މަސްތުވާތަކެތީގެ މައްސަލައެއްގައި އިންޑިއާއިން ހައްޔަރު ކޮށްފައިވާ ދިވެހި އަންހެން މީހާ މިނިވަން ކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް އަދިވެސް މިނިވަން ނުވާ ކަމަށް އެ އާއިލާއިން މިއަދު ބުނެފިއެވެ.

މިމަހުގެ 12 ވަނަ ދުވަހު އިންޑިއާގެ ކޮޗިންއަށް ރާއްޖޭން ދިޔަތަނާ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވަނީ ބ. އޭދަފުށީ، އައިމިނަތު ރަޝީދާ، 58، އެވެ.

އިންޑިއާގެ މުމްބާއީން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވަން އުޅުނުކަމުގެ ތުހުމަތުގައި އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން ރަޝީދާ ހައްޔަރުކޮށް މިހާރު ވެސް ހުރީ ބަންދުގައެވެ. ކޮޗިން އެއާޕޯޓުން އޭނާ ހައްޔަރު ކުރިއިރު ވިޔަފާރީގެ ދަތުރުގައި ދިޔައީ ވެސް އޭނާ އެކަންޏެވެ. ރަޝީދާއަށް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އެންސީބީން އަންނަނީ ފާރަލަމުން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

ރަޝީދާގެ އާއިލާ މެމްބަރަކު މިއަދު "ސަން" އަށް ބުނީ ގާނޫނީ ވަކީލުންނާ ގުޅިގެން އޭނާ މިނިވަން ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

"އަދި ހަމަ ކާމިޔާބެއް [މިނިވަނެއް] ނުވޭ. ވަރަށް ޕްރޮސީޖާ ދިގުކޮށް ދަނީ،" އޭނާ ބުންޏެވެ.

ރަޝީދާއާ މަސްތުވާތަކެއްޗާ ގުޅުމެއް ނޯންނާނެކަމުގެ ޔަގީންކަން ދެމުން އޭނާ ބުނީ ރަޝީދާ މިނިވަން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ފުލުހުންގެ ބަންދުގައި ހުރި ރަޝީދާގެ ސިއްހީ ހާލަތު ރަނގަޅު ކަމަށް ވެސް އާއިލާއިން ބުނެއެވެ.

މިއީ ކޮން ރަޝީދާއެއް؟ ވީ ކިހިނެއް؟

އުފަން ހަތަރު ދަރިންނާއި ހަ މާމަ ކުދިން ތިބޭ ރަޝީދާއަކީ ބޭރުގެ އެކި ގައުމުތަކުން ތަކެތި އެތެރެކޮށް އޮންލައިންކޮށް ވިޔަފާރި ކުރާ މީހެކެވެ. އޭނާ ވިޔަފާރިކުރާތާ އެތައް ޒަމާނެއް ވެއްޖެއެވެ.

އޭނާ އާއްމުކޮށް ރާއްޖެ އެތެރެ ކުރަނީ ގަހާއި ފޮތީގެ އިތުރުން އަންނައުނެވެ. އެ ތަކެތި ގަތުމަށް ޓަކައި އިންޑިއާއާއި ލަންކާގެ އިތުރުން ދުބާއީއާއި ބެންކޮކަށް ވެސް އޭނާ އާއްމުކޮށް ގޮސްއުޅެއެވެ.

ރަޝީދާގެ އާއިލާގެ މެމްބަރަކު ކުރިން މި ނޫހަށް ބުނިގޮތުގައި މިއީ އިންޑިއާގައި ދިރިއުޅޭ ދިވެއްސަކާއި ރަޝީދާގެ ކާގޯ އެޖެންޓުގެ ރޭވުމެއްގެ ދަށުން އޭނާއަށް ދީގެން އުޅޭ ލަނޑެކެވެ. އެ ކާގޯ އެޖެންޓަކީ އިންޑިއާ މީހެކެވެ.

"މިކަމަކީ އިންޑިއާ ބެންގަލޫރުގައި އުޅޭ ދިވެއްސަކު މެދުވެރި ވެގެން ދިން ބޮނޑިއެއް. ދެން މިކަމުގައި މިއުޅެނީ އާރިފް ކިޔާ އިންޑިއާ މީހެއް. އެއީ ރަޝީދާއަށް ޓްރެވަންޑްރަމްއިން އެއްޗެހި ފޮނުވާ ކާގޯ އެޖެންޓް. އެ ދެ މީހުން ދީގެން އުޅޭ ލަނޑެއް މިއީ. އެވަރު އަޅުގަނޑު ޔަގީން ކޮށްދެން،" އާއިލާ މެމްބަރު ބުންޏެވެ.

ރަޝީދާގެ މައްޗަށް ތުހުމަތު ކުރެވެނީ އެކި ބާވަތުގެ މުދާ ޑެލިވާކޮށްދޭ ކުންފުންޏެއްގެ އޮފީހަކުން، 3.9 ކިލޯގެ މަސްތުވާތަކެތި ފޮރުވާފައިވާ ޕާރުސަލެއް ފެނުނު މައްސަލައެއްގައެވެ. އެ ޕާރުސަލު ފޮނުވަން ހަމަޖެހިފައި އޮތީ ރަޝީދާއަށް ކަމަށް އެންސީބީން ބުނެފައިވެއެވެ.

އާއިލާ މެމްބަރު ބުނީ ރަޝީދާގެ ނަމާއި އެޑްރެސް އޭނާގެ ކާގޯ އެޖެންޓާއި ބެންގަލޫރުގައި ދިރިއުޅޭ ދިވެހި މީހާއަށް އެނގޭއިރު އޭނާގެ ނަމުގައި ޕާރުސަލެއް ހެދުމަކީ ފަސޭހަ ކަމެއް ކަމަށެވެ. ރަޝީދާގެ އަތުން މިހާތަނަށް މަސްތުވާތަކެތީގެ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ވެސް އާއިލާ މެމްބަރު ބުންޏެވެ.

"އެޑްރެސް އެނގެންޏާމު ނަމުގައި ޕާރްސަލެއް ހެދިދާނެ ދެއްތޯ ކޮންމެ މީހަކަށް ވެސް. އަޅުގަނޑުމެންނަކަށް ނޭންގެ ޕާރުސަލަކީ ކިހިނެއް އައިސްގެން އުޅޭ އެއްޗެއް ކަމެއް ވެސް. ރަޝީދާގެ އަތުން މަސްތުވާތަކެތީގެ އެއްވެސް އެއްޗެއް ފެނިފައެއް ނުވޭ،" އޭނާ ބުންޏެވެ.

އާއިލާއިން ބުނާގޮތުގައި ރަޝީދާގެ ކުށުގެ އެއްވެސް ރެކޯޑެއް މިހާތަނަށް ރާއްޖޭގައި ވެސް އަދި ބޭރުގެ ވެސް އެއްވެސް ގައުމެއްގައި ނޯންނާނެއެވެ.