ނުރައްކާތެރި ހާލަތެއްގައި ހަމަ އެންމެ 60 ސިކުންތު މަސައްކަތް ކުރަން ޖެހުމަކީ ވެސް ހިނގި ކަންތަކުން ފެށިގެން އެކަމުގައި ޝާމިލުވި މީހުންނަށް ދަންދެން ހަނދާން ނުހުންނަ ވަރަށް މީހުންގެ ހަނދާނަށް ގެއްލުންވާ ކަމެކެވެ.

މީހުން ފަހައި ދުވުމުގެ ތެރޭގައި ކުރިމަތިވާ ނުރައްކާތެރި ކަންތައްތަކުގެ މައުލޫމާތު އެންމެ ތަފުސީލުކޮށް، ކިޔައިދޭނެ ކަމަށް އެންމެ ބޮޑަށް އުއްމީދު ކުރެވޭ ބަޔަކީ ފުލުހުންނެވެ.

ނަމަވެސް އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ޕޯޓްސް މައުތުގެ ރިސާޗަރުން ކުރި ދިރާސާއެއްގައި، ކެނެޑާ ފުލުހުންގެ 52 މީހުން ޓެސްޓް ކުރުމުން އެނގުނީ އެންމެ ކުޑަމިނުން، ހިނގި ކަންތައްތައް ހަނދާން ކުރުމަކީ ވެސް އެމީހުންނަށް ވަރަށް އުނދަގޫ ކަމެއް ކަމެވެ.

ކެނެޑާގައި ކުރި މި ދިރާސާ އިން މި ނަތީޖާ ލިބުމުން، ކޯޓްތަކުގައި ދީފައިވާ ހެކިބަސްތަކާ މެދު ސުވާލު އުފެދިފައިވާ ކަމަށް އިނގިރޭސިވިލާތުގެ މަޝްހޫރު ޓެބްލޮއިޑް ނޫހެއް ކަމަށްވާ ޑެއިލީ މެއިލްގައިވެ އެވެ.

ދިރާސާ ކުރި ފަރާތްތަކުން ކޯޓްތަކަށް ލަފާ ދީފައި ވަނީ ފުލުހުންދޭ ހެކިބަހުގެ ތެރެއިން ފުރިހަމަ ނުވާ ހެކިބަސް އިތުރަށް ދެނެގަތުމަށް ކަމަށް އެ ނޫހުގައިވެ އެވެ.

"ފުލުހުން ފަދަ ޕްރޮފެޝަނަލް ފަރާތްތަކުން ދޭ ހެކި ބަހަށް ޝަރުއީ ނިޒާމުން ވަރަށް ބޮޑަށް ބަރޯސާކުރޭ،" ދިރާސާގައި އިސްކޮށް އުޅުއްވި، ޕޯޓްސް މައުތު ޔުނިވަސިޓީގެ ލޮރެއިން ހޯޕް ވިދާޅުވި ކަމަށް ޑެއިލީމެއިލްގައިވެ އެވެ.

"ޖިސްމާނީ ގޮތުން ގެއްލުންވާ ފަދަ ދައުރެއް އަދާކޮށްފައިވާ ހާދިސާއެއްގެ ތަފުސީލުތައް ފުލުހަކަށް ކިޔައި ނުދެވުމުން، ތަހުގީގުކުރާ ފަރާތްތަކުން ވެސް، ކޯޓްތަކުން ވެސް ދަންނަންވީ އެ ފުލުސް މީހާ މަކަރު ހަދަނީ ނޫންކަން، އެއްބާރުލުން ނުދެނީ ނޫންކަން، ޖިސްމާނީ ގޮތުން އުނދަގޫތަކެއް ތަހައްމަލު ކުރުމަށް ފަހު ، އޮފިސަރެއްގެ ހަނދާނަށް އަރާ އޮޅުމަކުން ނުވަތަ އޭނާގެ ހަނދާނުން ކަންތައްތަކެއް ފުހެވުމަކީ ބޭއިންސާފު ގޮތެއްގައި އޭނާގެ އިތުބާރަށް އަސަރުކުރަން ޖެހޭނެ ކަމެއްނޫން،" ލޮރެއިން އަދި ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައި އެންމެ 60 ސުކުންތު ވަންދެން ޖިސްމާނީ ގޮތުން ގެއްލުންވާ ފަދަ ބިރުވެރި ހާލަތެއްގައި ބަޔަކު އުޅެން ޖެހިއްޖެ ނަމަ އެބައެއްގެ ހަނދާނަށް ގެއްލުންވާނެ ކަމަށެވެ.

ސައިކޮލޮޖިކަލް ސައިންސް މަޖައްލާގައި ޝާއިއުކޮށްފައިވާ އޭނާގެ ދިރާސާގެ ނަތީޖާއަކީ ކޯޓްތަކުގައިދޭ ހެކިބަހުގެ ބަޔާންތަކުގައި ހުންނަ މައްސަލަތަކަށް ލިބިފައިވާ އިންޒާރެއް ކަމަށް ލޮރެއިން ވިދާޅުވެ އެވެ.

ޔުނިވަސިޓީ އޮފް ޕޯޓްސްމައުތުގެ ދިރާސާކުރާ މީހުންގެ ޓީމަކުން ކުރި މިދިރާސާގައި ގަދަވެ ސަލާމަތުން ތިބި 42 ފިރިހެން ފުލުހުންނާއި 10 އަންހެން ފުލުހުން ބޭނުންކުރި އެވެ. ދިރާސާ ކުރީ ކެނެޑާގެ ވިންޕެގްގަ އެވެ.