އިސްލާމީ ޝަރީޢަތާ އެކު އިންސާނީ ޙައްޤުތައް އޭގެ އެންމެ ފުޅާ މާނައިގާ ވަނީ ޤާއިމު ކޮށްދީފައެވެ. އަދި އެޝަރީޢަތް އެ އެއްޗެއްގެ ޙައްޤު ވެރިފަރާތަށް އެ އެއްޗެއް އަދާކުރުމަށް ބާރުއެޅިއެވެ. އަދި އެންމެހައި މީސްތަކުން ގުޅި އުފާވެރިކަމާއި ހިންހަމަޖެހުމާއި، ސަލާމަތްތެރިކަމާއި، އަމަން އަމާންކަން މަތީ އުޅުމަށްޓަކައި ބޭނުންވާނޭ އެންމެހައި މަގުތައްވަނީ ދައްކަވާ, ޤާއިމު ކުރައްވާފައެވެ.

އިންސާނާގެ ޙަސަދައާއި، ނޭއްގަނީކަން އެނަފުސުގައި ވުމާއި އަދި އެދުންވެރިކަމާއި, އަމިއްލަ މަޞްލަޙަތާއި، ދަހިވެތިކަމާއި، ޙީލަތާއި، މަކަރުވެރިކަމުގެ ނުބައި ސިފަ އަށަގަނެފައިވީކަމުން، ﷲ އިސްލާމީ ޝަރީއަތުގައި ވަރަށް ފުރިހަމަ ޢަދުލު އިންސާފުގެ ނިޒާމެއް ޤާއިމު ކުރެއްވެވިއެވެ. އެއީ، އިންސާނީ ޙައްޤުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ޙިމާޔަތް ކުރެއްވުމަށާއި، ޢަދުލު އިންޞާފު ޤާއިމު ކުރުމަށާއި، ﷲ ގެ ޙުކުމްތައް ތަންފީޒު ކުރުމަށާއި، އިންސާނާގެ ފުރާނައާއި، މުދަލާއި، އަބުރާއި، ބުއްދިއާއި، ނަސަބާއި އަދި އަނިޔާ އާއި، ނޭއްގަނީކަން ނައްތާލުމަށްޓަކައެވެ.

އެހެންކަމުން ބަދަލުވަމުންދާ މިދުވަސްވަރު، އިންސާނީ ޙައްޤު ޙިމާޔަތް ކުރުމުގެ އެންމެ މަތީ ރުކުނަކީ ޢަދުލު އިންޞާފު ކަމުން، ޢަދުލު އިންޞާފު ޤާއިމްކުރުމަށް އިސްލާމް ދީން ކަނޑައަޅުއްވާފައިވާ މައިގަނޑު އަސާސްތަކަކީ ކޮބައިތޯ އާއި، އަސާސްތަކެއް ވާނަމަ، އޭގެ މިސާލުތައް ރަސޫލާގެ ޒަމާނުގައި އަދި ޚަލީފާއިންގެ ޒަމާނުގައި ހުރިތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެންކަމުން، މިދެންނެވުނު ސުވާލުތަކަށް މިލިޔުމުން ޖަވާބު ލިބޭތޯ މަސައްކަތް ކުރެވިފައި ވާނެއެވެ.

އަދުލު ވެރިވުމަކީ އަޅުކަމެއް

އިސްލާމު ދީނުގައި ޢަދުލު އިންސާފުގެ އޮށް އޭގެ އެންމެ ފުންމިނުގައި އިންދުމަށްޓަކައި ޢަދުލުވެރިވުމާއި، އިންޞާފުވެރިވުމަކީ، އެ ދީން ގޮވާލާ އެންމެ މަތިވެރި ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި ލެއްވެވިއެވެ. އެކަން ޙަލާލާއި، ޙަރާމް، ޘަވާބާއި، ޢިޤާބާއި ގުޅިފައިވާ ކަމެއްގެ ގޮތުގައި ލައްވަވާ އޭނާގެ ޙަޔާތުގައި ކުރެވޭ ކަންކަމާއި، ބުނާ ބުނުންތަކުގައި މިކަން ޢަމަލީގޮތުން ލެއްވެވުމަށް ބާރުއެޅުއްވިއެވެ. އެއީ އިންސާނާގެ ޢަޤީދާގެ ތެރެއިންނެވެ. އެހެންކަމުން އިސްލާމް ދީން ގެނެސްދީފައިވާ ނިޒާމްތައްވެސް ޤާއިމްވެ އޮތުމާއި، އެނިޒާމްތަކަށް އިތުބާރު ކުރެވުމުގައި ބެލޭނެ ކަމެއްގެ ގޮތުގައި ޢަދުލުވެރިކަމުގެ ސިފަ ހިމެނުއްވިއެވެ. މިއެންމެހައި ގޮތްގޮތުން ޙާޞިލްވަނީ، ޢަދުލު އިންސާފެވެ. އިންސާނީ ޙައްޤުތައް ޙިމާޔަތްވާނީ މިފަދަ ހަރުދަނާ އަސާސެއްގެ މަތީގައިވާ އިންސާނަކު ބިނާކުރެވިގެންނެވެ. އެހެންކަމުން، އިސްލާމު ދީނުގައި ޢަދުލުވެރިވުމޭ ބުނެފިނަމަ، އޭގެ މާނައަކީ؛ ޝަރުޢީ ޙުކުމްތަކުގައި ހިފަހައްޓާ، ބޮޑެތި ފާފަތަކަށް އަރައިނުގަނެ، އަދި ކުދި ފާފަތަކުގެ މަތީގައި ދެމި ނުހުރުމަށެވެ. ކީރިތި ޤުރުއާންވަނީ، މިދެންނެވި އަސާސްގެ މައްޗަށް ބާރުއަޅާ ގަދަ އަމުރުން އެޤުރުއާނުގެ އެތައް އާޔަތްތަކެއްގައި އަމުރު ކުރައްވާފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. (إِنَّ اللَّـهَ يَأْمُرُ‌ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْ‌بَىٰ وَيَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ‌ وَالْبَغْيِ ۚ يَعِظُكُمْ لَعَلَّكُمْ تَذَكَّرُ‌ونَ) (ސޫރަތުއްނަޙުލު: 90) މާނައީ: " ހަމަކަށަވަރުން، عدل ވެރިވުމަށާއި، إحسان ތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް اللَّه އަމުރުކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި، منكرات ތަކާއި، އަނިޔާވެރިވެ އުޅުން، އެކަލާނގެ ނަހީކުރައްވަތެވެ. އެކަލާނގެ، ތިޔަބައިމީހުންނަށް، وعظ އިއްވަވަނީ، ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ."

މީގެ އިތުރުން އިސްލާމު ދީން ވަނީ ހެކި ބަސް ދިނުން ވާޖިބު ކުރައްވާފައެވެ. އަދި އެކަންވަނީ ކަންކަން ސާބިތުވުމުގެ އެންމެ މުހިއްމު ވަސީލަތެއްކަމުގައި ލައްވަވާފައެވެ. މިކަން އަންނަނިވި އާޔަތްތަކުން ކަށަވަރު ވެގެންދެއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. (فَإِذَا بَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُ‌وفٍ أَوْ فَارِ‌قُوهُنَّ بِمَعْرُ‌وفٍ وَأَشْهِدُوا ذَوَيْ عَدْلٍ مِّنكُمْ وَأَقِيمُوا الشَّهَادَةَ لِلَّـهِ ۚ ذَٰلِكُمْ يُوعَظُ بِهِ مَن كَانَ يُؤْمِنُ بِاللَّـهِ وَالْيَوْمِ الْآخِرِ‌ ۚ وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَ‌جًا) (ސޫރަތު އައްޠަލާޤު:2). މާނައީ: "ފަހެ، އެކަނބަލުންގެ عدّة ހަމަވުމާ ގާތްވެއްޖެހިނދު، ހެޔޮގޮތުގައި ތިޔަބައިމީހުން އެކަނބަލުން ހިފަހައްޓާށެވެ! (އެބަހީ: ކާވެނި رجوع ކުރާށެވެ!) ނުވަތަ ހެޔޮގޮތުގައި އެކަނބަލުންނާ ވަކިވާށެވެ! އަދި ތިޔަބައިމީހުންގެ ތެރެއިން عدل ވެރި ދެމީހުން ހެކިކުރާށެވެ! އަދި اللَّه އަށްޓަކައި ތިޔަބައިމީހުންގެ ހެކިބަސް އަދާކުރާށެވެ! اللَّه އަށާއި، آخرة ދުވަހަށް إيمان ވާ މީހުންނަށް نصيحة ދެއްވާފައިވާ ގޮތަކީ އެއީއެވެ. އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ."

އަދި ދޮގު ހެކި ދިނުމަކީ ބޮޑު ފާފަތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމުގައި ލެއްވެވިއެވެ. ކަންކަން ސާބިތުކުރުމުގެ އެންމެ މުހިއްމު އެއް ވަސީލަތްކަމުގައި ހެކި ބަސް ލައްވަވާ، ހެކި ދިނުމުގައި ބެލޭ އަދި ޤަބޫލުކުރުމުގައި ބެލެވޭ އެންމެ މުހިއްމު އެއްޝަރުތަކީ، ޢަދުލު ވެރިއެއް ކަމުގައި ކަނޑައެޅުއްވިއެވެ. އެހެންކަމުން، އިސްލާމް ދީން މިގޮތުންވެސް ޤާއިމްކުރަނީ، ޢަދުލު އިންޞާފުގެ މުހިއްމު އަސާސެއްކަން އެނގިގެންދެއެވެ. އަދި ކިއެއްތަ! ހުވާ ކުރުމަކީވެސް ކަންކަން ސާބިތުކުރުމަށް ބޭނުންކުރެވޭ ވަސީލަކަށްވެފައި، މިކަމުގައިވެސް، ﷲ އަށް ރުޖޫޢަވެ، ތެދުވެރިވުން ހަނދާން ކޮށްދެއެވެ. އެކަމުގައިވާ ނުބައިކަން ހަނދާނަށް ގެނުވައެވެ. މިދަފަ ހުރިހާ ކަމަކުންވެސް އެނގިގެންދަނީ އިސްލާމް ދީނުގައިވާ ޢަދުލު އިންސާފު ޤާއިމްކުރުމުގައި ހަރުދަނާ އަސާސްތަކެއް ލައްވާފައިވާ ކަމެވެ.

ކަންކަމުގައި ބޭރުފުށަށް ބެލުން

އިސްލާމީ ޝަރީޢަތުގައި ކަންކަން ކަނޑައަޅަނީ ބޭރުފުށަށެވެ. މާނައަކީ؛ ނިޔާ ކަނޑަ އެޅުމުގައިވެސް އަދި ދުނިޔަވީ ކަންކަން ބަލައި ގޮތް ނިންމުމުގައިވެސް އިސްލާމު ދީން ބާރުއަޅަނީ އެތެރެ ފުށަށް ބެލުމުގެ ބަދަލުގައި ބޭރުފުށަށް ބެލުމަށެވެ. ޙަޤީޤަތުގައި، އިންސާނުން މިއަދު ވަނީ، އަޚުލާޤީ މާތް ސިފަތައް ދޫކޮށްލުމުގެ ސަބަބުން އިތުބާރު ނުކުރެވޭ މީހަކަށް ވަރަށް ގިނަ ކަންކަމުގައި ވެފައެވެ. އެހެންކަމުން ހަމައެކަނި ބަހެއްގެ މައްޗަށް ކަންކަން ނިންމުމުގެ ބަދަލުގައި މާއްދީ ކަންކަމަށާއި، ބޭރުފުށުން ފެންނަ ކަންކަމަށް ބަލައި ގޮތް ނިންމުމަކީ، ހަރުދަނާ އުޞޫލެއްކަން ޤަބޫލުކުރެވެއެވެ. ތަފާތު ހައްޤުގެ މައްސަލަތައް ބަލައި ގޮތް ނިންމުމުގައިވެސް މިގޮތަށް ޢަމަލުކުރުމަކީ، ޙައްޤުތައް ޙިމާޔަތް ކުރުމުގައި ލުއި ފަސޭހަ ގޮތެއްކަމުން މި އަސާސް އިސްލާމީ ޢަދާލަތުގެ ތެރޭގައި ﷲަ ލައްވާފައި ވަނީއެވެ.

ހެއްކާއި ދަލީލަށް ބެލުން

އެބައެއްގެ ހަވާ ނަފުސު ޤަބޫލުކުރާ ގޮތެއްގެ މަތިން ކަންކަން ކަނޑައެޅޭނަމަ، ޙައްޤުތައް ޢަދުލުވެރިކަމާއެކު ޙިމާޔަތް ނުކުރެވޭނެއެވެ. ޢަދުލު އިންޞާފެއްވެސް ޤާއިމްކުރުމަކީ، ދަތި އުނދަގޫ ކަމަކަށްވެގެން ހިނގައިދާނެއެވެ. އެހެންކަމުން، ޙައްޤުތަކުގެ މައްސަލަތަކުގައި ގޮތް ކަނޑައަޅާ ނިޔާ އިއްވުމުގެ މަޞްދަރަކީ ހެއްކާއި ދަލީލްތަކެވެ. އެއީ ކަންކަން ސާބިތު ކުރުމަށްޓަކައެވެ. މިކަމަކީ، އިސްލާމު ދީން އެއަށް ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދެއްވާފައިވާ ކަމެކެވެ. އެކަނލާގެ ބަސްފުޅުގައި ވަޙީ ކުރައްވާފައިވެއެވެ. (وَقَالُوا لَن يَدْخُلَ الْجَنَّةَ إِلَّا مَن كَانَ هُودًا أَوْ نَصَارَ‌ىٰ ۗ تِلْكَ أَمَانِيُّهُمْ ۗ قُلْ هَاتُوا بُرْ‌هَانَكُمْ إِن كُنتُمْ صَادِقِينَ) (ސޫތަރު އަލްބަޤަރާ:111) މާނައީ: ''އެއުރެން ބުނޫއެވެ. يهودى އަކު ކަމުގައި ނުވަތަ نصارى އަކު ކަމުގައިވާ މީހަކު މެނުވީ، ސުވަރުގެޔަކަށް ނުވަންނާނެތެވެ. އެއީ، އެއުރެންގެ ދޮގު އުންމީދު ތަކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވަނީނަމަ، ތިޔަބައިމީހުން (އެކަމަށް) دليل ގެންނާށެވެ!"

އަދިވެސް އެކަލާނގެ ވަޙީ ކުރެއްވިއެވެ. (لَّوْلَا جَاءُوا عَلَيْهِ بِأَرْ‌بَعَةِ شُهَدَاءَ فَإِذْ لَمْ يَأْتُوا بِالشُّهَدَاءِ فَأُولَـٰئِكَ عِندَ اللَّـهِ هُمُ الْكَاذِبُونَ) (ސޫރަތު އައްނޫރު:13) މާނައީ: " އެކަމުގެ މައްޗަށް އެއުރެން ހަތަރުހެކިން ނުގެނައީ ކީއްވެގެން ހެއްޔެވެ؟ ފަހެ، އެއުރެން (އެކަން ދެނެހުރި) ހެކިން ނުގެނައިހިނދު، ފަހެ، اللَّه ގެ حضرة ގައި އެއުރެންނީ ހަމަ ދޮގުހަދާ މީހުންނެވެ."

ހެއްކާއި ދަލީލުތަކަކީ ޙައްޤުތައް ހިމާޔަތްކޮށްދޭ އެންމެ މުހިންމު ބަހާއެވެ. ހެކި ނެތިއްޖެނަމަ، ޙަޤީޤަތުގައި އިންސާނީ ޙައްޤުތައް ނެތި ހިނގައިދާނެއެވެ. އެހެންކަމުން އިންސާނީ ނަސްލު އޭގެ އެންމެ އެދެވޭ އުފާވެރި ގޮތެއްގައި އުޅުމަށްޓަކައި، އެކަލާނގެ ވަނީ ކަންކަން ސާބިތުކުރުމުގެ ތަފާތު ވަސީލަތްތައް ލައްވާފައެވެ. ޚާއްޞަކޮށް މާއްދީ ހެކިތަކެވެ. ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ޢާއްމު އަދި ޚާއްޞަ، މާލީ، ޢާއިލީ، މާއްދީ، މަޢުނަވީ ޙައްޤުތައް ހޯދުމުގައި މީހުންނަށް ކުރިއަރައިދެވެނީ މިއަސާސްތައް އިސްލާމް ދީނުގައި ލައްވާފައިވާތީއެވެ. އެންމެ ފުރިހަމަ ގޮތުގައި ޙައްޤުތައް އެހެންނޫންނަމަ، ޙިމާޔަތް ނުކުރެވޭނެކަން ކަށަވަރެވެ.

ހަމަ ހަމަކަން

މިއަސާސަކީ، އެހެން ހުރިހާ އުއްމަތް ތަކާއި ޒަމާން ތަކަށް ބެލިކަމުގައި ވީނަނަމަވެސް، އިސްލާމު ދީނުގައި ޤާއިމްވެ ލައްވަވާފައިވާ ފަދައިން ޤާއިމްކުރެވިފައިވާ ކަމެއް ނޫނެވެ. ރަސޫލާ އާއި އެކަލޭގެ ފާނުންގެ ޚަލީފާއިންގެ ޒަމާން ތަކުގައި ހަމަ އެކަނި މުސްލިމުންނަށް ކިއެއްތަ! ޣައިރު މުސްލިމުންނަށާއި، ޖަނަވާރުންނަށްވެސް އިންޞާފާއި ހަމަހަމަކަން އެބޭކަލުންވަނީ ޤާއިމްކުރައްވާ އެކަމުގެ މިސާލުތައް ދައްކަވާފައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ ބަސްފުޅު ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. (ياأَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ لِلَّـهِ شُهَدَاءَ بِالْقِسْطِ ۖ وَلَا يَجْرِ‌مَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَ‌بُ لِلتَّقْوَىٰ ۖ وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ خَبِيرٌ‌ بِمَا تَعْمَلُونَ) (ސޫރަތުލްމާއިދާ:8) މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށްޓަކައި އެކަލާނގެ حق ތައް ފުރިހަމަޔަށް قائم ކުރާ، އަދި عدل އަށް ހެކިދޭ ބަޔަކު ކަމުގައިވާށެވެ! އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން عدل ވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން عدل ވެރިވާށެވެ! އެގޮތް تقوى ވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުންކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

އަދުލުވެރިވުމަށް އަންގަވާފައިވާ ޙަދީޘްތައް ވަރަށްވެސް ގިނައެވެ. މީގެތެރެއިންވެސް މަޝްހޫރުވެފައިވާ ޙަދީޘެއްގެ މާނައިގައިވެއެވެ. "ޤާޟިން ބެހެނީ ތިންބަޔަކަށެވެ. އޭގެ ތެރެއިން އެކަކު ވަންނަހުށީ ސުވަރުގެއަށެވެ. އަނެއް ދެމީހުން ދާނީ ނަރަކައަށެވެ."

ކޫފާއަށް އަބޫ މޫސާ އަލްއަޝްޢަރީ ފަޑިޔާރަކަށް ފޮނުއްވަމުން ޢުމަރުގެ ފާނުން ވިދާޅުވި ބަސްފުޅުގައި ވެއެވެ. "ޚަޞްމުންގެ މެދުގައި މޫނުމަތީންނާއި، މަޖްލިސް ކުރުމުންނާއި، ޝަރީޢަތް ހިނގާ ވަގުތުގައިވެސް ތަފާތު ނުކުރާށެވެ."

ބަޔާންކުރާ ޙާދިޘާތައް އިސްލާމް ދީނުގައިވާ ޢަދުލުވެރިކަމާއި ހަމަހަމަކަން ކަށަވަރުކޮށްދެއެވެ. އެއްފަހަރެއްގައި ޤުރައިޝުންގެ މާތް ޤަބީލާއެއްގެ އަންހެނަކު ވައްކަންކުރުމުން ޙައްދު އޭނަގެ މައްޗަށް ޤާއިމްނުކޮށް ފަރުޖެހޭތޯ ޒައިދުގެ ފާނުން މެދުވެރިކޮށް ރަސޫލާގެ އަރިހުގައި އެދުނެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. [ﷲ ކަނޑައަޅުއްވާފައިވާ ޙައްދުތަކުގެ ތެރެއިން ޙައްދަކަށް އަރައިގެން މީހެއްގެ އަދަބު މާފުކޮށްދިނުމަށް ތިބާ އެދެނީ ހެއްޔެވެ؟] އެއަށްފަހު, މިންބަރަށް އަރައިވަޑައިގެން ޚުޠުބާދެއްވާ މީސްތަކުންނާ މުޚާޠަބުކުރައްވާ ޙަދީޘްކުރެއްވިއެވެ. [ތިޔަބައިމީހުންގެ ކުރިން އުޅުނު މީސްތަކުން ހަލާކުވެގެން ދިޔަކަން ކަށަވަރީ, އެބައިމީހުންގެ ތެރެއިން މާތް (މަތީ މަޤާމެއްގެ, އާއިލާއެއްގެ, މުއްސަދި) މީހަކު ވައްކަންކޮށްފި ނަމަ (އެބަހީ އެފަދަ ކޮންމެފަދަ ޙައްދަކަށް އަރައިގަނެފި ނަމަ)، އެބައިމީހުން އޭނާގެ މައްޗަށް ޙައްދު ޤާއިމެއް ނުކުރެއެވެ. އަދި ނިކަމެތި މީހަކު ވައްކަންކޮށްފިނަމަ, އެބައިމީހުން އޭނާގެ މައްޗަށް ޙައްދު ޤާއިމްކުރެއެވެ. ﷲ ގަންދީ ބުނަމެވެ! މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަން ކުރެއްވިކަމުގައި ވީނަމަވެސް, ތިމަންކަލޭގެފާނު އެކަމަނާގެ އަތްޕުޅު ކަނޑުއްވާހުށީމެވެ!"

އެއްފަހަރަކު ޢުމަރުގެފާނުގެ ދަރިކަލުން އަބޫ ޝަޙްމަތުގެ ފާނާއި، އެކަލޭގެ ފާނުންގެ ޅިޔަން ބޭފުޅެއް ކަމުގައިވާ ޤުދާމާ ބުން މަޡުޢޫން ރާފޮދު ހިއްޕެވުމުން ޚުދު ޢުމަރުގެ ފާނުންގެ އަތްޕުޅުން 80 އެތިފަހަރު ޖަހައި ތަޢުޒީރު ކުރެއްވިއެވެ.

އެއްދުވަހެއްގައި ޢަލީގެ ފާނުން ބާޒާރަށް ނުކުމެ ވަޑައިގަތްއިރު، ނަޞްރާނީއަކު އެކަލޭގެފާނުންގެ އައްޑަނަކޮޅު ވިއްކަނީއެވެ. އެކަލޭގެ ފާނުންނަށް އެއީ އެކަލޭގެ ފާނުންގެ އައްޑަނަކޮޅުކަން އެގިވަޑައިގަތުމުން އެދިނުމަށް އެދުނު ނަމަވެސް އެމީހާ އެދިނުމަށް އިންކާރުކޮށް އެކަމުގައި ގޮތެއް ކަނޑައެޅޭނީ ފަޑިޔާރެއްގެ ކައިރިއަށްގޮސްގެން ކަމުގައި ދަންނަވައިފިއެވެ. އެހިނދު، މުސްލިމުންގެ ފަޑިޔާރެއްކަމަށްވާ، ޝުރައިޙުގެ އަރިހަށް މިދެބޭކަލުން އައްޑަނައާއިމެދު ފައިޞަލާކޮށްދެއްވުމަށް އެދުނެވެ. އެހިނދު ހެކި ހުށަހެޅުމަށް އެދުނުހިނދު ޢަލީގެ ފާނަށް ހެކި ނުދެއްކުމުން، އެ އައްޑަނައަކީ ޢަލީގެ ފާނުންގެ އައްޑަނައެއްކަމަށް ކަނޑަނޭޅޭނެކަމަށް ނިއްމެވިއެވެ. ނަމަވެސް އިސްލާމް ދިނުގައިވާ ޢަަދުލުވެރިކަމާއި، އިންޞާފުގެ މަތިވެރިކަން ހާމަވުމުން އެކަލޭގެ އިސްލާވެ ކަނޑިކޮޅު ޢަލީގެފާނަށް ރައްދުކުރިއެވެ.

މަޞްދަރުތައް ކަނޑައެޅިފައިވުން

އިސްލާމު ދީނުގައި ކަންކަމުގައި ބަލާނެ އަޞްލުތަކެއް ވަނީ އިންސާނުންނާ ހަމައަށް ފޮނުއްވަވާ ބަޔާން ކޮށްދެއްވާފައެވެ. މިގޮތުން މަޞްލަޙަތަކީ، ކޮބައިކަން ކަނޑައަޅަން އިންސާނައަށް ދޫނުކޮށް މަޞްލަޙަތާއި ގެއްލުންހުރި ކަންކަން ކަނޑައެޅުއްވުމާއި، މިދެމެދުގައި ވަކިގޮތަކަށް ކަނޑަ ނާޅުއްވާ ދޫކުރައްވާފައިވާ ކަންތައްތަކެއް ކަނޑައެޅުއްވިއެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. (وَأَنِ احْكُم بَيْنَهُم بِمَا أَنزَلَ اللَّـهُ وَلَا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْ‌هُمْ أَن يَفْتِنُوكَ عَن بَعْضِ مَا أَنزَلَ اللَّـهُ إِلَيْكَ ۖ فَإِن تَوَلَّوْا فَاعْلَمْ أَنَّمَا يُرِ‌يدُ اللَّـهُ أَن يُصِيبَهُم بِبَعْضِ ذُنُوبِهِمْ ۗ وَإِنَّ كَثِيرً‌ا مِّنَ النَّاسِ لَفَاسِقُونَ) ( ސޫރަތު އަލްމާއިދާ: 49). މާނައީ: "އަދި اللَّه ބާވައިލައްވާފައިވާ حكم ން އެއުރެންގެ މެދުގައި ކަލޭގެފާނު حكم ކުރައްވާށެވެ! އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައި ނުގަންނަވާށެވެ! އަދި اللَّه، ކަލޭގެފާނަށް ބާވައިލެއްވި ބައެއް آية ން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެއުރެންނާމެދު ރައްކާތެރިވެ ވަޑައިގަންނަވާށެވެ! ފަހެ، އެއުރެން ފުރަގަސްދީފިނަމަ، ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، اللَّه އިރާދަކުރައްވަނީ، އެއުރެންގެ ބައެއް ފާފަތަކުގެ ސަބަބުން، އެއުރެންނަށްعقوبات ދެއްވުމަށެވެ. އަދި ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިިނަމީހުންނީ فاسق ންކަން ކަށަވަރެވެ."

އަދިވެސް އެކަލާނަގެ ވަޙީ ކުރައްވާފައިވެއެވެ. (فَلَا وَرَ‌بِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ‌ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَ‌جًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا) ( ސޫރަތު އައްނިސާއު: 65). މާނައީ: "އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحى ކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު حكم ވެރި ކޮށްފުމަށް ދާނދެން، އެއުރެން إيمان އެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ ނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ."

ފަނޑިޔާރުން މިނިވަންވުން

ފަނޑިޔާރުންގެ މިނިވަންކަން ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގެ ހަވަނަ ބާބު "ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާބު" މިބާބުގެ 141 އަދި 142 ވަނަ މާއްދާއިން ކަށަވަރު ކުރުވައެވެ. އަލް މާއިދާ ސޫރަތުގެ 49 ވަނަ އާޔަތުގައި އެކަލާނގެ ވަރަށް މަތިވެރި އަމުރަކުން އަމުރު ކުރައްވާފައިވެއެވެ. އެއީ، އަމާނަތް އޭގެ އަހުލެ ވެރީންނަށް އަދާކުރުމަށާއި، ނިޔާ ކަނޑައެޅުމުގައި މިނިވަންކަމާއެކު ޢަދުވެރިކަމާއެކު ޙުކުމް ކުރުމަށެވެ. މިދެންނެވި އަސާސްތައް ހުރިނަމަވެސް ފެންނަމުންދަނީ، ވައްކަންކުރުމާއި، ބާރުގައި ތިބުމަށާއި، ވެރިކަމުގައި ބަގުޑި ބެއްދުމަށްޓަކައި އިޞްލާޙުގެ ނަމުގައި ފުރަތަމަވެސް ފަޑިޔާރުގެ ސައިޒުކޮށް، ހެޔޮވަރުކޮށް، ރަނގަޅަށް އަތްބޭނޭކަން ކަށަވަރުކުރެވޭ ތަނެވެ.

ޢުމަރުގެ ފާނުންގެ ޒަމާނުގައި ފަނޑިޔާރުގެ މިނިވަންކޮށް ނިޔާ ކަނޑައެޅުމާބެހޭ ކަންތައްތައް ރަނގަޅު ގޮތުގައި ހިންގުމަށާއި ޢަދުލު އިންޞާފު ފުރިހަމައަށް ޤާއިމު ކުރުމަށްޓަކައި؛ ހަރުދަނާ ޤާނޫނީ ނިޒާމެއް ޤާއިމުކޮށް، ޤާބިލު އަދި ކަމަށް އެކަށޭނެ ތެދުވެރި އިޚްލާޞްތެރި ފަނޑިޔާރުން ޢައްޔަންކޮށް، ރިޝްވަތު ހިފުމާއި ނުފޫޒަށް ހެއްލުމާއި ވަކިފަރާތަކަށް ބުރަވުމަށް ހުރަސް އެޅޭފަދަ އުޞޫލުތައް ކަނޑައަޅުއްވައި، އެކަށީގެންވާ ޢަދަދަށް ފަނޑިޔާރުން ކަނޑަ އެޅުއްވެވިއެވެ.

އަޞްލު ޙުކުމް ފުޅުތަކަށް ބެލުން

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކަށަަވަރު ކުރާ ފަދައިން ޙައްޤުތައް ހޯދުމުގައި ބަލަންވީ މައިގަނޑު އަޞްލުތަކެއް އަޅުގަނޑުމެންނަށް އިސްލާމު ދީން ދައްކަވާފައިވެއެވެ. އަދި ކަންކަމުގައި ޙުކުމްތައް ނެރުމުގެ ޤަވާޢިދުތައް ފިޤުހު ޢިލްމުވެރީން ވަނީ ވަރަށް ތަފްޞިލީ ގޮތެއްގައި ގެނެސް ދީފައެވެ. ފަރުޢީ މައްސަލަތަކުގައި އަދި ތަނާއި ޒަމާން ބަދަލުވުމުން ދިމާވާ އައު ކަންކަމުގައިވެސް ޙުކުމްތައް ނެރެވޭނޭ މަގު ފިޤުހީ ޢިލްމުވެރީންނާއި އިމާމުން ވަނީ ދައްކަވާ ދެއްވާފައެެވެ. މިނޫން ގޮތަކަށް ހަމައެއްނެތި ކަންކަން ނިންމަން ވެއްޖެނަމަ، ކަންކަން ނިއްމާ ބައެއް ބުރަވާ ގޮތަށް ނުވަތަ މަޞްލަޙަތައް ނިންމުމީ ފެންނާނެ ކަމެކެވެ.

ވަގުތަށާއި ތަނުގެ މަޞްލަޙަތައް ރިޢާޔަތްކުރުން

މި އަސާސަކީވެސް އަޅުގަނޑުމެންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ލައްވާފައިވާ ވަރަށް މަތިވެރި އަސާސެކެވެ. އެކަމަކުން ނުކުމެދާނެ ގެއްލުމާއި ފާއިދާއަށް ބަލައި، އަބަދުވެސް ގިނަބައެއްގެ މަޞްލަހަތައް ކަންކަން ނިންމުމުގެ ހަމައަކީވެސް އަޅުގަނޑުމެންނަށް ﷲ ޝަރުޢު ކުރައްވާފައިވާ ޝަރީޢަތުގެ ޙިކުމަތުގެ ތެރެއިން ފަހިވެފައިވާ ފަސޭހައެކެވެ. ޙައްޤުތަކާއި، މަޞްލަޙަތުތައް ރައްކާތެރި ކުރެއްވުމަށްޓަކައެވެ.

އަވަސް ނިޔާކަނޑައެޅުމާއި ނިޔާ ލަސްކުރުން

އަވަސް ނިޔާ ކަނޑައަޅައި ތަންފީޒު ނުކޮށްފިނަމަ، އެކަމަކުން އަނެކާއަށް ނުވަތަ ބަޔަކަށް ގެއްލުންވާނަމަ، އިސްލާމު ދީނުގައި އެކަމަށް ތަންދެއެވެ. ޢުމަރުގެ ފާނުން، މުޢާވިޔަތުގެ ފާނަށް ފޮނުއްވި ސިޓީގައި މިކަމަށް އިރުޝާދު ދީ ޢަމުރު ކުރައްވާފައި ވެއެވެ.

އަމީރުލް މުއުމިނީން ޢުމަރުގެ ފާނުން، ޢަބްދުﷲ ބުނު ޤައިސް އަށް ފޮނުއްވި ޖިނާއީ އިޖުރާއާތާއި ބެހޭ އެންގެވުމުގައި ވާގޮތުން، ޞުލްޙަ ކުރުމުގެ ފުރުޞަތައްޓަކައި އަދި ދުރުގައި އޮތް ޙައްޤަކާމެދު ދަޢުވާ އުފުލައިފިނަމަ، ނުވަތަ ދުރުގައި އޮތް ހެއްކެއް ހުށަހަޅާން އެދެފިނަމަ، މިފަދަ ކަންކަމަށް ފުރުޞަތު ދިނުމަށްޓަކައި ނިޔާ ކަނޑައެޅުން ލަސް ކުރުމަށްވަނީ އަމުރު ކުރައްވާފައެވެ. ޚާއްޞަކޮށް ޚަޞްމުންނަކީ ތިމާގެ ގޮތުން ކައިރި ބަޔަކަށްވެފައި އެބައިމީހުންގެ މެދުގައި ރަޙިމުގެ ގުޅުން ކެނޑި، ދެކޮޅުވެރި ކަމަކަށް ހިނގައިދާނެކަމަށް ބިރުގަންފިނަމަ، ފަޑިޔާރަށް އެކަން ފަސްކުރުމުން ޞުލްޙަ ވެދާނެކަމަށް ފެންނަނަމަ، ފަސްކުރުން ހުއްދަވެގެންވެއެވެ.

އާދެ! މިލިޔުމުގައި ހުށަހަޅާފައިވާ، އަސާސްތަކުގެ އިތުރުންވެސް އިސްލާމް ދީނުގައި އިންސާނީ ހައްޤު ޙިމާޔަތްކުރުމާއި ޢަދުލު އިންޞާފު ޤާއިމްކުރުމުގެ އަސާސްތައް ވެއެވެ. ހުށަހަޅައިދެވުނު ކަންކަމުންވެސް މިކަމުގައި އަޅުގަނޑުމެންނަށް އިސްލާމް ދީން ދައްކަވާފައިވާ މަތިވެރި ނަމޫނަތައް ފެނިގެން ހިނގައްޖެއެވެ. އިންސާނުންގެ ޙައްޤުތައް ފުރިހަމަ ކުރުމަށްޓަކައި މިއަސާސްތައް ހިފަހައްޓަން ލާޒިމެވެ. ޒަމާނާއި، ޙާލަތާއި، ތަން ބަދަލު ވީކަމުގައި ވިޔަސް އަދި އާ ކިތަންމެ މައްސަލަތަކެއް އަޅުގަނޑުމެންނާއި ކުރިމަތިވިޔަސް މިއަސާސްތަކުގައި ހިފަހައްޓައިގެން ތިބިހާ ހިނދަކު ދެރަގޮތެއް މިންވަރު ނުކުރައްވާނެއެވެ. މިއެންމެހައި އުޞޫލުތައްވަނީ، އިންސާނުންގެ ނުކުޅެދޭ ކަންކަމުންނާއި، ނުރަނގަޅު ކަންކަމުން ދުރުވެގެންނެވެ. އެހެނީ އެ ހަމަތަކަކީ، ހުސްޠާހިރުވަންތަ މާތް ﷲ ގެ ފަރާތްޕުޅުން ފޮނުއްވާފައިވާ ހަމަތަކެކެވެ. އެހަމަތަކާއި އަސާސްތައް ކަނޑައަޅުއްވާފައިވަނީ އެއަސާސް ތަކުގެ މަތީގައި ޤާއިމުވެ ތިބެއްޖެނަމަ، އިންސާނުންގެ ޙައްޤުތައް ދާއިމަށް ޙިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތަށެވެ.