ޅ. މަޑިވަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

އެ އެއާޕޯޓު ހުޅުވުމަށްޓަކައި މިއަދު ރައީސް ވަނީ ޅ. އަތޮޅަށް ވަޑައިގެންފައެވެ. އަދި ރައީސް ވަނީ މަޑިވަރު އެއާޕޯޓުގެ ފުރަތަމަ ދަތުރުވެރިޔާއަށްވެ ވަޑައިގެންފައެވެ.

އެ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިއަދަކީ ފާދިއްޕޮޅުގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ.

"ފާދިއްޕޮޅަށް ނިސްބަތްވާ ރައްޔިތެއްގެ ހައިސިއްޔަތުން، އުފަން ދަރިއެއްގެ ހައިސިއްޔަތުން މިއީ އަޅުގަނޑަށްވެސް ލިބުނު ވަރަށް ބޮޑު އުފަލެއް. މިއީ މި އަތޮޅުގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން ކުރަމުން އައި އުންމީދެއް ހަގީގަތަކަށް ވެގެންދިޔަ ދުވަސް،" ރައީސް ވިދާޅުވިއެވެ.

އެއަށް ފަހު ރައީސް ވަނީ، މަޑިވަރު އެއާޕޯޓު ތަރައްގީ ކުރި ކުރެއްދޫ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު)އަށާއި ޙަސަން ޢަފީފްގެ މަސައްކަތަށް ތައުރީފު ކުރައްވައި، ޝުކުރު އަދާކުރައްވައިފައެވެ.

ރައީސް ވިދާޅުވީ، ކްރައުން އެންޑް ޗަމްޕާ ކުންފުންޏަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ އިތުރުން ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ ވެސް ތަރައްގީ ކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާ ކުރަމުންދާ ކުންފުންޏެއް ކަމަށެވެ.

މަޑިވަރު އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ހަމައެއާއެކުު، ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ވެސް މަޑިވަރު އެއާޕޯޓުގެ މަސައްކަތަށް ކުރެއްދޫ ހޯލްޑިންސްއިން އިސްކަންދީ، އެ މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މަޑިވަރު އެއާޕޯޓު ބައިނަލްއަޤުވާމީ އެއާޕޯޓަކަށް ހެދުމުގެ ވިސްނުން އުއްޗު ގެންގުޅުއްވާކަން ރައީސް ހާމަކުރެއްވިއެވެ.

"މިއަދު މި އެއާޕޯޓް ޑޮމެސްޓިކް އެއާޕޯޓެއްގައި އޮތް ނަމަވެސް، އުއްޗުގެ ވިސްނުމުގައި އޮތީ، މިތަން ބޮޑުކޮށް، އިންޓަނޭޝަނަލް އެއާޕޯޓަކަށް މިތަން ބަދަލުކުރުން. އަޅުގަނޑާ މަޝްވަރާވެސް ކުރެވިފައި އެބައޮތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަމާ ބެހޭ ގޮތުން އެމްޓީސީސީއާ މަޝްވަރާތައް ކޮށްފައިވީ ނަމަވެސް މަސައްކަތް ފެށިފައި ނުވަނީ އެމްޓީސީސީގެ މަސައްކަތްތައް ގިނަ ކަމުން ކަމަށެވެ.

މަޑިވަރު އެއާޕޯޓު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ކުރެއްދު ހޯލްޑިންސް އާއި ސަރުކާރާ ދެމެދު ސޮއިކުރީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. އަދި މިދިޔަ މަހުގެ ތެރޭގައި އެ އެއާޕޯޓު ވަނީ އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު މިހާދު މިއަދު ވިދާޅުވީ އެ އެއާޕޯޓު ވެގެންދާނީ ޅ. އަތޮޅުގެ އިގުތިސާދު ކުރިއެރުވުމުގެ މުހިންމު ބައިވެރިއަކަށް ކަމަށެވެ.

"މި އެއާޕޯޓާއެކު ހުޅުވިގެންދާ ވަޒީފާގެ ފުރުސަތުތަކަށް ސީދާ ގޮތެއްގައި އަހަރެއްގެ މައްޗަށް ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީއެއްގެ ގޮތުގައި ޅ. އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ،" މިހާދު ވިދާޅުވިއެވެ.

ހަމައެއާއެކު އެ އެއާޕޯޓު ބޭނުން ކުރަން ފެށުމުން، ޅ. އަތޮޅުން ރާއްޖޭގެ އިގުތިސާދަށް ވެދެވޭ އެހީ އިތުރުވެގެންދާނެ ކަމަށް ވެސް މިހާދު ލަފާކުރެއްވިއެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވަނީ އަންނަ އާދިއްތަ ދުވަހު މަޑިވަރަށް ދަތުރުތައް ފަށާނެކަން އިއުލާންކޮށްފައެވެ. އެ އެއާލައިނުން ދަތުރުތައް ފަށާނެ އަގު ކަމަށް ބުނެފައި ވަނީ ކޮޅަކަށް 1،029 ރުފިޔާއިންނެވެ.