18 Feb 2022, 23:40
ތަންފީޒީ އިދާރާތަކުގެ މުވައްޒަފުންނާ ދެކޮޅަށް ހިންގައި އަނިޔާވެރި އަމަލުތައް ސަރުކާރުން ބަލައި ނުގަންނާނެ ކަމަށް ހޯމް މިނިސްޓަރު، ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނ. މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ މީހަކު ހުއްޓުވި ފުލުސް މީހާއަށް ބިރުދައްކާ، އިންޒާރު ދިނުމަށްފު، އެމީހާ ދުއްވާ ސައިކަލްގައި އަލިފާން ރޯކޮށްލި މައްސަލައާ ބެހޭ ގޮތުން ކަންބޮޑުވުން ފައުޅު ކުރެއްވުމުގެ ގޮތުން ކުރެއްވި ޓްވީޓްގައެވެ.
އެމަނިކުފާނު ވިދާޅުވީ ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންގެ އުޅަނދު އަންދާލާފައިވާ މަައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށްފަހު، ޒިންމާވާންޖެހޭ ފަރާތްތަކާމެދު ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 22 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއްގެ އިތުރުން 31 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ އެންމެންނަކީ ވެސް ދިވެހީންނެވެ.