19 Feb 2022, 11:23
ހިތުގެ ވޭލުތައް ބަދަލުކުރުމަށްޓަކައި، ހިތް ފަޅާ ނުލައި ކުރާ ސާޖަރީއެއް ކަމަށްވާ ޓްރާންސް-އެއޯޓިކް ވޭލްވް އިމްޕްލާންޓް ސާޖަރީއެއް އޭޑީކޭގައި ކާމިޔާބުކަމާ އެކު ކޮށްފިއެވެ.
އޭޑީކޭއިން ބުނީ މި ސާޖަރީ ކޮށްފައިވަނީ 81 އަހަރުގެ ދިވެހި ފިރިހެނެއްގެ ކަމަށެވެ. އަދި މިއީ ވަކި ކަންތައްތަކަކަށް ބަލައި، ހޮވާލެވޭ މަދު ބަޔަކަށް ނޫނީ ނުކުރެވޭ ސާޖަރީއެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ހިތުގެ ސާޖަރީ ކުރިއަށް ދަނީ --- ފޮޓޯ: އޭޑީކޭ ހޮސްޕިޓަލް
މި ސާޖަރީ ކުރުމުގައި އެ ހޮސްޕިޓަލުގެ ތަޖުރިބާކާރު ޓީމެއް ވަނީ ހަރަކާތްތެރިވެފައެވެ. އެ ޓީމުގައި ހިމެނެނީ:
ޑރ. ސައިސަތިޝް - ސީނިއާ އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓް
- ޑރ. މުހައްމަދު ޝާފިއު - ކާޑިއޯތޮރެޓިކް އަދި ވެސްކިއުލާ ސާޖަން
- ޑރ. ކައުޝަލް ކިޝޯރު ތިވާރީ - ކާޑިއޯތޮރެޓިކް އަދި ވެސްކިއުލާ ސާޖަން
- ޑރ. ދިވާސް މަނަންދަރު - ސީނިއާ ކޮންސަލްޓަންޓް، އެނެސްތީސިއާ
- ޖުނައިލް ކުރުންގޮޓޫ - ކެތުލެބް ޓެކްނީޝަން
މީގެ އިތުރުން، ހުނަރުވެރި ނަރުހުންގެ ޓީމަކާއި، ސްޓޭންޑް ބައި ޓީމެއް ވެސް މި ސާޖަރީގައި މަސައްކަތް ކުރިއެވެ.
ހިތުގެ ވޭލު ހަރަކާތް ނުކުރުމަކީ، ހިތަށް ދިމާވާ ނުރައްކާތެރި މައްސަލައެކެވެ. އެކަން އާންމުކޮށް ހައްލުކުރަނީ ހިތް ފަޅާލައިގެން ކުރާ އޯޕަން ހާޓް ސާޖަރީއަކުންނެވެ. މިއީ އެފަދަ ސާޖަރީ އަކާ ނުލައި ރާއްޖޭގައި އެ މައްސަލަ ހައްލުކުރެވުނު ފުރަތަމަ ފަހަރެވެ.