އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑުން ލީގުގެ ގަދަ ހަތަރެއްގައި ހިފަހައްޓައިފިއެވެ.

ލީޑް ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައި ޔުނައިޓެޑުން ދެ ލަނޑު ޖަހައި ލީޑު ނަގައިފައި ވަނިކޮށް، ލީޑްސް ޔުނައިޓެޑުން ފަހަތުން އަރައި ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަަމަ ކުރިއެވެ. މެޗުން ޔުނައިޓެޑް މޮޅުވީ ފްރެޑް އަދި އެންޓޮނީ އެލަންގާ ޖަހައިދިން ލަނޑުންނެވެ.

ޔުނައިޓެޑުން މެޗުގައި ލަނޑުޖަހައި ފުރަތަމަ ލީޑު ނެގީ 34 ވަނަ މިނެޓުގައެވެ. ލޫކް ޝޯ ނަގައިދިން ކޯނަރެއްގައި ބޯޅަ ގޯލަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ހެރީ މެގުއާއެވެ.

މިރޭ ލީޑްސް ޔުނައިޓެޑާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން

ފުރަތަަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ރެފްރީ ދެއްކި ފަސް މިނެޓުގެ ތެރޭގައި ޔުނައިޓެޑުން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާ ކުރިއެވެ. ޖޯޑަން ސަންޗޯ ދިން އެސިސްޓަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑެސްއެވެ.

ފުރަތަަމަ ހާފު ނިމުނީ 2-0 އިން ޔުނައިޓެޑުން ކުރީގައި އޮވެގެންނެވެ.

ޔުނައިޓެޑުން ލީޑުގައި އޮވެ ދެ ވަނަ ހާފު ފެށި ނަމަވެސް، ލީޑްސް ޔުނައިޓެޑުން ވަނީ ކުޅުން ރަނގަޅުކޮށް ގާތް ގާތުގައި ދެ ލަނޑު ޖަހައި ޔުނައިޓެޑް ސިއްސުވާލާފައެވެ.

މެޗުގެ 53 ވަނަ މިނެޓުގައި ޖޫނިއާ ފިރްޕޯ ދިން ބޯޅައަކުން ރޮޑްރިގޯ ވަނީ ލަނޑެއް ޖަހައި ލީޑްސް ޔުނައިޓެޑަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

އޭގެ މިނެޓެއްފަހުން ލީޑްސް ޔުނައިޓެޑުން އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. ޑެނިއަލް ޖޭމްސް ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ރަފިންހާއެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ދެ ބަދަލެއް ގެނެސްފައެވެ. ޕައުލް ޕޮގޮބާގެ ބަދަލުގައި ފްރެޑް ކުޅެން ނިކުތްއިރު، ލިންގާޑްގެ ބަދަލުގައި އެންޓޮނީ އެލަންގާ ވަނީ ކުޅެން ނިކުމެފައެވެ.

ނަތީޖާ ހަމަހަމަކޮށް އޮވެ ދެ ޓީމުން ވެސް ކުޅެމުން ދަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފްރެޑް ވަނީ ޔުނައިޓެޑަށް ލީީޑު ނަގައިދީފައެވެ. މެޗުގެ 70 ވަނަ މިނެޓުގައި އޭނާ މި ލަނޑު ޖެހީ ޖޯޑަން ސަންޗޯ ދިން ބޯޅައަކުންނެވެ.

މިރޭ ލީޑްސް ޔުނައިޓެޑާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން

މެޗުގެ 85 ވަނަ މިނެޓުގައި ޔުނައިޓެޑުން އެ ޓީމުގެ ތިން ވަނަ ބަދަލުގެނައެވެ. ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި ރަފައެލް ވެރާނޭ ވަނީ ކުޅެން ނިކުމެފައެވެ.

ޔުނައިޓެޑްގެ ހަތަރު ވަނަ ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެންޓޮނީ އެލަންގާއެވެ. އޭނާ މި ލަނޑު ޖެހީ ފެނާންޑެސް ދިން ބޯޅައަކުންނެވެ.

މިރޭގެ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޖުމްލަ 46 ޕޮއިންޓް ހޯދައިގެން ޔުނައިޓެޑް އޮތީ ލީގު ތާވަލްގެ ހަތަރު ވަނައިގައެވެ. މެޗުން ބަލިވި ލީޑްސް ޔުނައިޓެޑް އޮތީ 23 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.