19 Feb 2022, 09:39
"މިއަދުން ފެށިގެން އަހަރެން ވޯކް ކުރާނީ މި އޮފީހުގަ..." ޒިވިއަން ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލަމުން ބުނެލިއެވެ.
"ކޮން ސެކްޝަނެއްގަ؟..." އިރަމް އަހައިލިއެވެ.
"އިރަމްއާ އެކީ..." ޒިވިއަން ޖަވާބުދިނެވެ.
********
އިރަމް ވާނުވާ ނޭނގިފައި ހުއްޓައި، އައިޒަކް ލިފްޓްގެ ތެރެއިން ނުކުމެގެން އައެވެ. އައިޒަކްގެ ނަޒަރު އިރަމްގެ މޫނުން، އޭނާގެ ކައިރީގައި ހުރި ޒިވިއަންއަށް ހުއްޓުމާއިއެކު، މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އޭނާގެ ހިނގުން ކުޑަ ހިނދުކޮޅަކަށް މަޑުޖެހުނެވެ.
އައިޒަކް ފެނުމުން ޒިވިއަންގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. އައިޒަކް ބަލައިލާނެކަމަށް އޭނާ އަތް އުފުލައިލިވެސް މެއެވެ. އެހެނަސް، ޒިވިއަންއަކީ އެތަނުގައި ހުރި މީހެއްކަން އައިޒަކަށް ނުވެސް އެނގޭ ކަހަލައެވެ. އޭނާ މަޑުކޮށްލުމެއްނެތި ގޮސް ކެބިންއަށް ވަނެވެ. އޭރު އައިޒަކްގެ އިންތިޒާރުގައި މާކިން ހުރީ، ދެކޮޅަށް ހިނގާލަހިނގާލައެވެ. އެ މޫނުންވެސް ކަމެއް ގޯސްވެއްޖެކަމުގެ އަސަރުތައް ފެންނަން ހުއްޓެވެ.
"ޒެކް..." އައިޒަކް ފެނުމުން މާކިން ގޮވައިލީ ހާސްވެފައި ހުރެއެވެ.
އައިޒަކްގެ ނަޒަރު ފުރަތަމަވެސް ހުއްޓުނީ، މާކިންގެ އަތުގައި އޮތް ލިޔުންތަކަށެވެ. އޭނާ ވަގުތުން އެ އަތުލައިގެން ބަލަން ފެށިއެވެ. އެއީ ޒިވިއަން ވަޒީފާއަށް ނެގިކަމުގެ ލިޔުންތަކެވެ. އެ ލިޔުންތައް ހަދާފައިވަނީ، އައިޒަކް އޮފީހާއި ހަވާލުވުމުގެ ކުރިންނެވެ. ހުރިހާ މަރުހަލާއެއްވެސް ފުރިހަމަކޮށްފައި އޮތީ، ގަވާއިދާއި އެއްގޮތަށެވެ. މައްސަލައެއް ޖެއްސޭނެ ކުޑަވެސް ޖާގައެއް ނެތެވެ.
"އިޓަލީގެ އެންމެ މަޝްހޫރު، ޓީވީ ޗެނަލް ދޫކޮށްލާފަ، އެހާ ކުޑަ މުސާރައަކަށް ޒިވިއަން އެއައީ ކީއްވެބާއޭ އަހަރެންގެ ހިތަށް މި އަރަނީ؟..." މާކިން ހުރީ ފުން ވިސްނުމެއްގެ ތެރޭގައެވެ.
********
އައިޒަކް ދިޔަ ދިމާއަށް ބަލަން އިރަމް ހުރީ ނުތަނަވަސްވެފައެވެ. އޭނާގެ ހިތަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ. އައިޒަކް އަނގައިންވެސް ނުބުނެ ދިޔައީ ކީއްވެ ހެއްޔެވެ؟ އަނެއްކާ އިރަމް ފިރިހެނަކާއި ވާހަކަ ދައްކަން ހުރުމުން ހިތްހަމަނުޖެހިގެން ހެއްޔެވެ؟ ނޫނީ، އޮފީސް މީހުންނަށް އެ ދެމީހުންގެ ގުޅުން އަންގަން ބޭނުންނުވާތީ ހެއްޔެވެ؟ ނޫނީ އެއީ އިރަމް ބޭނުންވާގޮތް ކަމަށް ނިންމައި، އިރަމްއަށް އެއްބާރުލުން ދިނުމުގެ ގޮތުން ހެއްޔެވެ؟
"ބޮސް ރުޅިއައިސްގެންތަ އެދިޔައީ؟..." ޒިވިއަން ސުވާލުކުރިއެވެ.
އިރަމް އަވަސްއަވަހަށް ބޯ ހޫރައިލިއެވެ.
********
މެންދުރު ބާރަޖެހިކަން އިއުލާންކުރީ އިރަމްގެ އަތުކުރީގައި އަޅާފައިވާ ގަޑިންނެވެ. ކުރަން އިން މަސައްކަތް ހުއްޓާލާފައި އިރަމް ތެދުވިއެވެ. މެންދުރު ބްރޭކް ގަޑީގައި ރެސްޓޯރެންޓަށް އައުމަށް އެދި އައިޒަކް މެސެޖުކޮށްފައި އޮތްކަން އޭނާގެ ހަނދާނުން ކައްސާނުލައެވެ.
އޮފީހުން ބޭރަށް އިރަމްއަށް އަޅައިލެވުނީ ދެތިން ފިޔަވަޅެވެ. އިރަމްގެ ފަހަތުން އޭނާގެ ބުރަކަށީގައި ޖަހައިލަމުން ސުހާ އަޑެއް ލައްވައިލިއެވެ.
"އަހަންނަށް ފިލައިގެން އުޅޭ ދުވަހެއްތަ؟..." ޝަކުވާގެ ރާގަކަށް ސުހާ އަހައިލިއެވެ.
"ސުހާއެއްނު ފިލައިގެން ތިއުޅެނީ.... ކެބިންއަށްވެސް ނާދޭވިއްޔަ...." އިރަމް ބުންޏެވެ.
"ކައިވެނީގެ ސައި ނުދީ ތިހެން ނުހުރެވޭނެ... ހިނގާ ކެއުން ދޭން..." އިރަމްގެ އަތުގައި ހިފައި، ރެސްޓޯރެންޓާއި ދިމާއަށް ހިނގައިގަންނަމުން ސުހާ ބުންޏެވެ.
ދެކޮޅުހަދަން ނުކެރިގެން ސުހާ އާއިއެކު އިރަމް ގޮސް ރެސްޓޯރެންޓަށް ވަނެވެ.
"ފިރިސޮރުވެސް ދައްކާނުލާ އިނގޭ ތިއުޅެނީ..." ހުސްމޭޒެއްގެ ކައިރީގައި އިށީނދެފައި ސުހާ ބުންޏެވެ.
ސުހާގެ ސުވާލުން ސަލާމަތްވުމަށް އިރަމް އަވަހަށް ވޭޓަރަކަށް ގޮވާފައި ގެނައެވެ. ގެންނަންވީ އެއްޗެއްސަށް އޯޑަރުދީފައި އެހެން ވާހަކައެއް ފެށިއެވެ.
"އަނޫފް މިއަދުވެސް ނާންނަނީތަ؟..." އިރަމް އަހައިލިއެވެ.
"އަނޫފް ބައްޕަ ވަރަށް ބޮޑަށް ބަލިވެގެން ދެ ދުވަސް އޮފް ނަގައިގެން އުޅެނީ..." ސުހާ ތަފްސީލް ދިނެވެ. " ގޮވާލަން ދާންވާނެއެއްނު.."
އިރަމް ބޯ ޖަހައިލިއެވެ. އޭނާ އެއްލި ކަޅިއަކުން، ޖެހިގެން ހުރި މޭޒު ކައިރީގައި އައިޒަކް އިންދާ ފެނުނެވެ. އައިޒަކް އިނީ އެ ދެމީހުން ދައްކާ ވާހަކަ އަޑު އިވޭހައި ކައިރީގައެވެ.
"ދެން އަހަންނަށް އިރޫގެ ހަޒްބެންޑް ދައްކާލަބަލަ... ނެތްތަ ކައިވެނީގެ ފޮޓޯއެއް..." ސުހާ އަހައިލިއެވެ.
"ފޯނުގަ ނުހުންނާނެ..." އިރަމް ބުންޏެވެ.
"ހުސް ދޮގު... ތިއުޅެނީ އަހަންނަށް އޭނަ ނުދައްކަންވެގެން...." ސުހާ ތުންދަމައިލިއެވެ. "މާ މުސްކުޅި މީހެއްތަ؟..."
"ދެން ސުހާ..." އިރަމް ހާސްވެފައި ބުނެލިއެވެ.
"ހޫމްމް އޯކޭއޭ... އަހަރެން ނޫޅެމޭ އޭނަ ކާލާކަށް... އެކަމަކު ދެން ބަލަން ހުންނާތި، އަމިއްލައަށް ހޯދައިގެންވެސް ތިގެއަށް އަދި ދާނަން..." ސުހާ އިންޒާރު ދިނެވެ.
ވޭޓަރު ކާއެއްޗެހި ގެނައުމުން، ސުހާ އަވަސްއަވަހަށް ކާން ފެށިއެވެ.
"އޭ ތިއެއް ނޫނޭ... ޒިވިއަން ދެކުނިންތަ؟..." ސުހާ އަހައިލިއެވެ.
އިރަމް ބޯޖަހައިލުމުން، ސުހާގެ މޫނުން ކުރިއަށްވުރެ ބޮޑު ޝައުޤުވެރިކަމެއް ފެނިގެން ދިޔައެވެ.
"ސަޅި ބިޓެކޭ... އިރޫ ލަކީ އިނގޭ... އޭނައާ އެކީ ޕްރެޒެންޓްކުރަންޖެހެނީ އިރޫއަށް..." ސުހާ ހީހީފައި ވާހަކަ ދައްކަމުން ދިޔައީ އިރަމްއާއި ދިމާކުރާ ކަހަލަ ރާގަކަށެވެ.
އިރަމް ސުހާ ހުއްޓުވަން މަސައްކަތްކުރަމުންދިޔަ ވަރަކަށް ސުހާގެ ވާހަކަވީ އިތުރެވެ. އޭނާ އިރަމް އާއި ޒިވިއަންއޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަތައް ދައްކަމުން ދިޔައެވެ.
"އިރޫ ބޭނުންވާ ހުރިހާ ސިފައެއް އޭނަގެ ގައިގަ އެބަހުރި... އެހާ ދިގު... ލޯބި އިސްތަށިކޮޅެއް... އޮމާން ތުންފަތެއް... މީހުންނާ ފްރެންޑްލީ... ހިނގާބަލަ އޭނައާ ފްރެންޑްވާން... އިރޫއަށޭ މިކަން ވާނީ..." ސުހާގެ ސިކުނޑިން ޒިވިއަންގެ ސޫރަ ނެރެ އެއްލައިލެވޭގޮތެއް ނުވިއެވެ.
އައިޒަކް ހިފަހައްޓައިގެން އިން ފެންތަށި ވަރަށް ބާރަށް މޭޒުމަތީގައި ބެހައްޓާފައި ތެދުވިއެވެ. އެއަޑަށް ސުހާވެސް ސިހިފައި އެ ދިމާއަށް ބަލައިލިއެވެ. އޭރު އައިޒަކް އެމީހުން ފަސްދީފައި ދަނީއެވެ.
********
ބާރުބާރަށް ހިނގާފައި ގޮސް ކެބިންއަށް ވަން އައިޒަކް ހިތާއިހިތުން ކުދިކިޔަމުން ދިޔައެވެ. ސުހާގެ ވާހަކަތަކުން އޭނާގެ ހިތަށް އުނދަގޫކުރަމުން ދިޔައެވެ. ވަކީން ހާއްސަކޮށް އިރަމް އެވާހަކައާއި ގުޅުވައިގެން އެއްވެސް އެއްޗެއް ނުބުނުމުން އައިޒަކްގެ ހިތަށް ތަދުވިއެވެ.
އައިޒަކްގެ ފަހަތުން ކަހަލަ ގޮތަކަށް ޒިވިއަން އެތެރެއަށް ވަނެވެ. ފިކުރެއްގެ ތެރެއަށް ގެއްލިފައި ހުރުމުން، އައިޒަކަށް އޭނާގެ ފަހަތުގައި ޒިވިއަން ހުރިކަން އެނގުނީ، ދެފަހަރަކު ގޮވާލި ފަހުންނެވެ.
"ކީއްކުރަން ތިއައީ؟..." އައިޒަކް އަހައިލީ ރުންކުރު ރާގަކަށެވެ.
"އަދިވެސް އަހަރެންދެކެ ރުޅި އައިއްސަތަ؟..." ޒިވިއަންގެ އަޑުގައި ހުރީ ގާތްގޮތެކެވެ.
"ތީ އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނޫން..." އައިޒަކް އޭނާގެ ދެ ޖީބަށް އަތް ޖަހައިލިއެވެ.
"އަހަރެން ނާންނަންވީތަ؟..." ޒިވިއަންގެ އަޑުގައި ކޮންމެވެސް ވަރެއްގެ ރިހުމެއްގެ އަސަރުވިއެވެ.
"އެއީ އެންމެ ރަނގަޅުގޮތް..." އައިޒަކް ބުނެލިއެވެ.
ޒިވިއަން އިތުރު އެއްޗެއް ބުނުމުގެ ކުރިން އައިޒަކް އުޅުނީ އެތަނުން ނުކުންނާށެވެ.
"ބްރަދަރ..." ޒިވިއަން ގޮވައިލިއެވެ.
އައިޒަކްގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނާ ފަސްއެނބުރި ޒިވިއަންއަށް ބަލައިލިއިރު، އެ ދެލޮލުން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. ނަފުރަތާއި އެކުވެގެން އެ ދެލޯ ފުރައިލި ކަރުނަތައް އޭގެ މަގާމް ދޫކޮށްނުލާން ދެލޮލުގެ ތެރޭގައި ބޮނޑިވެގަތެވެ.
"ޑޯންޓް ކޯލްމީ ދެޓް..." އައިޒަކް ހަރުކަށި ރާގަކަށް ބުނެލިއެވެ.
ޒިވިއަން އިތުރު އެއްޗެއް ބުނުމުގެ ކުރިން އައިޒަކް އެތަނުން ނުކުތެވެ.
********
އޮފީސް ނިންމައިލާފައި އިރަމް ނުކުތްއިރު، ކާރުގައި އައިޒަކް އިނީ އޭނާގެ އިންތިޒާރުގައެވެ. އިރަމް ފެނުމުން، ކާރުން ފައިބައިގެން ގޮސް ދޮރު ހުޅުވާލަދިނެވެ. އައިޒަކްގެ މަޑުމައިތިރިކަމާއި މިލާފައިވާ މޫނު ފެނުމުން، އިރަމްގެ ހިތް ނުތަނަވަސްވިއެވެ. އޭނާ ހީކުރީ، ސުހާ ދެއްކި ވާހަކަތަކުގެ ސަބަބުން އައިޒަކް ހިތްހަމަނުޖެހިފައި ހުރީ ކަމަށެވެ. އެކަމާއި ގުޅުވައިގެން އެއްޗެއް ބުނަން އުޅެފައިވެސް، އިރަމްގެ ޚިޔާލު ބަދަލުވިއެވެ.
ގެއާއި ހަމައަށް ދެވެންދެންވެސް، ދެމީހުންގެ މެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އައިޒަކް ކާރު ޕާކުކޮށްފައި އަންނަންދެން އިރަމް އިންތިޒާރުގައި ހުއްޓެވެ.
"ކޯއްޗެއް ކާން ހަދަންވީ؟..." އިރަމް ސުވާލުކުރީ، އައިޒަކް ގޭތެރެއަށް ވަނުމުންނެވެ.
"އެހާ ކާހިތެއް ނެތް..." އައިޒަކް ބުންޏެވެ.
އައިޒަކް ގޮސް ކޮޓަރިއަށް ވަންނަންދެން އިރަމްއަށް ހުރެވުނީ ބަލާށެވެ. އޭނާއަށް އަމިއްލަ ނަފުސު ކުށްވެރިކުރެވެން ފެށުނެވެ. އައިޒަކް އެހާ ލޯބިން ފިރިއެއްގެ ޒިންމާ އަދާކޮށްދޭއިރު، އަނތްބެއްގެ ވާޖިބު އަދާކޮށްނުދެވޭންވީ ކީއްވެ ހެއްޔެވެ؟ އެހެން މީހެއްގެ ސަބަބުން، އައިޒަކަށް އޭގެ އަދަބު ދޭންވީ ކީއްވެ ހެއްޔެވެ؟
އިރަމް ކޮޓަރިއަށް ވަންއިރު އައިޒަކް އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އެއް އަތް ނިތްކުރިމަތީގައި ބާއްވާލައިގެން އޮތްއިރު، އޭނާ އޮތީ ފުން ވިސްނުމެއްގެ ތެރޭގައިކަން ބަލައިލި ކޮންމެ މީހަކަށް ދެނެގަނެވޭހައިވެއެވެ.
ޖެހިލުންވެފައި ހުރެ އިރަމް ގޮސް އައިޒަކްގެ ކައިރީގައި އޮށޯތެވެ. ކުޑަ އިރުކޮޅަކު އެގޮތުގައި އޮވެފައި، އައިޒަކްގެ މޭގައި ބޯ އަޅައިލިއެވެ.
"ސޮރީ..." އިރަމްއަށް ބުނެވުނެވެ.
(ނުނިމޭ)