ތިމާގެ ކުރިއެރުމަށާއި، ދުނިޔެވީ ތަރައްގީގެ މައިގަނޑު އެއް އަސާސަކީ ވިސްނާ ފިކުރުކުރުން ކަމަށްބުނެ، ވިސްނާ ފިކުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް މިއަދުގެ ހުކުރު ޚުޠުބާގައި އަލިއަޅުވައިލައިފިއެވެ.

ޚުތުބާގައި ބުނީ ވިސްނާ ފިކުރުކުރުމަކީ އިސްލާމްދީން ނުހަނު ބޮޑަށް ބާރުއަޅާ ކަމެއް ކަމަށެވެ.

"އަދި ތިމަން ރަސްކަލާނގެ، ކަލޭގެފާނަށް ޤުރުއާން ބާއްވައިލެއްވީ، އެއުރެންނަށް ބާއްވައިލެއްވި ތަކެތި މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށް ދެއްވުމަށްޓަކައެވެ. އަދި އެއުރެން ފިކުރު ކުރުމަށްޓަކައެވެ." މާތްﷲގެ ވަހީ ބަސްފުޅެއްގެ މާނައިގައިވެއެވެ.

މާތްﷲ ވިސްނާ ފިކުރުކުރެއްވުމަށް އެންގެވި ތަކެތި ވަނީ ޚުޠުބާގައި ތަފްސީލުކޮށް ކިޔައިދީފައެވެ. އެގޮތުން އިންސާނާ ޙަލްޤު ކުރެއްވި ގޮތާއި، އިންސާނާއިއެކު މި ކައުނުގައި އަދި ކާއިނާތުގައި ލައްވާފައިވާ ތަކެތި ހިމެނެއެވެ.

އިތުރަށް ބުނެފައިވަނީ މާތްﷲ ޚަލްޤުކުރެއްވި ތަކެއްޗާމެދު ވިސްނާ ފިކުރުކުރުމަކީ އެކަލާނގެ މަތިވެރިކަން އިންސާނުންގެ ކިބައިގައި ބިންވަޅުނަގާނެ ކަމެއް ކަމަށެވެ. އަދި އެކަލާންގެ އާއި އަޅުތަކުންނާއި ދެމެދުގައިވާ ގުޅުން ބަދަހިވެސްވާ ކަމެއްގެ ގޮތުގައި ވިސްނާއި ފިކުރުކުރުންވާ ކަމަށް ބުންޏެވެ.

ތަރައްޤީއާއި ތަމައްދުންގެ އިންޖީނަކީ ވެސް ކަންކަމާ މެދު ވިސްނާ ފިކުރުންކުރުން ކަމުގައި ޚުޠުބާގައިވެއެވެ. އެގޮތުން ގައުމުތައް އިލްމާ ނުލައި ކުރިއަރައި ނުދާކަން ކުރިއަރާފައިވާ ޤައުމުތަކަށް ނަޒަރު ހިންގާލުމުން އެނގިގެންދާނެކަމަށް ވެސް ބުނެފައިވެއެވެ.

އިންސާނާއަށް ފައިދާކުރަނިވި އިލްމަކުން މެނުވީ ކުރިއަރައި ކުރިމަގު އުޖާލާ ނުވާނެކަމަށް ވެސް ޚުޠުބާގައިވެއެވެ. އަދި މުސްތަޤުބަލު އުޖާލާކުރުމަށް ބޭނުންނަމަވެސް ހިފަންވީ އިލްމުގައިކަމަށް ވެސް ބުނެފައިވެއެވެ.

"އަހަރެންގެ ތައުލީމީ ހަޔާތުގައި އަހުރެންނާ ނުހަނު ބޮޑެތި ދަތިތަކަކާއި އުނދަގޫތައް ކުރިމަތިވިއެވެ. ޢިލްމަށްޓަކައި އަހުރެން އެކަންކަން ތަޙައްމަލު ކުރުމުގެ ނަތީޖާއެއްގެ ގޮތުން އެކަންކަން އަހުރެންނަށްވީ މާމުޔަށްވުރެ ފޮނި އެއްޗަކަށެވެ." އިބްނު ޖައުޒީ (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ.

އިސްލާމްދީން ދީންގޮވާލަނީ ހަމައެކަނި އިލްމު އުނގެނި އިލްމުވެރީންގެ ދަރަޖަ މަތިވެރިކުރާކަަށް ނޫނެވެ. މީގެ އިތުރަށް ތަފާތު ފަންނުތަކުން ކުރިއަރައިގެން ދިޔުމަށް އިސްލާމްދީން ބާރުއަޅައެވެ.