20 Feb 2022, 21:34
މިއަހަރުގެ ނޮވެންބަރު މަހު ފާހަގަކުރާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމަޢުއަށް ފައިދާހުރި ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ތައާރަފްކުރި ބީއެމްއެލް ސްކޮލާޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބީއެމްއެލްއިން ބުނީ އެ ސްކޮލާޝިޕަކީ ބޭންކިން އާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމުގެ އަމާޒުގައި ހުރިހާ ޚަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ހުޅުވާލި ފަންޑެއްކަމަށެވެ. އަދި އެ ސްކޮލާޝިޕަށް އެދި ހުށަހަޅާ ދަރިވަރުންނަށް ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން ފައިނޭންޝަލް ޓެކްނޮލޮޖީ، ރިސްކް މެނޭޖްމަންޓް އަދި ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލިޓިކްސް ނުވަތަ ފައިނޭންޝަލް އިންޖިނިއަރިން ފަދަ ދާއިރާއަކުން އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެދި ހުށަހެޅޭނެއެވެ.
އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދު ދިވެހިންގެ ތެރެއިން އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ ފަރާތްތަކަށް އެ ފަންޑަށް އެދި ހުށަހެޅޭނެއެވެ. އަދި އެ ފަންޑުގެ ދަށުން ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ޚަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ޚަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ދިނުމަށް ވަނީ ކަނޑައެޅިފައެވެ.
އެ ފަންޑަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާއެކު އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގެ ކުރިން[email protected]އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެއެވެ. އަދި އެ ފަންޑުގެ ޝަރުތުތަކާއި ދަރިވަރުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ ބެހޭ މައުލޫމާތު މިލިންކުންލިބޭނެއެވެ.