13 Mar 2012, 16:55
ގަލޮޅުގެއެއްގެ ތެރެއިން ބައި ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި އުމުރުން 52 އަހަރުގެ މީހާގެ މައްޗަށް ދައުވާކުރަން ޕީޖީ އަށް ފޮނުވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ގ. ވެޖްވުޑް ގެއިން މިދިޔަ ހުކުރު ދުވަހު ބައިކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރީ ގއ. ދާންދޫ ޑޭޒީމާގޭ، މުހައްމަދު ޔަޒީދު،52 ގެ ތަހުގީގު ނިންމައި ދައުވާ ކުރަން ޕީޖީ އަށް ފޮނުވީ މިއަދު ކަމަށެވެ. ޔަޒީދު ހައްޔަރު ކުރި އިރު އޭނާ މާލޭގައި ދިރިއުޅެމުން ދިޔައީ ކުއްޔަށެވެ.
ފުލުހުން ބުނީ ޔަޒީދު ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުން ވަނީ މިއަދު ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އޭގެ ވިޔަފާރި ކުރުމަށް ބޭނުންކުރާ އާލާތްތަކާއި ގިނަ އަދަދެއްގެ ފައިސާއާ އެކު ދެ މީހަކު މއ. ކުއްޅަފިލާގެއިން ހައްޔަރުކޮށްފަ އެވެ.
ފުލުސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ މިއަހަރު ފުލުހުން އެންމެ ބޮޑު ސަމާލުކަމެއް ދޭނެ އެއް ދާއިރާއަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ރާއްޖެ އަށް އެތެރެކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް ސީދާ އަމާޒުކޮށްގެން އޮޕަރޭޝަންތައް ހިންގައި އެފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކަމަށެވެ.