ދިރިއުޅުމުގެ ބޭނުންތަކަށް ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިމުގެ އެންމެ ކުޑަ ކުލި ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް ދިނުމަށް ނިންމައި، ގަވާއިދު ގެޒެޓް ކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ވަނީ، 'ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު' ހަތަރު ވަނަ ފަހަރަށް އިސްލާހު ކޮށްފައެވެ.

އެ ގަވާއިދުގައިވާ ގޮތުން، ރަށްރަށުގައި އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ އެންމެ ކުޑަ ކުލީގެ ގޮތުގައި ކަނޑައަޅާ މިންވަރު ގެޒެޓް ކުރަން ޖެހެއެވެ.

އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ އެންމެ ކުޑަ ކުލި ކަނޑައަޅަން ވާނީ، އެރަށެއްގެ ތަނަވަސްކަމާއި، އިޤްތިޞާދީ ފުދުންތެރިކަމުގެ އިތުރުން ބިމުގެ ޑިމާންޑަށް ބެލުމަށް ފަހުގައި ކަމަށް އެ ގަވާއިދުގައިވެއެވެ.

ރަށެއްގައި ބިން ކުއްޔަށް ދެވޭ އެންމެ ދަށް އަގު ކަނޑައެޅުމަށްފަހު، އެ ރަށެއްގެ ތަނަވަސްކަމާއި އިޤްތިޞާދީ ފުދުންތެރިކަމަށް ބެލުމަށްފަހު، ކޮންމެ ދެ އަހަރަކުން ކުލި މުރާޖައާކޮށް އަގަށް ބަދަލު ގެނައުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

އެކިއެކި ބޭނުންތަކަށް ދޫކުރާ ބިމުގެ އެންމެ ކުޑަ ކުލި ކަނޑައެޅުމުގެ އުސޫލު އެކިލަވައިލި ނަމަވެސް، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ބިންތަކުގެ ކުލި ކަނޑައަޅާނީ ޓޫރިޒަމާ ބެހޭ ޤާނޫނާ އެއްގޮތަށެވެ.