13 Mar 2012, 17:05
އޭއެފްސީ ޗެލެންޖު ކަޕުގައި އިއްޔެ ފަލަސްތީނާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު 2-0 ލަނޑުން ބަލިވެ، މުބާރާތުން އަލްވަދާއު ކިޔަންޖެހުނަސް މިފަހަރުގެ މުބާރާތުގައި ދިވެހިން ދެއްކި ކުޅުމާމެދު ޖުމްލަކޮށް ހިތް ހަމަޖެހޭ ކަމަށް އެފްއޭއެމްގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ހުންނަވައި "ސަން" އަށް މިއަދު ދެއްވި އިންޓަވިއުގައި އާޒިމް ވިދާޅުވީ، މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އަނެއް ދެ މެޗުން ބަލިވި ނަމަވެސް، މުބާރާތުގައި ދިވެހިން ދެއްކި ކުޅުމަކީ ހިތްހަމަޖެހޭ ވަރުގެ ކުޅުމެއް ކަމަށެވެ. އަދި ޓީމުގެ އެތެރޭގެ ކަންކަން މިފަހަރު ކުރިއަށްގޮސްފައިވާ ގޮތަށްބަލާއިރު ހިތްހަމަޖެހުނު ކަމުގައި ވިޔަސް، މިހާރުން މިހާރަށް ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް އާޒިމް ވިދާޅުވި އެވެ. ނަމަވެސް ރަނގަޅު ކުރަން ޖެހެނީ ކޮންކަމެއް ކަމެއް އާޒިމް ވިދާޅެއްނުވެ އެވެ.
"ޗެލްންޖު ކަޕުގައި ރާއްޖެ ދެއްކި ކުޅުމާމެދު ޖުމްލަކޮށް ހިތްހަމަޖެހޭ. ޓީމްތެރޭގައި ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. ނަތީޖާ މިއަށްވުރެ ކުރިއަށް ޖެއްސޭނެ. ގްރޫޕްގައި ރާއްޖެއާއެކު ވާދަކުރި ޓީމްތަކަށް ބަލާއިރު ދިވެހި ޓީމުގެ ނަތީޖާތައް ގޯހެއްނޫން،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ، ދިވެހި ޓީމް މާދަމާގެ ވަގުތެއްގައި މާލެ އައުމަށް ފުރާނެ ކަމަށާއި އެހެންނަމަވެސް ބޯޓުން ޖާގަ ނުލިބޭތީ ޓީމުގެ ފަސް ކުޅުންތެރިއަކު މާދަމާ ނޭޕާލްގައި މަޑުކުރާނެ ކަމަށެވެ.
ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ދެ ސްޓޭޑިއަމްއެއްގައި ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ އަށް ޓީމެއް ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ދެގުރޫޕަކަށް ބަހައި ލައިގެންނެވެ. އެގޮތުން ރާއްޖެއާއެކު ގްރޫޕް އޭ ފަޅިން ވާދަކުރި ޓީމް ތަކަކީ ތުރުކުމެނިސްތާނާއި ނޭޕާލް އަދި ފަލަސްތީނެވެ.
ހަންގޭރީގެ ކޯޗު އިސްތަވާން އުރުބާނީގެ އިރުޝާދުގެ ދަށުން ޖެލެންޖް ކަޕުގައި ވާދަކުރި ދިވެހި ޓީމް މުބާރާތުގައި ކުޅުނު ތިން މެޗުގެތެރެއިން މޮޅުވީ، މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ދެ ވަނަ މެޗުގައި މުބާރާތް ބާއްވާ ގައުމު ކަމުގައިވާ ނޭޕާލާ ވާދަކޮށް 1-0 ލަނޑުން މޮޅުވެގެންނެވެ. މިމެޗުގައި ރާއްޖެއަށް ލަނޑު ކާމިޔާބު ކޮށްދިނީ ރ. އަތޮޅު އަލިފުއްޓަށް އުފަން ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޒުވާން ކުޅުންތެރިޔާ މުހައްމަދު ރަޝީދު (ހޮކޭ) އެވެ.
ރާއްޖެ ވާދަކުރި ގްރޫޕް އޭ ފަޅީގެ މެޗްތައް އިއްޔެ ކުޅެ ނިމުނުއިރު، އެއްވަނަ މަގާމު ހޯދީ، މިގްރޫޕްގެ ފުރަތަމަ މެޗުގައި ރާއްޖެ އަތުން 3-1 ލަނޑުން މޮޅިވި ތުރުކުމެނިސްތާނެވެ. ގްރޫޕް އޭގެ އެއް ވަނަ ތުރުކުމެނިސްތާނަށް ލިބެނީ އެއް ގޯލުގެ ތަފާތުން އިއްޔެ ރާއްޖެ އަތުން މޮޅުވި ފަލަސްތީނަށް ވުރެ، ކުރީގައި އޮތުމުންނެވެ. ޕޮއިންޓުގެ ގޮތުން ފަލަސްތީނަށާއި ތުރުކުމެނިސްތާނަށް ހަތް ޕޮއިންޓު ލިބިފައި ވާއިރު، ގްރޫޕް ސްޓޭޖްގެ މެޗްތައް ނިމުނު އިރު ތުރުކުމެނިސްތާނަށް ކާމިޔާބު ކުރެއިފައި ވަނީ ފަސް ގޯލެވެ. އަދި ފަލަސްތީނަށް ކާމިޔާބު ކުރެވިފައި ވަނީ ހަތަރު ގޯލެވެ.
އިއްޔެގެ މެޗުން ބަލިވެ މުބާރާތުގެ ގްރޫޕް ސްޓޭޖުން އަލްވަދާއު ކިޔަން ޖެހުނު ރާއްޖެއަށް ޖުމްލަ ތިން މެޗު ކުޅެ، ތިން ޕޮއިންޓު ލިބުނު އިރު، ގްރޫޕުގެ އެންމެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި، ގްރޫޕް ސްޓޭޖުން ފުރަތަމަ އަލްވަދާއު ކިޔަންޖެހުނު ޓީމަކީ މިފަހަރުގެ މުބާރާތް ބާއްވާ ގައުމު ކަމުގައިވާ ނޭޕާލެވެ.