އދގެ ނިންމުންތައް ނިންމުމުގައި އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ވިސްނުމަށްވެސް ރިއާޔަތްކުރުން މުހިއްމު ކަމަށް އދގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް، އަދި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ގާނޫނު ހަދާ މަޖިލިސްތަކުގެ ޖަމިއްޔާ، އިންޓަޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ)އިން އިންތިޒާމުކޮށްގެން އާންމު މަޖިލީހުގައި ބޭއްވި ޕާލަމެންޓަރީ ބައްދަލުވުމެއްގައެވެ.

ގިނަ އަދަދެއްގެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސުން ނުވަތަ މެމްބަރުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.

ފަންސަވީސް އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި، އަދި އެމަޖިލީހުގެ 17 ވަނަ ދައުރުގެ ރައީސްކަންވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވީ، ގާނޫނު ހަދާ މަޖިލީހަކީ އެމަނިކުފާނުގެ ހިތާ ގުޅިފައިވާ ތަނެއް ކަމަށެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މަންދޫބުންނާ މުޚާތަބުކުރައްވައި މިނިސްޓަރު ޝާހިދު ވިދާޅުވީ ގާނޫނު ހަދާ މަޖިލިސްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާއެކު މަޝްވަރާކުރުމަށް އަބަދުވެސް މަރުހަބާ ދަންނަވާ ކަމަށެވެ.

ޤާނޫނު ހަދާ މަޖިލިސްތަކުގެ ޖަމްއިއްޔާ، އިންޓަޕާލަމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ) އިން އިންތިޒާމުކޮށްގެން އާއްމު މަޖިލީހުގައި ބޭއްވި ޕާލަމެންޓަރީ ހިއަރިންގެ ތެރެއިން -- ފޮޓޯ ފޮރިން މިނިސްޓްރީ

މީގެ އިތުރުން، މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އޮސްޓްރިއާގެ ވިއެނާގައި އޮތް ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ ފަސް ވަނަ ބައްދަލުވުމާއި، ސްޕެއިންގެ މެޑްރިޑްގައި ނޮވެމްބަރު މަހު އޮތް އައިޕީޔޫގެ 143 ވަނަ އެސެމްބްލީގައި ވާޗުއަލްކޮށް ބައިވެރިވެ ވަޑައިގަންނަވަން ފުރުސަތު ލިބިވަޑައިގެންނެވިކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، މަޖިލީހުގައި ހޭދަކުރެއްވި މުއްދަތުގަ އާއި އާއްމު މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހޭދަކުރައްވަމުން ގެންދަވާ މުއްދަތުގައި، އދ އާއި ދުނިޔޭގެ އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތައް އެއްކޮށް ކުރާ މަސައްކަތްތައް ވަރަށް ގާތުން ފެނިވަޑައިގެންނެވިކަމަށެވެ.

ހަމައެއާއެކު، ބައިނަލްއަޤްވާމީ މައިދާނުގައި ކުރަން ޖެހޭ ކަންކަން ގާނޫނު ހަދާ މަޖިލިސްތަކުން ކުރުމަކީ މުހިއްމު ކަމެއްކަމުގައި ދެކިވަޑައިގަންނަވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.