18 Feb 2022, 22:34
މ. މުލީ އެއާޕޯޓާއި ގދ. ފަރެސްމާތޮޑާ އެއާޕޯޓް މިއަހަރުގެ ތެރޭގައި ހުޅުވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ޅ. މަޑިވަރު އެއާޕޯޓު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، މާލެއިން އުތުރުގެ ކޮންމެ އަތޮޅެއްގައި މިހާރު އެއާޕޯޓެއް ހުޅުވިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް 30 މިނިޓުން ދެވޭ ހިސާބުގައި އެއާޕޯޓުތައް ގާއިމުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައި އަދި އިތުރު ދެ އެއާޕޯޓް ހުޅުވިގެންދާނެ. އެއީ ގދ. ފަރެސްމާތޮޑާ އެއާޕޯޓާއި މ. މުލީ އެއާޕޯޓް. އޭގެ އިތުރުން، ހަ އެއާޕޯޓެއްގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ގައުމެއް ތަރައްގީ ކުރުމުގައި އެންމެ މުހިންމު އެއް ވަސީލަތަކީ އެއް ތަނުން އަނެއް ތަނަށް ފަސޭހައިން ދަތުރުކުރެވުމާއި މުދާ ގެންދެވުން ކަމަށެވެ. އަދި މިއަދު މަޑިވަރުގައި ހުޅުވި އެއާޕޯޓުގެ ސަބަބުން އެކަންތައްތައް ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ އެއާޕޯޓު އެޅުމަކީ މީގެ ގާތްގަނޑަކަށް 16 އަހަރު ކުރިން ދިވެހި ސަރުކާރުން ރާވާފައި އޮތް ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ އެއާޕޯޓު އެޅުމަށް 2006 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް "މަޑިވަރު ހޯލްޑިންސް"ގެ ނަމުގައި ކުންފުންޏެއް އުފެއްދެވި ކަމަށެވެ.

މަޑިވަރު އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
"އެ ކުންފުނީގެވެސް ހިއްސާދާރުންގެ ގޮތުގައި، މިއަދު މި އެއާޕޯޓް ތަރައްގީ ކުރެއްވި ފަރާތްތައް ހިމެނޭ. ޗަމްޕާ ހޯލްޑިންސް، ޗަމްޕާ ބްރަދާސް، އެ ކުންފުނީގައިވެސް ހިމެނޭ. އެހެންނަމަވެސް، ސަރުކާރުގެ ސިޔާސަތަށް އޭރު ގެނެވުނު ބަދަލުތަކެއްގެ ސަބަބުން ދިގުދެމިގެންގޮސް އެތައް ދުވަހެއް ވޭތުވެގެންދިޔައީ،" ރައީސް ވިދާޅުވިއެވެ.
އެއަށް ފަހު، މަޑިވަރު އެއާޕޯޓު ހެދުމުގެ މަސައްކަތް 2018 ވަނަ ސަރުކާރުން ކުރެއްދޫ ހޯލްޑިންސްއާ ހަވާލުކުރުމުން، މިހާރު އެ މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެއާޕޯޓް ނިމިގެން އައިއިރުގައި މިވަނީ އެންމެ ފުރިހަމަ އެއާޕޯޓެއްގެ ގޮތުގައި ހުންނަންވާނެ ވަސީލަތްތަކާ އެކުގައި ހުޅުވިފައި. ރޭގަނޑާއި ދުވާލު ފްލައިޓް ޖެއްސޭ. މިތަނުން ފެނިގެން މިދަނީ އެންމެ ފުރިހަމަ ވަސީލަތްތައް ފުރިހަމައަށް ލިބެންހުރިތަން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މަޑިވަރު އެއާޕޯޓު ބޭނުން ކުރަން ފެށުމަކީ ޅ. އަތޮޅުގެ ރައްޔިތުންގެ އިތުރުން އެ އަތޮޅުގައި ރިސޯޓުތައް ހިންގާ ވިޔަފާރިވެރިންނަށްވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ އަތޮޅުގައި މިހާރު ވެސް 11 ރިސޯޓު އޮތްކަމާއި އިތުރު ހަތަރު ރިސޯޓު ތަރައްގީ ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މަޑިވަރު އެއާޕޯޓު ހުޅުވުމުން ފާދިއްޕޮޅަށް އިތުރު ތަރައްގީ ލިބި، ވަޒީފާގެ ފުރުސަތުތައްވެސް ހުޅުވިގެންދާނެ ކަމަށެވެ. އަދި މަޑިވަރު އެއާޕޯޓު މިހާރު ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި އޮތް ނަމަވެސް އެއީ ބައިނަލްއަޤުވާމީ އެއާޕޯޓަކަށް ހެދުމުގެ ވިސްނުން ކުރެއްދޫ ހޯލްޑިންސްގެ މެނޭޖިން ޑިރެކްޓަރު ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) ގެންގުޅުއްވާކަން ރައީސް ހާމަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެކަމާ ބެހޭ ގޮތުން އެމްޓީސީސީއާ މަޝްވަރާތައް ކޮށްފައިވީ ނަމަވެސް މަސައްކަތް ފެށިފައި ނުވަނީ އެމްޓީސީސީގެ މަސައްކަތްތައް ގިނަ ކަމުން ކަމަށެވެ.
މީގެ އިތުރުން، ރައީސް ވަނީ މި ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގައި ވިޔަފާރި ކުރަން ބޭނުންވާ ދިވެހި ވިޔަފާރިވެރިންނަށް ވީހާވެސް ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށް ވިދާޅުވެފައެވެ.
"ގައުމު ތަރައްގީވެގެންދާނީ، އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިން ގުޅިގެން އެކުގައި މަސައްކަތްކޮށްގެން. އެހެންވީމާ، ސަރުކާރުގެ ސިޔާސަތުތައް މިއަދު ބައްޓަން ކުރަމުން މިގެންދަނީ، އަމިއްލަ ވިޔަފާރިވެރިންނަށް ކުރިމަތިވެފައި ހުރި ދަތިތައް ނައްތާލައި، ފަސޭހަ ގޮތްތައް ގާނޫނާއި ގަވާއިދުގެ ތެރެއިން ހޯދައިދިނުމަށް،" ރައީސް ވިދާޅުވިއެވެ.
މަޑިވަރު އެއާޕޯޓު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ކުރެއްދު ހޯލްޑިންސް އާއި ސަރުކާރާ ދެމެދު ސޮއިކުރީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. އަދި މިދިޔަ މަހުގެ ތެރޭގައި އެ އެއާޕޯޓު ވަނީ އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވަނީ އަންނަ އާދިއްތަ ދުވަހު މަޑިވަރަށް ދަތުރުތައް ފަށާނެކަން އިއުލާންކޮށްފައެވެ. އެ އެއާލައިނުން ދަތުރުތައް ފަށާނެ އަގު ކަމަށް ބުނެފައި ވަނީ ކޮޅަކަށް 1،029 ރުފިޔާއިންނެވެ.