މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އިންޓެލިޖެންސް ސާވިސްގެ ކޮމާންޑަރަކަށް ބްރިގޭޑިއާ ޖެނެރަލް ޢަބްދުﷲ ޒުހުރީ އައްޔަންކޮށްފިއެވެ.

ޒުހުރީ އެންމެ ފަހުން ހުންނެވީ ޕްރެޒިޑެންޝަލް ގާޑުގެ ކޮމާންޑިން އޮފިސަރުކަށެވެ. އޭގެ ކުރީން ޒުހުރީ އަދާ ކުރެއްވީ ފަޔާ އެންޑް ރިސްކިއުގެ ކޮމާންޑަރުކަމެވެ. މީގެ އިތުރުން އެމްއެންޑީއެފް ސަދަން އޭރިޔާގެ ކޮމާންޑަރުކަން ވެސް ކުރެއްވިއެވެ.

މީގެ ކުރިން އެމްއެންޑީއެފްގެ އިންޓެލިޖެންސް ސާވިސްގެ ކޮމާންޑަރަކަށް ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް، ބްރިގޭޑިއާ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއް ލަތީފެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އަބްދުއްރަހީމް ވަނީ އެމްއެންޑީއެފްގެ އިންޓެލިޖެންސްގެ ވެރިޔާގެ މަގާމު އަދާކުރައްވާފައެވެ. އޭނާ އެ މަގާމުން ބަދަލު ކުރީ ފެބްރުއަރީ 1، 2018 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅުވައިގެން ސިފައިންގެ އެކިއެކި މަގާމުތަކަށް ގެނައި ބަދަލުގެ ތެރެއިންނެވެ.