ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކިލިޔަން އެމްބާޕޭ އެ ޓީމުގައި މަޑުކުރުމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އެދިވަޑައިގެންފިއެވެ.

އެ ގައުމުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަދި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގެ ފަހުން، އެމްބާޕޭ ޕީއެސްޖީގައި މަޑުކޮށްދިނުމަށް ރައީސް މެކްރޯންގެ އިތުރުން އެ ގައުމުގެ ބައެއް ސިޔާސީ ފަރާތްތަކުން އެދިފައިވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ރައީސް މެކްރޯންގެ އިތުރުން އެ ގައުމުގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީވެސް އެމްބާޕޭ ގާތު ޕީއެސްޖީގައި މަޑުކުރުމަށް ވަނީ އެދިފައެވެ.

އުމުރުން 23 އަހަރުގެ އެމްބާޕޭ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން ޖޫން މަހުގެ 30އަށް ހަމަވާއިރު، އެއަށްފަހު އޭނާ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާނެކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

މި އަޑުތައް ފެތުރިފައި ވަނިކޮށް އެމްބާޕޭ ވަނީ ރެއާލްގެ މެޗަށްފަހު އޭނާގެ ކުރިމަގާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ.

"އަހަރެންގެ ހުރިހާ ވިސްނުމެއް މި ވަގުތު ހުރީ މިސީޒަންގައި ޕީއެސްޖީއާ އެކު ކާމިޔާބު ހޯދަން. ކުރިމަގާމެދު ގޮތެއް ނިންމަން އަދި މާ އަވަސް. އެކަމާ އަހަރެން މި ވަގުތު ނުވިސްނަން،" އެމްބާޕޭ ބުންޏެވެ.

ޕީއެސްޖީގައި އެމްބާޕޭ މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އެ ޓީމު އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ލަނޑު ޖަހައި އެ ޓީމު މޮޅު ކޮށްދީފައެވެ.

އެމްބާޕޭ ވަނީ ފްރާންސާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްކުޅެ، އެ ގައުމަށް އެ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.