މާފަންނުގައި ހުރި ބިއުޓީ ޕާލާއެއްގައި ހަށިވިއްކަމުން ދިޔަ ކަމުގެ ތުހުމަތުގައި އެތަނުގެ ތެރެއިން ފުލުހުން ރޭ ހައްޔަރުކުރި ބިދޭސީ 10 އަންހެނުންނާއި ފިރިހެނަކު އަދި ތިން ދިވެހި ފިރިހެނުން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިތުރު މުއްދަތު ޖަހައިދީފި އެވެ.

ފުލުހުން ރޭ ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެމީހުންގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ޖަހައިދީފަ އެވެ.

ފުލުހުން އަތުލައިގަތް މީހުންގެ ތެރޭގައި ހިމެނޭ 10 އަންހެނުންގެ ތެރޭގައި ހިމެނެނީ ޗައިނާ މީހަކާއި ތައިލެންޑްގެ ހަތަރު މީހުންނާއި ލަންކާގެ ތިން މީހަކާއި ނޭޕާލްގެ އެކަކާއި އިންޑިއާގެ އަންހެނެކެވެ. އަދި އެތަނުގެ ތެރެއިން އަތުލައިގަތް ފިރިހެނުންގެ ތެރޭގައި އިންޑިޔާގެ މީހަކާއި ތިން ދިވެހިން ހިމެނެ އެވެ.

މާފަންނު ވީބީ މާޓް ފިހާރަ ހުންނަ "ޝެރިން" ގޭގައި ނެޗުރަލް ބިއުޓީ ކެއާ (އެންބީސީ)ގެ ނަމުގައި ހިންގަމުންދިޔަ ޕާލަރުގައި ހަށިވިއްކަމުން ދަނިކޮށް، ފުލުހުން އަތުލައިގަތީ އިއްޔެ އިން ފެށިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

ފުލުހުން އެޕާލަރުގެ ތެރެއަށް ވަދެފައި ވަނީ އެތަނުގެ ދޮރު ހަލާކޮށްލައިގެން ކަމަށާއި ފުލުހުން ވަތް އިރު އެތަނުގެ ތެރޭގައި ބަދުއަހުލާގީ އަމަލް ހިންގަމުން ދިޔަ މަންޒަރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.