މަހު ފީ ދައްކާގޮތަށް މާލޭން ކުއްޔަށް ދޫކުރަން ނިންމާފައިވާ ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވިއިރު، 2،807 މީހަކު އެޕްލިކޭޝަން ފޯމު ހުށަހަޅައިފިއެވެ.

މިިދިޔަ ބުދަ ދުވަހު ޕާކިން ސްލޮޓަށް އެދޭ ޕޯޓަލް ހުޅުވާލި ނަމަވެސް، އެ ލިންކް ބްލޮކް ވުމާ ގުޅިގެން، އިއްޔެ ސިޓީ ކައުންސިލުން އަލުން ޕޯޓަލް ހުޅުވާލީއެވެ.

ނަމަވެސް އިންސާފުވެރި ވުމުގެ ގޮތުން، ބުދަ ދުވަހު ލިބުނު އެޕްލިކޭޝަންތައް ވެސް ބަލައިގަތް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ، ޕާކިން ސްލޮޓަށް އެދުމަށް ބުދަ ދުވަހު ހުޅުވާލި ޕޯޓަލް ވަގުތީ ގޮތުން ބަންދު ކުރުމާ ހަމައަށް 378 ފަރާތަކުން ފޯމު ހުށަހެޅި ކަމަށާއި އިއްޔެ ޕޯޓަލް ބަންދު ކުރި އިރު 2429 ފޯމު ލިބިފައިވާކަމަށެވެ.

ދެން އޮންނާނީ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމާއި، އިދާރީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ ޕާކު ކުރާނެ ޖާގަ ވިއްކަން ނިންމީ މާލޭގައި ހަތަރު ފުރޮޅުލީ އުޅަނދު ފަހަރަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.

ކައުންސިލުން ބުނިގޮތުގައި ޕާކިން ސްލޮޓްތަކުގެ 25 ޕަސެންޓް ހާއްސަ ކުރާނީ ޓެކްސީ ތަކަށެވެ. އަދި 1،000 ސްލޮޓްގެ ތެރެއިން 250 ސްލޮޓަކީ ޓެކްސީ ތަކަށް ހާއްސަ ކުރާ ސްލޮޓްތަކެއް ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

މާލެ ސިޓީ ކައުންސިލުން ތަރައްގީ ކޮށްފައިވާ ޕާކިން ޒޯންތަކުގެ 211 ޖާގައަށް ކުރިމަތިލާން މާލެ ސިޓީ ކައުންސިލުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅު ހުޅުވާލިއެވެ. އަދި މިދިޔަ ޑިސެމްބަރު މަހު އެ ޕާކިން އޭރިއާތަކުގެ ގުރު ނެގިއެވެ.

އެ ފުރުސަތުގައި 965 މީހަކު ޕާކިން ސްލޮޓަށް ކުރިމަތިލި ނަމަވެސް، ސިޓީ ކައުންސިލުން ގުރު ނެގި ގޮތާ ބެހޭ ގޮތުން މައްސަލައެއް ފެންމަތިވިއެވެ. އަދި އެކަން އޭސީސީން ހުއްޓުވުމުން، ސިޓީ ކައުންސިލުން ސްލޮޓްތައް އިތުރުކޮށް، 1000 ސްލޮޓަށް ހުޅުވާލީއެވެ.

ސިޓީ ކައުންސިލުން ބުނީ މިހާތަނަށް 700 އަށް ވުރެ ގިނަ ޒޯން ކުރެހިފައިވާ ކަމަށާއި، 1000 ސްލޮޓް ހަމަވަންދެން އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.