މި ސަރުކާރުން، ސަރުކާރުގެ ލޯ ލާރިއެއްގައި ވެސް ޖެހިފައި ނުވާނެ ކަމަށާއި ރައްޔިތުންނަށް ޚިދުމަތްދެނީ އަމާނާތްތެރިކަމާ އެކު ކަމަށް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޅ. ނައިފަރުގެ 100 ހައުސިން ޔުނިޓު އެ ރަށުގެ ކައުންސިލާ ހަވާލުކުރުމަށް ނައިފަރުގައި އިއްޔެ ބޭއްވި ޖަލްސާގައި އަސްލަމް ވިދާޅުވީ މި ސަރުކާރަކީ އަމާނާތްތެރި ސަރުކާރެއް ކަމަށެވެ. އަދި ރެއާ ދުވާލު އެއްކަމަކަށް ހުސްވެ، މަސައްކަތްކުރަނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން އެ ޖަލްސާގައި އަސްލަމް ވަނީ ޅ. އަތޮޅަށް ދިމާވެފައިވާ ދަތުރުފަތުރު ކުރުމުގެ މައްސަލައަށް ހައްލެއް ހޯދަން މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

"ދަތުރުފަރުތުގެ ނިޒާމުން ރާއްޖެ ގުޅާލުމުގެ ފިޔަވަހީގަ އެންމެ ފުރަތަމަ އެކަން ކުރާނެ އަތޮޅަކަށް އަޅުގަނޑު މި އަތޮޅު ހަމަޖައްސަދޭނަން،" އަސްލަމް ވިދާޅުވިއެވެ.

ދަތުރުފަތުރު ކުރުމުގެ މައްސަލައަށް ހައްލެއް ލިބުމުން ފެލިވަރުގައި މަސައްކަތްކުރާ ދިވެހިންނަށް ވެސް އެކަމުން ފައިދާވާނެކަން އަސްލަމް ފާހަގަކުރެއްވިއެވެ.

ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ތަޢާރަފްކުރި ގެދޮރުވެރިޔާ ލޯން ރައްޔިތުންނަށް ދިނުމުގެ މަަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ ލޯނު ދިނުމަށް 29 ފަރާތެއްގެ ފޯމުގައި މިހާރު ސޮއިކޮށްފައިވާކަމަށެވެ.

އަސްލަމް ވިދާޅުވީ ގެދޮރުވެރިޔާ ލޯން ދިނުމުގައި ލަސްތަކެއް އުޅޭކަން ފާހަގަކުރެވިފައިވާކަމަށެވެ. އެއީ އަތޮޅުތެރޭ ރައްޔިތުން މާލެ އައިސް ފޯމުގައި ސޮއިކުރަން ޖެހުމުން ދިމާވާދަތިތަކެއް ކަމަށާއި އެކަން ހައްލުކުރުމަށް މާލޭގައި ދިރިއުޅުއްވާ ގާތް ފަރާތަކަށް ޕަވާ އޮފް އެޓާނީކަން ދިނުމުން ލޯނު ލިބުން ލަސްވުމުގެ މައްސަލަ ހައްލުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.