20 Feb 2022, 09:17
"ބުނެބަލަ! މިހާރު ބިރުގަންނަން ފަށައިފި" މިންހާ އެހެން ބުނެލުމާއެކު އެ ދެމެދަށް ހިސާބެއްގެ ހަމަހިމޭންކަމެއް ވެރިވެގެން ދިޔައެވެ. އޭގެ އިރުކޮޅެއްފަހުން ޔޫލިން ބުނެލި ވާހަކައިން މިންހާއަށް ހީވީ ދުނިޔެވެސް ހިނދުކޮޅަކަށް މަޑުޖެހިލި ހެން ނެވެ.
ލައިލައި ހުރި ނޭވާވެސް އަރުތެރޭގައި ތާށިވިފަދައެވެ. އޭނާއަށް ދެލޯ ބޮޑުކޮށްލެވުމާއެކު، ޔޫލިންއަށް ދިމާލަށް ބަލައިލެވުނެވެ. ދެވަނަ ސިކުންތުގައި ސޯފާއިން ތެދުވުމަށްފަހު، އޭނާއަށް ހާސްކަމާއެކު ވާހަކަ ދެކެވުނެވެ.
"ނުވާނެ ތިހެނެއް. ތީ ދޮގެއް ލީން. އަހަރެން ޤަބޫލެއް ނުކުރާނަން..." މިންހާ ބުނެލިއެވެ.
"މިންނު ގަބޫލުކުރިޔަސް ނުކުރިޔަސް އާހިލް އިޒް ޗީޓިން އޮން ޔޫ..." ޔޫލިން އަނެއްކާވެސް ބުނެލިއެވެ. އެ އަޑު އިވިގެން މިންހާގެ ހިތަށް ކުރާނެ އަސަރު އޭނާއަށް ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ. އެހެންނަމަވެސް، ހަޤީގަތް އެނގުމަށްފަހު، މިންހާ އަނދިރީގައި ބަހައްޓާކަށް ފަހަރެއްގައިވެސް ޔޫލިންގެ ހިތެއް ނޭދުނެވެ. ކުރިއްސުރެވެސް، އޭނާއަށް އާހިލް ކަމުނުދެއެވެ. އަދި އަމްދުން އެ ހަޤީގަތް އެނގުމަށްފަހު، އޭނާއަށް އިތުރަށް އާހިލްއާ ދޭތެރޭ ދެކޭގޮތް ބަދަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ޔޫލިން އަނެއްކާވެސް މިންހާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. އެގޮތުން އާހިލްއަކީ މާބުރުގެ އުސޫލު ގެެންގުޅޭ މީހެއްކަމުގައި ބުންޏެވެ. މިންހާއަށްވެސް އެންމެ ރަނގަޅުވާނީ އާހިލް މަތިން ހަނދާންނައްތައިލުމަށްފަހު، ޝިޒާންއާއެކު ރަނގަޅަށް އުޅުމުންކަމުގައި ޔޫލިން ބުނެލިއެވެ.
މިންހާގެ ދެލޮލަށް ކަރުނަތައް ޖަމާވީ ކީއްވެކަމެއް ނޭނގެއެވެ. އާހިލް އޭނާއަށް އޮޅުވާލާކަމަށް އެހެންމީހެއްގެ ފަރާތުން އިވުމުން ހާދަ އަސަރެއް ކޮށްފިއެވެ. އަދި އެވެސް އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ފަރާތުންނެވެ. އޭނާ އެ ހަޤީގަތް ގަބޫލުކުރާނީ ކިހިނެއްހެއްޔެވެ؟ އާހިލް އޭނާއަކަށް ދޮގެއް ނުހަދާނެއެވެ. އޮޅުވައެއް ނުލާނެއެވެ. އާހިލްވެސް އޭނާއެކޭ އެއްވަރަށް ލޯބިވެއެވެ. ޔޫލިންއަށް އޮޅުނީއެވެ. މިންހާއަށް ގިސްލެވެން ފެށުމާއެކު ޔޫލިން ސޯފާއިން ތެދުވިއެވެ.
"މިންނު ހުއްޓާލަބަލަ!" ޔޫލިން މިންހާގެ ގައިގައި ބައްދައިލުމާއެކު މިންހާ ދުރުވެލިއެވެ.
"ލީން ތިއުޅެނީ އަހަންނާ އާހިލްއާ ދުރުކުރަން. ބުނޭ! މީ ޝިޒާން ބުނެގެން ކުރާކަމެއް ދޯ!" ކުއްލިއަކަށް މިންހާގެ ރާގު ބަދަލުވިއެވެ. އެ އަޑަށް ކޮންމެވެސް ވަރެއްގެ ނުރުހުމުގެ އަސަރުވެރިވިއެވެ.
"ޝިޒާންއަށް ކީއްވެތަ ނުވިސްނަނީ ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫންކަން." މިންހާއަށް ބުނެވުނެވެ.
"މިންނު. އަހަރެން މިންްނު ކައިރިއަށް އައީ މި ވާހަކަތައް ހިއްސާކުރަންކަން ޝިޒާންއަށް ނުވެސް އެނގޭނެ. އަހަރެން ކީއްވެ އެގޮތަށް ކަންތައް ކުރަންވީ؟ މިންނު އަށް ހީވަނީތަ އަހަންނަށް މިންނުއަށްވުރެ ޝިޒާން މުހިންމުވާނެޔޭ..." ޔޫލިން މިންހާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
"އަހަރެން އެއްވެސް ވާހަކައެއް ޤަބޫލެއް ނުކުރާނަން. ލީން ޖެހޭނީ އަހަންނަށް ހެކި ދައްކަން." މިންހާ ބުނެލިއެވެ.
"މިންނު. އަދިވެސް އަހަރެން ބުނަން ބޭނުންވާ ވާހަކައެއް އެބައޮތޭ..." ޔޫލިންގެ އަޑުގައިވެސް ވަނީ މާޔޫސްކަމެވެ.
"އިތުރަށް ކޮން ވާހަކައެއް އޮތީ؟" މިންހާއަށް ސުވާލުކޮށްލެވުނެވެ.
"އާހިލްގެ ވައިފް ވެސް ހުރޭ. އޭނަ އެންމެ އަންހެން ކުއްޖެއް ފަހަތުންނެއް ނޫނޭ އުޅެނީ... އަހަރެން ދައްކާ ވާހަކަ ޤަބޫލު ކޮށްބަލަ!"
"ވައިފްއޭ... ނުވާނެ އެހެންނެއް." މިންހާއަށް އެ ހަޤީގަތް ގަބޫލުކުރަން އުނދަގޫވިއެވެ.
"އާނ. މިންނު. އާހިލް އުޅެނީ މީހަކާ އިނދެގެން." ޔޫލިން ބުނެލިއެވެ.
"ކިހިނެއް ލީންއަށް ތި ހުރިހާ ޙަޤީގަތެއް އެނގެނީ؟" މިންހާ ސުވާލުކޮށްލަމުން ސޯފާގައި އިށީނުމާއެކު، ޔޫލިންވެސް މިންހާގެ ކައިރީގައި ސޯފާގައި އިށީނެވެ.
* * * * * * * *
12 ގަޑިއިރު ކުރިން
ޔޫލިންއަށް ހޭލެވުނީ ފޯނުގެ އެލާމުގެ އަޑާއެކުގައެވެ. އޭނާ ތެދުވެ ފޯނުގެ އެލާމް ނިއްވައިލަމުން ކައިރީގައި ނިދާފައި އޮތް އައިހަމްއަށް ފުން ނަޒަރަކުން ބަލައިލިއެވެ. އައިހަމްގެ އިސްތަށިގަނޑުގައި ފިރުމައިލަމުން އޭނާ ހިނިތުންވެލިއެވެ. ކުއްލިއަކަށް ސިހުން ގެނުވީ އޭނާގެ އަތުގައި އައިހަމް ހިފެއްޓުމާއެކުގައެވެ.
"ހޭލާތަ؟" ޔޫލިންއަށް ސުވާލުކޮށްލެވުނެވެ.
"އަހަރެން ނިދާފަ އޮތްކަމަށްތަ ލީން ތިއުޅެނީ؟" އައިހަމް ލާނެތްގޮތަކަށް ބުނެލިއިރު، އެ އަޑު އެހެންޏާ ހުންނަވަރަށް ވުރެ ބަރުވެފައިވަނީ ދެންމެ ނިދިން ހޭލީމަ ކަންނޭނގެއެވެ. ކުއްލިއަކަށް އައިހަމް ޔޫލިންގެ އަތަށް ދަމައިލުމާއެކު ޔޫލިން އައިސް ތަތްވީ އައިހަމްގެ ތަނަވަސް މޭމަތީއެވެ. ޔޫލިންގެ މޫނުމައްޗަށް ލަދުވެތި އަސަރުތައް ވެރިވުމާއެކު، އޭނާއަށް އިސްޖަހައިލެވުނެވެ.
"އަހަރެންމީ ލީންގެ ފިރިމީހާއޭ. އަދިވެސް އެހާ ލަދުގަނޭތަ؟" ޔޫލިން އިތުރަށް ލަދު ގަންނުވައިލުމުގެ ގޮތުން އައިހަމް ބުނެލިއެވެ. އޭނާ ޔޫލިންގެ ދަތްދޮޅީގައި ހިފާ އިސްއުފުލުވައިލިއެވެ. އޭރު ދެމީހުންގެ މޫނު ހުރީ ޖެހޭ ނުޖެހޭ ހިސާބުގައެވެ. ޔޫލިން މޫނު ދުރުކޮށްލަން އުޅުނު ވަގުތު އައިހަމްކޮށްލި ކަމަކުން އޭނާއަށް ސިހުން ލިބިގެން ދިޔައެވެ.
ލަދުވެތިކަމާއެކު، ޔޫލިން އައިހަމްއާ ދުރުވެލިއެވެ. އެއާއެކު އައިހަމްގެ ލުއި ހުނުމުގެ އަޑު ކޮޓަރިތެރޭގައި ގުގުމައިލިއެވެ. އައިހަމްއާ ދިމާލަށް ބާލީސް އެއްލައިލާފައި ޔޫލިން ގޮސް ވަނީ ފާޚާނާއަށެވެ. ފެންވަރާލައިގެން ޔޫލިން ނުކުތްއިރު، އައިހަމް އެނދުމަތީގައި ފޯނާ ކުޅެން އިނެވެ. އޭރު ގަޑިން ނުވައެއް ޖަހާ ބޮޑުވެއްޖެއެވެ. ދުވަހަކީ ހުކުރު ދުވަސްކަމުން ޔޫލިން ތެދުވަނީ ތަންކޮޅެއް ލަހުންނެވެ. އަނެއްކޮޅުން އެ ދުވަހަކީ އައިހަމްގެ ވެސް އޮފް ދުވަހެވެ.
"ހާދަ ރީއްޗޭ!" ފޯނުން ނަޒަރު ވަކިކޮށްލަމުން، އައިހަމް ޔޫލިންއަށް ބަލައިލިއެވެ. އެއަށްފަހު އޭނާ ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ.
ގޭގައި ލާ އުޅޭ ހަރުވާޅަކާއި ޓީޝާޓެއްލައިގެން ޔޫލިން ކައްކާބަޔަށް ދިޔައީ އައިހަމް ނިމެންވާއިރަށް ކޮންމެވެސް އެއްޗެއް ތައްޔާރުކޮށްލުމުގެ ބޭނުމުގައެވެ. ރޮށިފިހަން ފުއްގަނޑު މޮޑެން ފެށިތަނާ އައިހަމް އައިސް ކައްކާބަޔަށް ވަނެވެ.
"ކޮން ކަމެއް ކޮށްދޭންވީ؟" ޔޫލިންއަށް ބަލައިލަމުން އައިހަމް ލޯތްބާއެކު ސުވާލުކޮށްލިއެވެ.
"އަހަރެން ކައްކާލަފާނަން..." ޔޫލިން ބުނެލިއެވެ.
"އަހަންނަށް އަހަރެންގެ ލޯބި ވައިފްއަށް ހެލްޕްއެއްވެސް ނުވެވެނީތަ؟" އައިހަމް ޔޫލިންއަށް އެހީތެރިވާން ފެށިއެވެ. އެއީ އަބަދުވެސް އާދައެވެ. އޭނާ ގޭގައި ހުރިއްޔާ އަބަދުވެސް ގޭތެރޭގެ ކަންތަކުގައި އައިހަމް ޔޫލިންއަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އައިހަމްގެ އެފަދަ ކުދި ކުދި އަމަލުތަކުން އެ ދެމެދުގައި އޮތް ލޯބި އިތުރަށް ފުން ވަމުން ދިޔައެވެ. ޔޫލިން އޭނާގެ ޙަޔާތުގެ ބައިވެރިއެއްގެ ގައިގައި ހުންނަން ބޭނުންވި ހުރިހާ ސިފައެއް އައިހަމްގެ ގައިގައި ހުރެއެވެ. އޭނާއަށް އައިހަމް ފަދަ ޙަޔާތުގެ ބައިވެރިއެއް ލިބުނީތީ ޔޫލިން އަބަދުވެސް ﷲ އަށް ޙަމްދުކުރެއެވެ.
އެކުގައި ކެއްކުމަށްފަހު، މޭޒުމައްޗަށް ތަށިތައް އަރުވާ ކާން ހެދުމުގައިވެސް އައިހަމް އެހީތެރިވިއެވެ. ދެމީހުން އެކުގައި ނާސްތާ ކުރަން ވެގެން އުޅުނުވަގުތު ގޭގެ ބެލް ޖަހައިލި އަޑު އިވުމާއެކު އައިހަމް ގޮސް ދޮރު ހުޅުވައިލިއެވެ.
އެއާއެކު އެތެރެއަށް ވަނީ އޭނާގެ ދެބެންގެ ދެދަރި ކުއްޖެއްކަމަށްވާ ނުހާއެވެ. ނުހާގެ މޫނުމަތި ވަނީ މިލާފައެވެ. އޭރުވެސް އޭނާގެ ލޮލުގައި ކަރުނައިގެ އަސަރުވެއެވެ.
ނުހާ އަކީ އައިހަމްގެ ދެބެންގެ ދެ ދަރި ކުއްޖެއް ނަމަވެސް، ނުހާގެ މައިންބަފައިން ނިޔާވުމަށްފަހު، އައިހަމްގެ މަންމަމެން އޭނާ ބެލީ އަމިއްލަ ދަރިއެއް ފަދައިންނެވެ. އައިހަމްވެސް ނުހާ ދެކެ ލޯބިވަނީ އަމިއްލަ ކޮއްކޮއަކު ދެކެ ލޯބިވާ ފަދައިންނެވެ. ނުހާގެ މޫނުމަތިން ފެނުނު އަސަރުތަކުން އައިހަމް ކަންބޮޑުވިއެވެ. ނުހާ އެދިޔަ ގޮތަށް ގޮސް އިށީނީ ސޯފާގައެވެ.
"ކިހިނެއް ވީ ނުހާ؟" އައިހަމް އެއްފަހަރު، ޔޫލިންއަށް އަނެއްފަހަރު ނުހާއަށް ބަލައިލިއެވެ. ޔޫލިންވެސް މޭޒު ދޮށުން ތެދުވެގެން އައިހަމްގެ ފަހަތުން ގޮސް ނުހާގެ ކައިރީގައި އިށީނދެލިއެވެ. މޫނުމަތީގައި އަތް އަޅައިގެން އިނދެ ނުހާ ރޮމުންދިޔައެވެ. އިސާހިތަކު އެ އަޑު މަޑު ގިސްލުމަކަށް ބަދަލުވެގެން ދިޔައެވެ.
"ކިހިނެއްވީ ނުހާ؟ މީހަކު އެއްޗެކޭ ކީތަ؟ ކިހިނެއްވީ؟ މަންމަމެން އެއްޗެއް ކީތަ؟ ދޮންބެ ކައިރީގައި ބުނެބަލަ!" އައިހަމް އޯގާތެރިކަމާއެކު ނުހާއާ ސުވާލުކޮށްލިއެވެ.
ނުހާ ދެފަރާތަށް ބޯ ހޫރައިލުމާއެކު އައިހަމް އަނެއްކާވެސް ވެގެން އުޅޭ ގޮތަކާ ބެހޭގޮތުން ސުވާލުކޮށްލިއެވެ.
"ހީ ޗީޓެޑް އޮން މީ..." ނުހާ މަޑުމަޑުން ބުނެލިއެވެ. އެއާއެކު އައިހަމްއަށް ކީކޭ ހޭ އަހައިލެވުނެވެ.
"އާނ. އޭނަ އަހަންނަށް... އޭނަގެ ވައިފްވެސް ހުރޭ.. އަހަންނަށް ފޮޓޯވެސް ލިބިއްޖެ!" ނުހާ ބުނެލިއެވެ. ޔޫލިން ފަހަރަކު މީހެއްގެ މޫނަށް ބަލައިލީ ވެގެން އުޅޭ ގޮތެއް އޭނާއަށް ނޭނގޭތީއެވެ. އައިހަމްގެ މޫނުމަތިން ފެނުނު އަސަރުތަކުން އެ ދައްކަނީ ކާކުގެ ވާހަކައެއްކަން ރަނގަޅަށް އޭނާއަށް އެނގޭކަން ދޭހަވެއެވެ. ނުހާއާ އޭނާގެ ލޯބިވެރިޔާގެ ވާހަކަ އައިހަމް އެއްވެސް މީހެއްގެ ކައިރީގައި ނުބުނީ ނުހާ އެކަމަށް އެދިފައިވާތީއެވެ.
"އާހިލް..." ހާލަތުގެގޮތުން ޔޫލިން އިންކަންވެސް ހަނދާންނެތުނު އައިހަމްއަށް ސުވާލުކޮށްލެވުނެވެ.
"އާހިލްއޭ؟" ޔޫލިންއަށް ވެސް ބުނެވުނެވެ. ބުނެދޭން ނޭނގޭ ގޮތަކަށް އޭނާގެ ހިތް ތެޅިލިއެވެ.
"ނުވާނެ އެހެންނެއް..." ހިތާ ހިތުން ޔޫލިންއަށް ވާހަކަ ދެކެވުނެވެ.
އާހިލްއާ ބެހޭގޮތުން އޭނާއަށް އެނގިފައިވާ ވާހަކަތައް ނުހާ ކިޔައިދިނީ ރޮމުންނެވެ. ވާހަކަ ވަކި ހިސާބަކަށް ދިޔަތަނާ އެންމެ ފަހުން ނުހުރެވިގެން ޔޫލިން ސުވާލުކޮށްލިއެވެ.
"އަހަންނަށް ތި އާހިލްއެއްގެ ފޮޓޯއެއް ދައްކަބަލަ!" ޔޫލިން ބުނެލިއެވެ.
"އެއީ ކީއްކުރަން؟" އައިހަމްއަށް ސުވާލުކޮށްލެވުނެވެ.
"ޕްލީޒް..." އާދޭހުގެ ނަޒަރަކުން ޔޫލިން ނުހާއަށް ބަލައިލިއެވެ. ނުހާ އޭނާގެ ފޯނު ހުޅުވައިލުމަށްފަހު، އޭގެން އާހިލްއާއެކު އޭނާ ނަގާފައިވާ ފޮޓޯއެއް ދެއްކިއެވެ. އެއާއެކު ޔޫލިންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެއީ ހަމަ މިންހާގެ އާހިލްއެވެ.
(ނުނިމޭ)