ސްޕެނިޝް ލަލީގާގައި މިރޭ ބާސެލޯނާ އަދި ވެލެންސިއާ ބައްދަލުރި މެޗު ފަސޭހަކަމާއެކު ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ.

ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ބާސާއިން ވަނީ ރަނގަޅު ކުޅުމެއް ކުޅެފައެވެ. އެ ޓީމުން މެޗުގެ ލީޑު ނެގީ 23 ވަނަ މިނެޓުގައި ޕިއޭ އެމެރިކް އޮބަމަޔަން ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޖޯޑީ އަލްބާ ދިން ބޯޅައަކުންނެވެ. މިއީ އޭނާ ބާސާއަށް ބަދަލުވި ފަހުން އެ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަަމަ ލަނޑެެވެ.

ބާސާއިން އެ ޓީމުގެ ލީޑު ފުޅާކުރީ މެޗުގެ 32 ވަނަ މިނެޓުގައި އޮސުމާން ޑެމްބަލޭ ދިން ބޯޅައަކުން ފްރެންކީ ޑި ޖޯން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އޭގެ ތިން މިނެޓު ފަހުން އޮބަމަޔަންގް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ ފުރަތަމަ ހަފު ނިމުނީ 3-0 އިން ބާސާއިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ވެލެންސިއާއިން ދިޔައީ ބާސާގެ ގޯލަަށް އަމާޒުކޮށް ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. މެޗުގެ 52 ވަނަ މިނެޓުގައި ކާލޮސް ސޮލާ ވަނީ ވެލެންސިއާއަށް ލަނޑެއް ޖަހައިދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ބްރަޔާން ގިލް ދިން ބޯޅައަކުންނެވެ.

ބާސާއިން އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ މެޗުގެ 63 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕެޑްރޯ ގޮންޒަލޭޒްއެވެ.

މިރޭގެ މެޗުން މޮޅުވެ ބާސާއިން އޮތީ ލީގު ތާވަލްގެ ހަތަރު ވަނައިގައި 42 ޕޮއިންޓާއެކުއެވެ. ވެލެންސިއާ އޮތީ 30 ޕޮއިންޓާއެކު 12 ވަނައިގައެވެ.