18 Feb 2022, 10:59
މިނިސްޓްރީ އޮފް ޖެންޑާ, ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް(ސީއެފްޕީއެސް)އާއި ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ ގުޅިގެން ދަޢުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ފޮސްޓާކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ޙާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އޮންލައިންކޮށް ކުރިއަށްގެންދިޔަ އެ ސެޝަނުގައި މައުލޫމާތު ދެއްވީ ސީއެފްޕީއެސްގެ ޑިރެކްޓާ ފައްޒަ ފުއާދާއި އެސިސްޓަންޓް ޑިރެކްޓާ އާމިނަތު ނިސްރީނެވެ. އެ ސެޝަންގައި ވަނީ ފޮސްޓާކުރުމުގެ އުސޫލު ތަފްސީލުކޮށް ބައިވެރިންނާ ހިއްސާކޮށްފައެވެ.
އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭކުދިން ފޯސްޓާ ކުރަން އެދޭނަމަ އެކަމަށް އެދި ފޯމެއްހުށަހަޅަން ޖެހެއެވެ. ފޯމު ހުށަހެޅުމަށްފަހު ޝަރުތު ހަމަވޭތޯ ބަލައި އާއިލާގެ ހާލަތު އަންގައިދީ އެސެސްމަންޓެއް ހަދަންޖެހެއެވެ. އަދި އެ އެސެސްމަންޓުގައިވާ މައުލޫމާތު ރިއިންޓަގްރިޓޭޝަން ކޮމިޓީއަށް ހުށަހަޅާ އެ ކޮމިޓީގެ އިންޓަވިއުއެއްގައި ބައިވެރިވާން ޖެހެއެވެ. އެއަށްފަހު އެދިފައިވާ ޖިންސުގެ ކުއްޖަކާ މެޗުކޮށް ކުއްޖާ ފޮސްޓާ ބެލެނިވެރިންނާ ހަވާލުކުރެވިދާނެކަމަށް އެ ކޮމިޓީން ނިންމާނެއެވެ.
ދައުލަތުގެ ބެލުމުގެދަށަށް ގެނެވޭ ކުދިންގެ ތެރެއިން ހަތަރު ގިންތިއެއްގެ ކުދިން ފޯސްޓާކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. އެގޮތުން ފޯސްޓާކުރުމުގެ ގަވާއިދުގައި ވާގޮތުގެ މަތިން، ފޯސްޓާކުރާ ކުއްޖާއަކީ އެކުދިންގެ މައިންބަފައިން ނުވަތަ ބަލަދުވެރިން ދުނިޔޭގައި ތިބެމެ، އެ ކުއްޖާ ނުބަލާ ދޫކޮށްލާފައިވާ ކުއްޖަކަށް ވާންޖެހެއެވެ. ނުވަތަ އެ ކުއްޖާއަކީ އެއްވެސް ސަބަބަކާހުރެ އެކުދިންގެ އާއިލާއާއެކު ދިރިއުޅެވެން ނެތް ކުއްޖެއްކަމުގައި ވާންޖެހެއެވެ.
މީގެ އިތުރުން ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި އުޅުނު މުއްދަތުގައި އެކުދިންގެ އާއިލާއިން އެ ކުދިންނާ ގުޅުން ބަދަހިކޮށްފައިވާ މިންވަރަށް ބަލާ އާއިލާއިން އެކުއްޖާއާ ގުޅުން ބާއްވާ ހަވާލުވާން އުޒުރުވެރިވޭތޯ ބަލާ އެފަދަކުދިން ފޮސްޓާކުރަން ދައުލަތުން ސަމާލުކަންދޭނެއެެވެ. އަދި އެ ކުއްޖާއަކީ ޔަތީމެއްތޯ ނުވަތަ މިސްކީނެއްތޯ ބަލާ ޝަރުއީ އެއްވެސް ބަލަދުވެރިއެއް ނުވަތަ އަޅާލާނެ މީހެއް ދުނިޔޭގައި ނެތްނަމަ ވެސް އެ ކުއްޖާ ފޮސްޓާ ކުރެވޭނެއެވެެ.
ދައުލަތުން ކުއްޖާ ފޯސްޓާކުރުމަށް ހަވާލުކުރުމުގެ ކުރިން އެ ކުއްޖާގެ އާއިލާގައި އެ ކުއްޖާ ބަލާނެ އެއްވެސް މީހަކު ހުރިތޯ ސަރުކާރުން ބަލާނެއެވެ. އަދި އެކުއްޖާ ފޯސްޓާ ކުރުމަށް ހަވާލުކުރުމަށްފަހުވެސް ކުއްޖާގެ ހާލު ގާތުން ބަލަމުން ގެންދާނެއެވެ.
އެގޮތުން އަތޮޅުތެރޭ ރަށެއްގައި ކުއްޖާބަލާނަމަ ރަށުގެ މުއައްސަސާތަކާ ގުޅިގެން އެކުއްޖާގެ ހާލުބަލާނޭކަމަށް ސީއެފްޕީއެސްއިން ބުނެއެވެ. އަދި ފޯސްޓާކުރުމަށްފަހު ކުއްޖާގެ ދިރިއުޅުން ރާއްޖެއިން ބޭރަށް ބަދަލުވެއްޖެނަމަ އެ ގައުމެއްގައި ހުންނަ ރާއްޖޭގެ އެންބަސީ މެދުވެރިކޮށް އެ ކުއްޖާގެ ހާލު ސަރުކާރާއި ޖެންޑާ މިނިސްޓްރީން ބަލާނެއެވެ.