ރާއްޖެއަށް އެންމެ ފުރަތަމަ ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރޭގައި ހިމެނޭ ޖޯޖް ކޯބިން އާއި ފްރާންސެސްކޯ ބާނިނީގެ ފޮތް "މޯލްޑިވް - ޓޫ ތައުޒަންޑް އެންޗާންޑެޑް އައިލެންޑްސް" (ދިވެހިރާއްޖެ - ޖާދުވީ ދެ ހާސް ރަށް) އިއްޔެ ނެރެފިއެވެ.

އިއްޔެ ސަލްޓަން ޕާކުގައި ބޭއްވި ހަފްލާއެއްގައި މިފޮތުގެ ލިޔުންތެރިޔާ ޖޯޖް ކޯބިންއާއި، ފަތުރުވެރިކަން ފެށުމުގައި އިސް ދައުރެއް އަދާކުރެއްވި މިހާރުގެ ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ބައިވެރިވެވަޑައިގަތެވެ.

މި ފޮތަކީ 70ގެ އަހަރުތަކުގެ ތެރޭގައި ކޯބިން އާއީ ބާނިނީ ރާއްޖެ އައި އިރު ކުރެވުނު ތަޖުރިބާތަކުގެ ބަޔާނެކެވެ. ލިޔުމުގެ އިތުރުން މި ފޮތުގައި ބާނިނީ އާއި ކޯބިން ނަގާފައިވާ ގިނަ އަދަދެއްގެ ފޮޓޯ ހިމަނާފައިވެއެވެ.

މީގެ އިތުރުން "ލާސްޓިން މެމޮރީސް" (ދެމިހުންނަ ހަނދާންތައް)ގެ ނަމުގައި ނަސީމާއި، ކޯބިން ލިޔުއްވާފައިވާ ބަޔާނެއްވެސް މިފޮތުގައި ހިމަނާފައިވެއެވެ. މި ބަޔާނުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައި ދިޔަ ގޮތާ ބެހޭ ގޮތުން ވަރަށް ތަފްސީލުކޮށް ލިޔެފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.