އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރުކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އިންތިޚާބުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދިޔައީ މިއަދު 13:30އިން ފެށިގެންނެވެ.

އެ އިންތިޚާބުގައި އަސްލަމަށް 40 ވޯޓު ލިބުނެވެ. އަސްލަމާ ވާދަ ކުރެއްވި، މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި މިހާރުގެ ޕީޖީ ލީޑަރު ޢަލީ އާޒިމަށް ލިބުނީ 25 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިއްބެވި އެމްޑީޕީ މެންބަރުންގެ ތެރެއިން އެންމެ ގިނަދުވަސްވީ މެންބަރަކީ އަސްލަމެވެ. އެގޮތުން އޭނާ ގެންދަވަނީ 2005 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.

މީގެ އިތުރުން، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަގާމަށް އިންތިޚާބުކޮށްފައެވެ. އަދި 2019 ވަނަ އަހަރު އާ މަޖިލިސް އިންތިޚާބު ކުރުމާ ހަމައަށް އަސްލަމް ވަނީ އެ މަގާމު ފުރުއްވާފައެވެ.

މިއަދު އެމްޑީޕީން ބޭއްވި އިންތިޚާބުން ޕީޖީގެ ދެ ނައިބުންގެ މަގާމަށް ކުރިމަތިލެއްވި ތިން ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބުނީ އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސެއިން (ބިގޭ) އަށެވެ. އެއީ 49 ވޯޓެވެ.

އެ މަގާމަށް ދެން ކުރިމަތިލެއްވި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސެއިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބުނީ 34 ވޯޓެވެ. އެހެންކަމުން ދެވަނަ ނައިބު ލީޑަރު އިންތިޚާބު ކުރުމަށްޓަކައި ވޯޓުލުމުގެ އިތުރު ބުރެއް ބާއްވާނެއެވެ.

ޕީޖީގެ އަމީންއާންމުގެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓު ކަމަށްވާ، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސެއިން މުޙައްމަދު ދީދީއަށް 63 ވޯޓު ލިބުނެވެ. އަދި ޑެޕިއުޓީ އަމީން އާންމު ކަމަށް 35 ވޯޓުން ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ހޮވުނު އިރު އޭނާއާ ވާދަ ކުރެއްވި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމު މުޢިއްޒުއަށް ލިބުނީ 29 ވޯޓެވެ.

މީގެ އިތުރުން އެމްޑީޕީ ޕީޖީގެ ޗީފް ވިޕް ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުއްމުޣުނީ 34 ވޯޓުން އިންތިޚާބުވި އިރު އޭނާއާ ވާދަ ކުރެއްވި މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީއަށް ލިބުނީ 31 ވޯޓެވެ.

ޕީޖީ ވިޕުންގެ މަގާމަށް ކުރިމަތިލެއްވީ:

  • ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝީދު (ރާޑޯ) - 51 ވޯޓު

  • ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސެއިން ޒިޔާދު - 58 ވޯޓު
  • އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު - 54 ވޯޓު
  • މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙުމަދު ޚައިތަމް - 51 ވޯޓު
  • ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު - 61 ވޯޓު