19 Feb 2022, 20:09
އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގައި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންގެންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދެއްވައިފިއެވެ.
ރައީސް، މިފަދައިން ޔަގީންކަން ދެއްވީ ލޯރޑް (ޠާރިޤް) އަހްމަދު އޮފް ވިމްބްލްޑަން، މިނިސްޓަރ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާ، ޔުނައިޓެޑް ނޭޝަންސް އެންޑް ދި ކޮމަންވެލްތާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުގައެވެ.
މި ބައްދަލުކުރެއްވުން ބޭއްވީ ރައީސް ޅ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފެލިވަރަށް ކުރެއްވި ޒިޔާރަތުގައެވެ.
ބައްދަލު ކުރެއްވުމުގެ ތެރެއިން ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ގާއިމްކޮށްފައިވާ އިނގިރޭސިވިލާތުގެ މިޝަންގެ ފަރާތުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ.
އެގޮތުން ރާއްޖޭގައި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ޓަކައި ކުރާން ޖެހިފައިވާ މަސައްކަތްތަކާއި، އެ ރޮނގުން ހޯދިފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފައިވެއެވެ.
ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި ދީނީގޮތުން ހައްދުފަހަނައަޅައި ދިއުމުގެ ބިރުއޮތްކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެގޮތުން މޭ 3، 2021ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދިން ޓެރަރިސްޓް ހަމަލާއަކީ "ހޭވެރިކަން ގެނުވި" ހާދިސާއެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި އިގްތިޞާދީ ހަރަކާތްތައް ފުޅާކުރުމާއި ރާއްޖެއިން ބޭރުކުރާ ކަނޑުމަހަށް ނަގާ ޑިއުޓީ ކުޑަކުރުމާބެހޭގޮތުން ވެސް ވާހަކަފުޅުދައްކަވާފައިވެއެވެ.
ލޯޑް އަހްމަދު، އާއެކު ބޭއްވި މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.
އެގޮތުން ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުޑަ ޖަޒީރާ ޤައުމަކަށް މޫސުމީ ބަދަލުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުގެ މައްޗަށް ވެސް އަލިއަޅުވާލައްވައިފައިވެއެވެ.
ރައީސްގެ ވާހަކަފުޅުގައި، ކޮމަންވެލްތު އިތުރަށް ހަރުދަނާ ކުރުމުގެ އިތުރުން ކޮމަންވެލްތަކީ މެންބަރު ހުރިހާ ޤައުމަކަށް ވެސް އޭގެ ލާބައާ މަންފާ ލިބެނިވި ޖަމާއަތަކަށް ހެދުމުގެ މުހިއްމުކަމާ ބެހޭގޮތުން ވާހަކަފުޅުދައްކަވާފައިވެއެވެ.
ދެބޭފުޅުންގެ ބައްދަލުވުން ނިންމަވާލައްވާފައިވަނީ ދެ ޤައުމަށް ވެސް ފައިދާއާއި ލާބަ ލިބެނިވި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާ ކުރައްވަމުންނެވެ.