލްގެ ހަރަކާތްތައް ދެކެން ކުޑަދޮރުން ބޭރަށް ބަލަން ހުއްޓެވެ. ޚަރީފު މޫސުމްގެ އެންމެ ރީތި މަންޒަރު އޭނަ ފޯނުގައި ރައްކާކުރަމުން ދިޔައީ ނިކަން ހަމަޖެހިލައިގެން ހުރެއެވެ.

"ތިވަރަށް ދެރަކޮށްލާއިރުވެސް ރުޅިއެއްނާދޭ. މީ އަޖައިބެއްނު."

ކުއްލިއަކަށް ފަހަތުން މީހަކު އައިގޮތަށް ލޯމަތީގައި އަތް އެޅުމުން ސިހި ހަޅޭއްލަވައިގަނެވުނެވެ.

ނުނިމޭ