ޕްރިންސިޕަލްކަން ކިޔެވުމުގެ ސްކޮލަޝިޕަށް އެދުމަށް އިތުރު ފުރުސަތެއް އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިނިސްޓްރީގެ ޚަރަދުގައި ޕްރިންސިޕަލުން ތަމްރީނު ކުރުމަށް 20 ސްކޮލަޝިޕްގެ ފުރުސަތު މީގެ ކުރިން ހުޅުވާލި ކަމަށެވެ.

ނަމަވެސް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ މީހުންގެ ތެރެއިން އެ އަދަދަށް ކެނޑިޑޭޓުން ހޮވިފައިނުވާތީ، މަދުވާ ހަ ޖާގައަށް ކެނޑިޑޭޓުން ހޮވުމަށް ފުރުސަތު ހުޅުވާލީ ކަމަށެވެ.

މެލޭޝިޔާއިން މާސްޓަރސް އިން ސްކޫލް އެޑްމިނިސްޓްރޭޝަން / އެޑިޔުކޭޝަން މެނޭޖްމަންޓް ހާސިލު ކުރުމަށް ހުޅުވާލި މިސްކޮލަޝިޕް ތަކަށް ހޮވޭ މީހުންގެ ކިޔެވުމަށްދާ ޚަރަދާއި ދެކޮޅު ޓިކެޓްގެ އިތުރުން މުސާރައާއި އެއްވަރުގެ އެލަވަންސެއް ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މި ސްކޮލަރޝިޕްގެ ފުރުސަތު ލިބޭ މީހުނާއެކު ވަކި މުއްދަތަކަށް، ކަނޑައެޅޭ ސަރުކާރުގެ ސުކޫލެއްގައި ޚިދުމަތްކުރުމަށް ބޮންޑުކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ސްކޮލަރޝިޕަށް އެދި ހުށަހަޅަންޖެހޭފަހު ވަގުތަކީ، އަންގާރަ ދުވަހުގެ މެންދުރު 2:00އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ސްކޮލަޝިޕަށް އެދި ހުށަހަޅާ ފަރާތްތަކަކީ ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ތަޢުލީމީ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވާ، ޓީޗަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ މީހަކަށް ވާންޖެހޭ ކަމަށެވެ. އަދި މިމުއްދަތުގައި ލީޑިން ޓީޗަރުގެ މަސްޢޫލިއްޔަތު އަދާކޮށްފައި ވާނަމަ، އެމުއްދަތު ގުނޭނެ ކަމަށެވެ.

މިނިސްޓްރީއިން ކުރިން ކިޔެވުމަށް ލޯނެއް ނަންގާފައި ވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ޤަވާއިދުން ދައްކަމުން ގެންދާ މީހަކަށް ވާން ޖެހޭނެ ކަމަށާއި، ކޯހަށް ކަނޑައަޅާފައިވާ ދާއިރާއިން މާސްޓާސް ޑިގްރީ ފެންވަރުގެ ކޯހެއް ނިންމާފައިވާ ފަރާތެއްކަމުގައި ނުވުމަކީވެސް މި ސްކޮލަޝިޕްގެ ޝަރުތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.