ގައުމީ ޔުނިވާސިޓީގެ ސުކޫލް އޮފް މެޑިސިންގައި ދަރިވަރުންތަކެއް ގަނާ ކުރާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ޔުނިވާސިޓީން މިއަދު ބުނެފިއެވެ.

ސުކޫލު އޮފް މެޑިސިންގައި ކިޔަވަމުން އަންނަ ދަރިވަރަކު ވަނީ އޭނާއާއި އިތުރު ކުއްޖަކަށް އެ ސުކޫލުގެ ދަރިވަރުންތަކެއްގެ ފަރާތުން ގަނާކުރުން ކުރިމަތިވި ކަމަށް ބުނާ ވާހަކަތަކެއް މީސް މީޑިއާގައި ހިއްސާކޮށްފައެވެ.

އޭނާ ވަނީ ގަނާކުރުމުގެ މައްސަލަތައް ތަކުރާރުކޮށް ސުކޫލް އޮފް މެޑިސިންގެ ޑީންގެ ސަމާލުކަމަށް ގެނެސްފައިވީ ނަމަވެސް އެ މައްސަލަ ނުބެލި، އެކަށީގެންވާ ފިޔަވަޅެއް އެޅިފައިވާ ނުވާ ކަމަށް ތުހުމަތުކޮށްފައެވެ.

ހަމައެހެންމެ ފާއިތުވީ ދެ އަހަރު ތެރޭގައި މިފަދަ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ކޮންމެ ފަހަރަކު ވެސް ގަނާ ކުރާ ދަރިވަރުން ހިމާޔަތް ކުރާ ކަމުގެ ތުހުމަތު ވެސް ކޮށްފައިވެއެވެ.

މިކަމާ ގުޅިގެން އެމްއެންޔޫއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސުކޫލު އޮފް މެޑިސިންގެ ދަރިވަރުންތަކެއް ގަނާ ކުރާ ކަމަށް ބުނާ މައްސަލައެއް މި މަހުގެ 17 ވަނަ ދުވަހު އެމްއެންޔޫގެ ވައިސް ޗާންސެލާ މުޙައްމަދު ޝަރީފަށް ހުށަހެޅިފައިވާ ކަމަށެވެ.

ގަނާ ކުރުމަކީ ދަރިވަރުންގެ ކޯޑް އޮފް ކޮންޑަކްޓްގައި މަނާ ކަމަކަށް ވުމާއެކު، މައްސަލަ ބަލާ ކޮމެޓީ އަކުން މިކަން ތަހުގީގު ކުރަމުން އަންނަ ކަމަށާއި މައްސަލަ ނިމުނުހާ އަވަހަކަށް މިކަން ހިނގާފައިވާގޮތް ދަރިވަރުންނާ ހިއްސާކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މައްސަލަ ބަލައި، ފިޔަވަޅު އަޅަން ޖެހިއްޖެ ހާލަތެއްގައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީން ކަން ވެސް އެމްއެންޔޫއިން ވަނީ ދީފައެވެ.

މީގެ އިތުރުން އެމްއެންޔޫއިން ވަނީ މައްސަލަ ބަލައި ނުނިމެނިސް، މީޑިއާތަކުގައި "މައްސަލަ އޮޅޭ ގޮތަށް" ޚަބަރު ނުފެތުރުމަށް ވެސް އެދިފައެވެ.

ގަނާ ކުރާ ކަމުގެ ވާހަކަ މީސް މީޑިއާގައި ހިއްސާ ކޮށްފައިވާ ދަރިވަރުން ވަނީ އެ ކަމުގެ ސަބަބުން އެ ކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރުކޮށް، ކިޔެވުމަށް ވެސް އެ ކަމުގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް ބުނެފައެވެ.