މޮސްކޯ (20 ޖަނަވަރީ 2022): ޔުކްރޭނަށް ރަޝިއާ އަރައިގަންނާނެކަމީ ޝައްކެތް އޮތްކަމެއް ނޫންކަމަށާއި ރަޝިއާގެ ދެލައްކަ ސިފައިންނާއި ރަޝިއާގެ ސްޓްރެޓީޖިކް މިސައިލްތަކާއި ނިއުކްލިއާ ބޮންއަޅާ ސްޓްރެޓީޖިކް މަތިންދާބޯޓުތައް މައިދާނަށްނެރެ، ރަޝިއާ ސިފައިންގެ މުޅި ލަޝްކަރު ތައްޔަރީ ހާލަތަށް ގެނަސްފައިވާކަމަށް ނޭޓޯގެ ސެކްރެޓެރީ ޖެނެރަލް ޔެންސް ސްޓޯޓެންބާގް ވިދާޅުވެއްޖެއެވެ.

އޭއެފްޕީ އަށް ދެއްވި ބަސްދީގަތުމެއްގައި ސްޓޯޓެންބާގް ވިދާޅުވީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު މިހާ ބިޔަ ލަޝްކަރަކާއި މިވަރުގެ ބާރުގަދަ ހަތިޔާރުތައް ރަޝިއާ މައިދާނަށް ނެރެފައިނުވާ ކަމަށާއި ރަޝިއާގެ އަސްކަރީ ތައްޔާރީތަކުން މިހާރު ފެންނަމުންދާ މަންޒަރުތަކަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ.

ނިއުކްލިޔާ ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ ރަޝިއާގެ ސްޓްރެޓީޖިކް ބޮންބާ

އަނެއްކޮޅުން އެމެރިކާގެ ރައީސް ޖޯ ބައިޑެންވަނީ ރަޝިއާއިން ޔުކްރޭނަށް އަރައިގަތުމަށް ރައީސް ވްލަޑިމީރު ޕޫޓިން ނިންމައިފި ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ޔުކްރޭންގެ މައްސަލާގައި ކެނެޑާ، ފަރަންސޭސިވިލާތް، ޖަރުމަނު، އިޓަލީ، ޕޮލެންޑް، ރޫމޭނިއާ، އިނގިރޭސިވިލާތް، ޔޫރަޕިއަން ޔޫނިއަންގެ ވެރިން އަދި ނޭޓޯގެ ވެރިންނާ ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކަށްފަހު ބައިޑެން ވިދާޅުވީ ޔުކްރޭނަށް އަރައިގަތުމަށް ރައީސް ވްލަޑިމީރު ޕޫޓިން ނިންމައިފި ކަމުގެ ޖާސޫސީ މައުލޫމާތު ލިބިވަޑައިގެންފައިވާކަމުގައެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް އާއި އެމެރިކާގެ ރައީސް މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ރަޝިއާއިން ނިއުކްލިޔާ ބޮން ހަރުކުރާ ބާވަތުގެ ސްޓްރެޓީޖިކް މިސައިލެއް އިއްޔެ ތަޖްރިބާކޮށްފައި ވަނިކޮށެވެ. މި ތަޖްރިބާކުރީ ރަޝިއާއިން އެގައުމުގެ ސްޓްރެޓީޖިކް މިސައިލްތަކާއި ނިއުކްލިޔާ ބޮންއަޅާ ސްޓްރެޓީޖިކް މަތިންދާބޯޓުތައް ބޭނުންކޮށްގެން ހިންގާ ވަރުގަދަ އަސްކަރީ ތަމްރީންތަކެއް ގައެވެ.

ހުޅަނގުގެ މަސްއޫލުވެރިން މިހެން ވިދާޅުވި ނަމަވެސް ރަޝިއާ އަދިވެސް ބުނަމުން ގެންދަނީ ޔުކްރޭނަށް ސީދާގޮތެއްގައި ހަމަލާދީ ހަނގުރާމައެއް ފެށުމުގެ ރޭވުމެއް ނެތްކަމުގައެވެ. ނަމަވެސް ރަޝިއާގެ ސަރަހައްދީ ރޮނގަށް ނޭޓޯގެ ސިފައިން ނުދާނެކަމުގެ ގެރެންޓީ ލިބެންޖެހޭ ކަމަށާ އެ ގެރެެންޓީ ނުލިބޭނަމަ ރަޝިއާގެ އަމިއްލަ ދިފާއުގައި މިހާރު އަޅާފައިވާ ދިފާއީ ފިޔަވަޅުތައް ދަމަހައްޓާނެކަމަށް ރައީސް ވްލަޑިމީރު ޕޫޓިންވަނީ ވިދާޅުވެފައެވެ. ރަޝިއާ މިގޮތަށް ބުނާއިރުވެސް ހުޅަނގަށް ތާއީދުކުރާ ޔުކްރޭންގެ ސަރުކާރުން އަދިވެސް އެދެމުންދަނީ ނޭޓޯގެ މެންބަރަކަށް ވުމަށެވެ.

ރަޝިއާ ދަރިކޮޅުގެ މީހުން ދިރިއުޅޭ ޔުކްރޭންގެ ދުންބާސް ސަރަހައްދުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނާއި ޔުކްރޭން ސިފައިންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރަޝިއާ ދަރިކޮޅުގެ ރައްޔިތުން މަރުވަމުންދާތީ އެމީހުންގެ ދިފާއުގައި އެސަރަހައްދަށް ސިފައިން ފޮނުވަން ޖެހިދާނެކަމުގެ އިންޒާރެއް ރަޝިއާއިން އިއްޔެވަނީ ދީފައެވެ.