11 Mar 2022, 11:22
އަޅުގަނޑަށް ލިބުނު އެންމެ ރަގަޅު ނަސޭހަތަކީ" ތިބާގެ ދީން ދޫވެގެން ނުދަންޏާ ތިބާގެ އަތުން އެއްވެސް އެއްޗެއް ހަގީގަތުގައި ގެއްލިގެން ނުދެއެވެ."
***
ހުސް ވަގުތުކޮޅު އޭނަ ފޮތްދަބަސް ހާވާލައިގެން މެހެކް ދިން ޗޮކްލެޓް ނެގިއެވެ. ނޯޓްސްތަކުގެ ބަދަލުގައި ހަދިޔާއަކަށް މި ލީނާއަށް ދޭން އޭނަ ނިންމިއެވެ. ސިޑި ގިރާކޮށް ތިރިއަށް އަންނަމުން ދިޔައީ ލީނާ ފެނޭތޯ ވަށައިގެން ހޯދަމުންނެވެ. ކުއްލިއަކަށް ކްލާސްކުއްޖަކު ބުނި އެއްޗެއް އިވި އޭނަގެ ފިޔަވަޅުތައް ހުއްޓުނެވެ. އަދި އަތުގެ އިނގިލިތައް މުށްކެވިގެން ދިޔައީ އަތުގެ ތެރޭގައި އޮތް ޗޮކްލެޓް ކުދިކުދިކޮށްލަމުންނެވެ. އޭނަގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ.
" އެނޯޓްސްތަކުގައި ހުރި އެއްޗެހި އެ މޮޔަ ކުއްޖާއަށް ދޭހަވާނެހެން ހީވޭތަ ލީނާ؟" އެއްކުއްޖަކު ހީގަތް އަޑު ކަންފަތުގައި ގުގުމާލައިފިއެވެ.
"އޭނަ ދޭހަކުރަން ޖެހޭނެ. އަހަރެންގެ އެތައް އަގުހުރި ވަގުތެއް އެ ނޯޓްސްތައް ލިޔުމުގައި ދުއްވާލެވިއްޖެ. މި ސެމެސްޓާގައި އަހަރެމެންގެ ކްލާހުގެ އެވްރެޖް ގްރޭޑް އޭނަގެ ސަބަބުން ދަށްވެގެންވެސް ނުވާނެ. އަގް..."
" އެކުއްޖާއަކީ އަހަރެމެން ކްލާހުގައި ރަގަޅަށް ދޮންނަން ޖެހޭފަދަ މިލަގަނޑެއް."
"އެއީ ޔަގީންކޮށް މުޅި ސްކޫލްގެވެސް ބްލެކްޝީޕް. އޭނަގެ ލޯ ދެކުނިންތަ؟ ދެކުލައެއްގައި ލޯ ހުންނަނީ.. ރަގަޅަށްވެސް އޭނައާއި އޮޅިގެންވެސް ހަތަރުކަޅި ހަމަވެއްޖެއްޔާ އަހަރެންގެ ގައިން ހީބިހިނަގައިގެން ދޭ.."
"އެއީ އޭނަގެ މައިންބަފައިން ހިންގާ ކުޑަ ހޮޓެލްހެން ލޮލަށްވެސް ހުތުރެއް. އެކުޑަ އިމާރާތްގަނޑު ދުށިންތަ؟ ސަރުކާރުން އެތަން ތަޅައިލަން އުޅޭ ޚަބަރު އެހިން. ސަރުކާރަށްވެސް އެތަން ހުތުރުކަމުން ކެތެއް ނުކުރެވުނު..." އަންހެންކުދިން ހީ ހީފައި މަލާމާތުގެ ބަސްތައް އަލްވާއަށް ރައްދުކުރަމުން ދަނިކޮށް ކުއްލިއަކަށް އައި ނައިތަނެއް ނޭގި އަލްވާ ދައްކައިލީ ކުރިމަތިންނެވެ. ހުރިހާ ކުދިންވެސް ސިހި ހައިރާންކަމެއް ލިބި އަޑެއް ލައްވައިލެވުނެވެ. އަލްވާ އޭނަގެ އަތުގައި ހުރި ނޯޓްތައް ލީނާގެ މޫނުމައްޗަށް ހޫރާލައިފިއެވެ."މިހިރީ ކަލޭގެ އަގުހުރި ނޯޓްސް."
އަލްވާ ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ." އަހަރެންގެ ނަން އިވުނުހެން ހީވެ މިއައީ. އަހަންނަށް ކަލޭމެންނާއި ބައިވެރިވެވޭނެތަ؟ ތި މީހުން ބޭނުންވާކަހަލަ ބައިވަރު މައުލޫމާތު އެބަހުރި.." އަލްވާ ނިކަން އުފާވެރިކަމާއެކު ވާހަކަދެއްކިއެވެ."ވީއިރު އަހަރެމެން ފަށަންވީ ކޮން ހިސާބަކުން؟ މަގޭ ލޮލުންތަ؟"
އަލްވާ ލޯ ހުޅުވުނު އެންމެ ބޮޑަށް ހުޅުވާލައިފިއެވެ.
"ކްރޭޒީ...." ލީނާ ތުން ތަޅުވައިލިއިރު ކޮންމެވެސް ވަރަކަށް ބިރުވެސް ގަތެވެ. އޭނަ އެތަނުން ހިނގައިގަތީ އޭނައާއެކު އައުމަށް އެކުވެރިންނަށް އިޝާރާތްކުރަމުންނެވެ. އެކުދިން ހިނގައިގަތްތަން ބަލަން އިން އަލްވާގެ ތުންފަތުގައި ވި ހިނިތުންވުން ފަނޑުވެ އޭނަވެސް ކްލާހާއި ދިމާލަށް ދާންފެށިއެވެ. މިއީ އޭނައަށް އާކަމެއް ނޫނެވެ. އޭނައާއި ބެހޭގޮތުން ފާޑުފާޑުގެ ވާހަކަތައް އަހާފައިވެއެވެ. ބައެއްފަހަރު އެމީހުން އޭނަ ވުޖޫދަށް އައިކަމަށްޓަކާ އޭނަދެކެ ނަފްރަތުކުރާފަދައެވެ. އެކަމަކު އެކަމާއި އަލްވާ ވަކި ކުރާނީ ކީއްހެއްޔެވެ؟ އޭނައާއި ބެހޭގޮތުން ވާހަކަދެއްކުން ހުއްޓުވުމަކީ އޭނަގެ ބާރުފޯރާނެ ކަމެއް ނޫނެވެ. އެހެންވީމަ އޭނަ ޖެހޭނީ ކުރިއަށް ދާށެވެ.
***
"މެހެކް. އަހަރެން ގޭޓާއި ހަމަޔަށް ރޭސް ޖަހާނަން." ކްލާސް ނިމުނުކަން އިއުލާން ކުރަން ރަނަގަބީލުގެ އަޑު ގުގުމައިލުމާއެކު އަލްވާ ތެދުވުނެވެ."އަލްވާ. ސްކޫލްގެ ގޯތީގައި ނުދުވާށޭ މުދައްރިސް ބުނެ ބުނެ ހުއްޓާ އަލްވާ ނުކުމެގެން ދުއްވައިގަތުމުން މުދައްރިސްވެސް ހިތާމައާއެކު ބޯ ހަލުވައިލިއެވެ. އާދައިގެ މަތިން މެހެކް އަދަބުވެރިކަމާއެކު ތެދުވެ މުދައްރިސަށް އަލްވަދާއުކިޔާފައި އޭނަ ކްލާހުން ނުކުތެވެ. އަލްވާ ފަހަތުން ދުވަން ބޭނުންވިޔަސް ހޯލުން އެހެން މުދައްރިސުން ހިނގާފައި ދިޔަތަން ފެނުނެވެ.
"އަލްވާ މަޑުކޮށްބަލަ..." މެހެކްއަށް އަލްވާ ފެނުމުން ގޮވާލައިފިއެވެ. އަލްވާ ދުވުން މަޑުކޮށްލާފައި ކުޑަކޮށް ކޮނޑުމަތިން ބަލާލައިފިއެވެ. މެހެކް ދުވަން ފަސްޖެހޭކަން އެނގި އޭނަ އައިގޮތަށް މެހެކްގެ އަތުގައި ހިފެހެއްޓިއެވެ."ކަމޯން..ދަމާ ހިނގާ.."
ފުޅާ ހިނިތުންވުމަކާއެކު އަލްވާ އެހެން ބުނުމާއެކު ދެކުދިން އެކީ ދުވަމުން ދިޔައިރު މެހެކް "ރިލެކްސް"ވެ އަލްވާއާއެކު ހުނެވެ. އަލްވާގެ ސަބަބުން މެހެކްގެ ލާނެތް ބައި ނެރެލައެވެ. އަލްވާއާއި ނުލާ ހުދު ކަރުދާހެއް ފަދައިން އޭނަގެ ދިރިއުޅުން ފޫހި އެއްޗަކަށް ވާނެއެވެ.
" ކޮންތަނަކަށް މިދަނީ؟"
"ވަޒީފާއެއް ހޯދަން...."
"ކީކޭ؟"މެހެކް ލޯބޮޑުކޮށްލިއެވެ.
"ކޮންމެ ގޮތެއް ހަދާފައިވެސް ވަޒީފާއެއް ހޯދަން އެބަޖެހޭ.."އަލްވާވެސް ދުވުން މަޑުކޮށްލާ ހިނގުމަކަށް ބަދަލުކުރިއެވެ.
"ތިބުނީ ކީކޭ؟ކޮން ވަޒީފާއެއްތަ؟" މެހެކް ސުވާލުކުރިއެވެ. އަލްވާ އަބަދުވެސް ކޮންމެވެސް އާކަމެއް ގެނެސް އަދި މެހެކް ހައިރާންކޮށްލުމުގައި އަބަދުވެސް ކާމިޔާބު ހޯދައެވެ.
"މި ކިޔާބަލަ....."އަލްވާ ތަންކޮޅެއް ސީރިޔަސްވެލިއެވެ. އޭނަ ރީތިކޮށް ފަށްޖަހާލާފައި އޮތް ނޫހެއް ހުޅުވައިލުމަށްފަހު މެހެކްއަށް ދެއްކިއެވެ.
"ހައިސްކޫލްކުދިންނަށް ވަޒީފާ ދޭ ފަދަ ތަންތަން އެމްސްޓަޑަމް އިން ބަލާލައިފިން." އަލްވާގެ ލޮލުން ޖޯޝުން ފުރިފައިވާ ވިދުމެއް ފައުޅުވިއެވެ.
"އެމްސްޓަޑަމް؟އެއީ......ނޯވޭ. އެއީ މާދުރުގައި އޮތްތަނެއް. އަހަރެމެންގެ މައިންބަފައިން އުމުރަށް ގްރައުންޑްކުރާނެ"މެހެކް ވަގުތުން އިންކާރުކޮށްފިއެވެ.
"ބަލާލަބަލަ. ތިކަން ޗެކްކޮށްފިން. ބަހުގައި އެއްގަޑިއިރުން ދެވޭނެ."
"އަހަރެމެންގެ ބޮޑު އިމްތިހާން ސަމާ ބްރޭކަށްފަހު އޮތީ. އަހަރެން ހީކުރީ އެންމެފަހުން އަލްވާ ކިޔަވާ ހޯނަށް ވީކަމުގައި."
"އެކަމަށް ކިޔަވާނަން. އެކަމަކު ފުރަތަމަ އެމްސްޓަޑަމްއަށް ޒިޔާރަތްކޮށްލުމުގައި ގޯހެއްނެތް. އިރުފުހުމުގެ ކުރިން އަހަރެމެން އެނބުރި އަންނާނީ...." މެހެކް ހިނގުން ހުއްޓާލާފައި މޭގައި އަތް ހުރަސްކޮށްލަމުން ބަލަން ހުރީ ހަރުކަށި ނަޒަރަކުންނެވެ.
"އަލްވާ ސީރިޔަސްކޮށް މިބުނީ. ދެން ޕޭރެންޓުން ކައިރީ ކީކޭ ބުނާނީ..."
"އަހަރެން ބުނާނީ މެހެކްއާއެކުގައޭ."އަލްވާ ކޮނޑު އަރުވައިލިއެވެ.
"އަހަރެން އަލްވާއާއެކު ނުދާނަން. ދުވަހަކު އެހާ ދުރަށް އަހަރެމެން ނުދަމެއްނު.."
"ދެން އަހަރެން މަޖާކޮށްލާފައި އައީމަ އެކަމާ ހިތާމަނުކުރައްޗޭ. ވިޝް މީ ލަކް..." އަލްވާ ހީލާފައި އަތް ހޫރައިލުމަށްފަހު އަނެއްކާ ނައްޓައިލިއެެވެ. ކޮށްޓަކުން ދެންމެ ދޫކޮށްލި މިނިވަން ދޫންޏެއްފަދައިން ނޫ އުޑުގެ ހިޔަލުގައި އުދުހެމުންނެވެ. އޭނަގެ ގަތާފައިވާ އިސްތަށިގަނޑުގެ ދެ ބައި ނަށަމުން ދިޔައެވެ. ބަހަށް އެރުނުއިރު އޭނަ ހުރީ ނޭވާ އުފުރިއަރާފައެވެ. އަލްވާ ދަބަސް ހާވާފައި އޭނަގެ ބުޅަލެއްހެން އޮންނަ ފައިސާ ފޮތިއަޅާ ދަޅު ހުޅުވާލައިފިއެވެ. އެ ދަޅުން ފަހަރަކު ފައިސާ ފޮތްޗެއް އަތަށް އަޅަން ހުރީ ކޮޅަށެވެ. އެއް އަތުން ދަބަހުގައި ހިފަހައްޓައިގެން އަނެއް އަތުން އަވަހަށް ފައިސާ ފޮތިތައް ނަގަން އުޅުނުއިރު ބަސް ޑްރައިވަރު ފޫހިވެފައި ބަލަން ހުއްޓެވެ. އެންމެންވެސް ބަހަށް އަރާއިރު ފައިސާ ތައްޔާރަށް ބަހައްޓާނެނަމައެވެ. އޭރުން އޭނަގެ ވަގުތު ބޭކާރުވެގެނެއް ނުދާނެއެވެ.
"މިހިރީ. އަހަރެމެން ދެމީހުންނަށް..." މެހެކް ބަހަށް އަރާ ފައިސާ ދިނުމަށްފަހު އަލްވާއާއި ދިމާލަށް ބަލާވެސް ނުލާ ސީޓަކާއި ދިމާލަށް ހިނގައިގަތެވެ. އަލްވާގެ ހިތް ފުރުނެވެ.މިއީ އޭނަގެ އެންމެ ގާތް އެކުވެރިޔާއެވެ. އަލްވާ މެހެކްއާއި ޖެހިގެން ހުރި ސީޓުގައި އިށީދެ އޭނަގެ ވަށައިގެން އަތް އަޅުވާލައިފިއެވެ.
"ތެންކިއު ސޯ މަޗް މެހެކް. އަހަންނަށް އެނގޭ އެކަނި މަޖާކުރިޔަ ނުދޭނެކަން......"
"ޝުކުރުވެރިވާން ވީ ގޮތަކީ ތިއީތަ؟" މެހެކް އަލްވާގެ ބަނޑުގައި އުޅަބޮށި އަޅުވައިލިއެވެ. ދެމީހުންނަށް އެކަކު އަނެކަކުގެ ލޮލަށް ބަލައިލެވުމާއެކު ހީގަނެވިއްޖެއެވެ. އަދި ފޯރިއާއި ޖޯޝުން ފުރިގެންވީގޮތަކަށް ހަޅޭއްލެވުން ހުއްޓުނުކަމަކަށް ނުވިއެވެ. މިއީ ދެކުދިން މިހާ ދުރަށް ކުރާ ފުރަތަމަ ދަތުރެވެ. ކަންބޮޑުވުމާއެކު ފޯރިވެސް އައިސްފަ ދެކުދިންނަށް ސީޓުގައިވެސް ހަމަޖެހިލައިގެން ތިބެވުނަކަ ނުދިނެވެ. އެދެކުދިންގެ ލޯތައް ގިނަފަހަރު ހުއްޓިފައިވީ ކުޑަދޮރުން ބޭރުން ފެންނަމުން ދިޔަ ހިތްގައިމު މަންޒަރުތަކަށެވެ.
***
އެމްސްޓަޑަމްގެ އެންމެ އަގުބޮޑު ހިތްގައިމު ގަނޑުވަރެއްފަދަ ގެއަކީ "ރޯޒްކްލިފް"އެވެ. އާދައިގެ ޑަޗް ރައްޔިތެއްގެ މުޅި ދިރިއުޅުމުގެ އާމްދަނީއަށްވުރެ އެ ބޮޑު ގަނޑުވަރުގެ އަގު ބޮޑެވެ. އަދި ވަށައިގެންވާ ޗާލު މަންޒަރުތަކާއިއެކު އެފަދަ އަގެއްވެސް އެތަނާއި އެކަށީގެންވެއެވެ. އެ ގަނޑުވަރު ހުންނަނީ ކުޑަ ވާގަނޑެއް އޮންނަ ހިސާބަކާއި އިންވެގެންނެވެ. އެ ވަލުތެރޭގައި ދިގު ބާޗްގަސްތައް ވިލާތަކާއި ހަމަޔަށް ދާން ވާދަކުރާއިރު ވިނަގަނޑެއްހެން ތިރީގައި ހެދިފައިއޮތީ ބްލޫބެލްސް މާތަކެވެ. ފަރިވެ ފޮޅިފައެވެ. ހޫނުމޫސުމްގެ އަވީގައި އެކުލަތައް ފައުޅުވެ ވިދައެވެ. ފެހިގަސްތަކުގެ ތެރެއިން އަޅިކުލައިގެ ތިރިއަށް ލެނބިފައިވާ ފުރާޅުތަކާއި ހުދު މާބްލްއިން ހެދިފައިވާ ގަނޑުވަރުގެ ހުދުކަން ހައިރާންވާފަދަ ގޮތަކަށް ފައުޅުވާން ހުރެއެވެ. ދިގު ކުޑަދޮރުތަކަށް އުޑުގެ ނޫ ހިޔަނި އެޅި އަދި އެގަނޑުވަރުގައި ޒަމާނީ ކުލަ ޖައްސާލާފައިވިއެވެ.
ޝަހްނާޒު ފައިލްގެ ގަނޑުތައް އުކަމުން ދިޔައިރު ތުނބުން ރާގެއް ފުމެމުން ދިޔައިރު ތުންފަތްމަތީގައި ހިނިތުންވުމެއް ކުޅެލަ ކުޅެލާވިއެވެ. ކޮންމެވެސް ވަރަކަށް ނުރަ ފައުޅުވާން ހުރި މުށިކުލައިގެ އިސްތަށިގަނޑު ހުޅިއަކުން ހައްޔަރުކޮށްލާފައިވިއެވެ. އެއްވެސް މޭކަޕެއްނެތަސް އޭނަގެ މޫނު ވިދައެވެ. އެ އުމުރުގައިވެސް ކަސްރަތާއި ސިއްހީ ރަގަޅު އާދަކާދަތައް ގެންގުޅެ އަދި ކެއުމަށް ބަލާތީ އޭނަގެ ހަށިގަނޑު ނިކަން ފިޓްއެވެ.
"ގުޑް މޯނިން.." ޝަހްނާޒުގެ ފިރިމީހާ އުސްމާނު ލައުންޖަށް ވަންއިރު އަތުގައި ހޫނު ކޮފީތަށްޓެއްވިއެވެ. އޭނަ ގުދުވެފައި ލޯބިވާ އަނބިމީހާގެ ކޯތާފަތަށް ބޮސްދިނެވެ.
"ނާޒް ކީއްކުރަނީ؟ ރަގަޅު މޫޑެއްގައިހެން ހީވޭ.." އުސްމާނު އިށީނީ ޝަހްނާޒުއާއި ޖެހިގެންނެވެ. އަދި އޭނަގެ އަތުގައި އޮތް ފައިލަށް ނަޒަރު ހިންގައިލެވުނެވެ. ޝާހްނާޒުއާއި އުސްމާނަކީ އުފާވެރި ދިރިއުޅެއް އުޅެމުންދާ ދެމަފިރިންނެވެ. އުސްމާން ޑޮކްޓަރެއްގެ ވަޒީފާ އަދާކުރަމުންދާއިރު ޝަހްނާޒް ހިންގަނީ ރެސްޓޯރެންޓެކެވެ. ދެމީހުންނަކީވެސް މުއްސަދި އާއިލާތަކުން އައިސްފައިވާ އިހުތިރާމް ލިބެވޭ ވަޒީފާއެއްގައި ތިބި ސްމާޓް ދެމީހުންނެވެ. މުޖުތަމައުގައި އެމީހުންގެ އިއްޒަތާއި ލިބިގެންވާ ޝަރަފާއެކުވެސް އެހާ ހިތްތިރިއެވެ. ދެމީހުންގެ ހިތް މަޑުވެފައި ދެމީހުންގެ ދިރިއުޅުމަށް އަންނަ ކޮންމެ ބަޔަކަށް ދައްކަނީ އެ އޯގާތެރިކަމެވެ. އެދެމަފިރިންގެ ކައިވެންޏަށް ތިރީސް އަހަރު ފުރުނުއިރު ރީތި ދެދަރިންގެ ނަސީބު ދެއްވާފައިވިއެވެ. އެއީ ސުފިޔާންއާއި ސަދަފްއެވެ. ސުފްޔާންއަކީ ކޮންމެ މަންމައަކާއި ބައްޕައަކު އެންމެ އެދޭނެ ފަދަ ފިރިހެން ދަރިއެކެވެ. އެވެސް އޭނައަށް ލިބިފައިވާ ރީތިކަން ނުލައެވެ. އަދި އޭނަގެ ކެރިއާގައި އެހާ ކާމިޔާބެވެ. އެ އުމުރުގައި ކުންފުންޏެއްގެ ސީއީއޯއަކަށް ވުމަކީވެސް އާދައިގެ ކަމެއް ނޫނެވެ. ދެން ހުރި ސަދަފްވެސް އޭނަގެ ރީތިކަމާއި އެކު މޮޑެލް ކުރުމުގެ ދާއިރާގައި ފިޔަޖަހަނީއެވެ. އެއްވެސް ވިސްނުމަކާއިނުލާވެސް ސްޕޮންސަރުން އޭނައަށްޓަކާ ފައިސާ އޮއްސާނެއެވެ. އެމީހުންގެ ގާތުގައި ސަދަފް ހުރެއްޖެއްޔާ ކާމިޔާބުވާނެ ކަން ދަންނަނީއެވެ. ސަދަފް ކޮންމެ ކޮމާޝަލްއަކަށް އެރިޔަސް ކޮންމެ ހެދުމެއްގައި ހުއްޓަސް ގަޑިއެއްގެ ތެރޭ ވިކޭނެއެވެ. ހުރިހާ ކަމެއް ފުރިހަމަވުމާއެކު އެ އާއިލާ ރޯޒްކްލިފްގައި އުޅެމުން ދިޔައީ އެމީހުންގެ ދުވަސްތަކުގައި ބަރަކާތާއި އުފާވެރިކަމުގެ ކުލަ ޖައްސަމުންނެވެ.
"އޯ... އަޅުގަނޑު ސުފްޔާންގެ އެސިސްޓެންޓް ގާތުގައި ބުނެގެން ބައެއް އަންހެންކުދިންގެ މައުލޫމާތުކޮޅެއް އެއްކޮށްލައިފިން." ޝަހްނާޒު ހިނިތުންވެލިއެވެ." ބައްލަވާ. މިއީ ޒުވާން ޑޮކްޓަރެއް. ރީއްޗެއް ނޫންތޯ؟ އަޅުގަނޑުމެންގެ ދަރިފުޅާއި ކިހާ އެކަށީގެންވާ އަންހެންކުއްޖެއް...." ޝަހްނާޒު ޑޮކްޓަރ ކޯޓުގައި ހުރި ހިތްދަމައިގަންނަފަދަ ގޮތެއް ހުރި އަންހެންކުއްޖަކަށް އިޝާރާތްކުރިއެވެ. އުސްމާނު ޗޮކެއް ކަނޑައިލިއެވެ.
"އެއީތަ ނާޒް އަވަދިނެތި ތިއުޅޭ ސަބަބަކީ؟ ސުފިޔާން ބޭނުން ކޮންމެ ކުއްޖަކަށް ރުހުން ދޭން އަހަރެމެން އެއްބަސް ނުވަންތަ؟"
"އަޅުގަޑަށް އެނގޭ. އަޅުގަނޑަށް އެނގޭ." ޝަހްނާޒް އަވަސްއަވަހަށް ބުނެލިއެވެ."ސުފިޔާންއަށް އަޅުގަނޑުމެންނަށް ކުއްޖަކު ހޮވާނުދެވޭނެކަން އެނގޭ. ހަމަ މުޅިންވެސް އެކަމުގައި އެކުއްޖާގެ ޗޮއިސް އޮންނާނީ. އެކަމަކު އަންހެނުންގެ ކަންތަކުގައި އޭނަގެ އެއްވެސް ތަޖުރިބާއެއްނެތް ކަން އެނގެއެއްނު. މިވީހާތަނަށް އޭނަ ދުވަހަކުވެސް އަޅުގަނޑުމެންނަށް އަންހެންކުއްޖަކު ތައާރަފު ކޮށެއް ނުދޭ...އަދި އެއްވެސް ކުއްޖަކާ ޑޭޓްކޮށެއް ނަހަދާ..."
"ހަގީގަތުގައިވެސް މިއީ އަޅުގަނޑުމެންގެ ދަރިފުޅާއި އެކަށީގެންވާފަދަ ރަގަޅު އަންހެންކުދިން. އެހެންވެ މަންމަގެ ހައިސިއްޔަތުން ކުއްޖަކު ހޮވުމުގައި އަޅުގަނޑަށްވެސް އެހީވެވިދާނެ ނޫންތޯ؟"
"ޔަގީން ނާޒް. އެކަމުން ހިތްހަމަޖެހުން ލިބެންޏާ.." އުސްމާނު ހިނިތުންވެލިއެވެ.
"ސުފިޔާންވެސް މިހާރު އެހެރީ ކައިވެނި ކުރ\ަ އުމުރުގައި. މިގޭތެރެއިން ކުޑަކުއްޖެއްގެ އަޑު އިވުން ލޯބިކަމަކަށް ނުވާނެތޯ؟ކިހާ ޒަމާނެއް ވެއްޖެ......."
"ވީއިރު..އަޅުގަނޑުމެންގެ ޅީދަރިވެސް ޑޮކްޓަރަކަށް ނޫނީ ވެގެން ނުވާނެ؟"
"ނޫން. އެކުއްޖާ އޯގާތެރި ހިތްހެޔޮ ކުއްޖަކަށްވެއްޖެއްޔާ އަޅުގަނޑަށް ކަމުދާނެ..." ޝަހްނާޒަކީ ހަގީގަތުގައި ތަފާތުކުރުން ގެންގުޅޭ އަންހެނެއް ނޫނެވެ. ހުރިހާ އަންހެނުންނަކީވެސް އޭނަގެ ގާތުގައި ހަމަހަމަ ބަޔެކެވެ. އެކަމަކުވެސް އޯގާތެރި ކުއްޖަކަށް އޭނަގެ ހިތް އެދެއެވެ. އަދި ސިއްރު ސިއްރުން އެދެވެނީ ރަގަޅު އާއިލާއަކުން އެކުއްޖާ އައުމަށެވެ.
"ގުޑް މޯނިން މަމް..." ސުފިޔާންގެ އަޑު އިވުމާއެކު ޝަހްނާޒް ފައިލް ލައްޕާލައިފިއެވެ. ސުފިޔާން ހުރީ އޮފީސް ސޫޓުގައި ނިކަން ސްމާޓްކޮށެވެ. އޭނަައައީ ޓައީ ރަގަޅުކޮށްލަމުންނެވެ.
"މޯނިން މައި ލަވް.." ޝަހްނާޒު ހިނިތުންވެލަމުން ހެނދުނު ނާސްތާ ތައްޔާރުކޮށްދޭން އުޅެގަތެވެ. މުއްސަދިކަމުން ބަދިގޭގެ މަސައްކަތަށް ގިނަ ޚާދިމާއިން ހޯދުން ދަތިކަމަކަށް ނުވިޔަސް ކެއްކުމަކީ ޝަހްނާޒުގެ ޚާއްސަ ކަމެކެވެ. ރެސްޓޯރެންޓްގައި އަވަދިނެތި ނޫޅެންޏާ އެއް އިރު ނަމަވެސް ކެއްކުމަކީ އޭނަ ކުރާހިތުން ކުރާ ކަމެކެވެ. ޝަހްނާޒްއަށް އޮރެންޖް ޖޫހެއް ތައްޔާރުކުރިއިރު ފިރިހެންވެރިންނަށް ކޮފީއެވެ. ސްކްރެމްބްލް ކޮށްފައިވާ ބިހާއި ބޭގަލްސްއާއި ސްކޯން ކްރީމާއި ޖޭމާއެކުގައެވެ. ޝަހްނާޒް ކެއީ ހަމައެކަނި އެވޮކާޑޯ ޓޯސްޓެކެވެ. ޝަހްނާޒް އޭނަގެ އާއިލާ އެއްގަމު މަސްކެއުން މަދުކޮށް ގަހުގެ ކާނާ ބޭނުންކުރަން ބާރު އަޅައެވެ. އެއީ ސިއްހަތަށް ބޮޑަށް ފައިދާވެފައި އޭނަގެ އާއިލާއަށް އެންމެ ހެޔޮއެދޭނީ އޭނަ ކަމުގައިވާތީއެވެ.
"ކިހިނެއް ވިޔަފާރި ކުރިއަށް ދަނީ ދަރިފުޅާ؟" އެންމެން އެކީގައި ނާސްތާ ކުރަން އިށީދެފައި އުސްމާން ސުވާލުކުރިއެވެ.
"ހުރިހާކަމެއް ހަމަ ރަގަޅަށް ދަނީ ބައްޕާ. މިފަހުން އައިޒަކްއާއި އެކު ވިޔަފާރި ގުޅުވައިފިން. އަދި މިއަދު ހުރިހާ ހިއްސާދާރުންނާއެކު ބައްދަލުވުމެއް އެބައޮތް...." ސުފިޔާންގެ ވާހަކަތަކާއި މެދު ހިތްހަމަޖެހި އުސްމާނު ބޯޖަހައިލިއެވެ.
"އައިޒަކްއަކީ ވިޔަފާރީގެ ރަގަޅު ބައިވެރިއެއް.އެމީހުން ވިޔަފާރީގެ ނަން ވިންޓަރފެލްއިން ވިސްޓީރިއާއަށް ބަދަލުކޮށްލައިފި ދޯ.." އުސްމާން އެހިއެވެ.
"ޑިއަރ. ކާކޮޓަރީގައި ނޯ ބިޒިނަސް ޓޯކް....." ޝަހްނާޒް އުސްމާނާއި ދިމާލަށް މޫނު ހަދައިލިއެވެ.
"އެއީ ތެދު ވާހަކައެއް ބައްޕާ. އަޅުގަނޑަށްވެސް އުދަގޫވާ ކަމެކޭ. އަދި އަޅުގަނޑުގެ ލޯބިވާ އާއިލާ އިންތިޒާރުކުރުމެއްނެތި ބްރެކްފާސްޓް ނަގަނީ ކީއްވެ؟" ސަދަފް ޝަކުވާކުރަމުން އަޑު ގޮއްވާފައި ގޮނޑި ދަމާ ގެނެސް ކައިރިކޮށްގެން އިށީނެވެ. އަދި މޭގައި އަތް ހުރަސްކުރިއެވެ. އާބަން ރަތްކުލައިން ޑައިކޮށްފައިވާ އޭނަގެ އިސްތަށިގަނޑު ބާނިހެން ކޮނޑުމައްޗަށް ދޫކޮށްލާފައިވާއިރު ލޮލުގެ އަޅި ކުލައާއި ހަމުގެ ދޮންކަން ފައުޅުކޮށްދެއެވެ. ތުންފަތުގައި ހުރީ ވިދާ ރަތްކުލައެކެވެ.
"މިސް. އަޅުގަނޑުމެން ދަނީ.." ސަދަފްގެ ފުރަގަހުގައި މަޑުކޮށްލި މޭކަޕްކުރާ މީހުންތައް އަދަބުވެރިކަމާއެކު ދިޔުމުގެ ހުއްދައަށް އެދުމުން ސަދަފް އަތުން އިޝާރާތްކޮށްލީ އެމީހުން ނުކުތުމަށެވެ.
"ސަދަފް މިއަދު ކޮމާޝަލްއެއް ނެތީތަ؟އެހެންވެ މި ތައްޔާރުކޮށްލީވެސް..." ޝަހްނާޒް ފްރިޖް ހުޅުވާލާފައި ފެހިކުލައިގާ ހުރި ޖޫހެއް ނެގިއެވެ. އަދި ފަޚުރުވެރިކަމާއެކު ކިޔާލައިފިއެވެ."ކޭލް ފެހި އާފަލު، ކިއުކަމްބާ އަދި ޖިންޖަރ..."
"ތޭންކްސް މަންމާ.."ސަދަފް އެ ފުޅި އަތުލިއެވެ. ސަދަފްގެ ނަޒަރު ދެން ދަތުރުކުރީ އޭނަގެ ބޭބެ ސުފިޔާންއަށެވެ. އޭނަގެ ސްކޯންގައި ކްރީމާއި ޖޭމް ޖަހަންވެގެން ނިކަން ހަމަޖެހިލައިގެންނެވެ. ސަދަފްގެ ނަޒަރު އިހުސާސްވެފައި ލޮލުގެ ކަޅި ހިންގައިލިއެވެ.އަނެއްކާވެސް ނަޒަރު ހުއްޓައިލީ އޭނަގެ ސްކޯންއަށެވެ. އޭރު ތުންފަތުގައި ސަމާސާ ހިނިތުންވުމެއްވިއެވެ. ސަދަފް ލޯ ހަނިކޮށްލިއެވެ. އަދި ނޭވާއަކަށްވެސް މަޑުކޮށްނުލާ ޖޫސްތަށި ދަމާލާފައި ތެދުވުނެވެ.
"ލެޓްސް ގޯ ބްރަދާ. މިއަދު ޝޫޓިން ސައިޓަށް ލާ ދޭން އެބަޖެހޭ. ދެންމެ ނިޔަފަތިތައް ޕެއިންޓްކޮށްލީ އެހެންވީމަ ކާރު ދުއްވޭކަށް ނެތް." ސަދަފް އޭނަގެ ހުދުން ޕެއިންޓްކޮށްފައިވާ ވިދާ ދިގު ނިޔަފަތިތައް ދައްކާލައިފިއެވެ.
***
ސަދަފް ކާރުގައި ހަމަޖެހެންދެން މަޑުކޮށްލައިގެން އިނުމަށްފަހު ސުފިޔާން ކާރު ސްޓާޓްކޮށްލިއެވެ. ކާރަށް އެރުމާއެކު ހާވާލުމަށްފަހު ސިގްރެޓްފޮށި ނެގިއެވެ. ސުފިޔާން ކޮއްކޮއާއި ދިމާލަށް ބަލާނުލިކަމުގައި ވިޔަސް ބޯ ހޫރައިލީ ދެރަވެފައެވެ.
"ތިކަން ހުއްޓައިނުލާނީތަ؟" ސުފިޔާންގެ ނަޒަރު ހުއްޓިފައިވީ މަގަށެވެ. މިނިވަންވެފައިވާ އަތުން އޭނަ ކާރުގެ ބިއްލޫރިތައް ތިރިކޮށްލީ ސިގްރެޓް ދުންތައް ބޭރުކޮށްލުމަށެވެ.
ނުނިމޭ