އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު ކުލަބް އީގަލްސް އިން ކާމިޔާބުކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު އީގަލްސް އިން ކާމިޔާބުކުރީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން 2-1 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗަށް ދެ ޓީމު ނިކުތްއިރު ޓީސީ އިން ވަނީ ނިމިދިޔަ އަހަރުގެ ޕްރިމިއާ ލީގުގައާއި ދާދި ފަހުން ނިމުނު ޕްރެޒިޑެންޓްސް ކަޕްގައިވެސް އީގަލްސް ބަލިކޮށްފައެވެ.

މިރޭގެ މެޗު ފައިގެން ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަަމަ ކުޅުމެކެވެ. ދެ ޓީމުގެ ފަރާތުންވެސް ފެނުނީ އެޓޭކިންގައި ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރި މަންޒަރެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ އީގަލްސް އަދި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

މެޗުގެ 39 ވަނަ މިނެޓުގައި ޓީސީގެ ނިޝާން މުހައްމަދު ރަޝީދު އީގަލްސްގެ އޭރިޔާ ތެރެއަށް ވަދެ ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު މުހައްމަދު ތަހާ ވަނީ މަތަކޮށްފައެވެ.

ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި އެއް މިނެޓުގެ ތެރޭގައި ޓީސީއިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މުހައްމަދު މުސްލިހު ދިން ޕާހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ސާމިއު އެވެ.

ދެ ވަނަ ހާފު ފަށައިގެން 51 ވަަނަ މިނެޓުގައި ޓީސީގެ އަހުމަދު މާއިޝް ރަޝީދު އީގަލްސްގެ އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މި ހާފުގައި އީގަލްސްގެ ފޯވާޑުން ދިޔައީ ވަރަށް ބޮޑަށް ޓީސީގެ ޑިފެންސަށް ބާރު ބޮޑު ކުރަމުންނެވެ.

އީގަލްސް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ލަނޑެއް ޖެހުމަށްޓަކައި ހަމަލާތަކެއް އުފެއްދި ނަމަވެސް ޓީސީގެ ކީޕަރު ޝުޖަން ޕެރޭރާ ހުށިޔާރުކަމާއެކު އެ ހަމަލާތައް ހުއްޓުވިއެވެ. އީގަލްސްގެ ރިޒްވާން (ރިޒޭ) ފޮނުވާލި ހަމަލާއެއް ޓީސީގެ ކީޕަރު ޝުޖަން މަތަކުރިއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ އީގަލްސް އަދި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓުގެ ތެރޭގައި އީގަލްސްގެ ރިޒްވާން (ރިޒޭ) ވަނީ ލަނޑެއް ޖަހައި އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ހަސަން ރާއިފް އަހުމަދު (ހަންނަ) ދިން ޕާހަކުން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

އޭގެ އިރުކޮޅެއް ފަހުން އީގަލްސް އިން ވަނީ އަނެއްކާވެސް ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. ޢަބްދު ﷲ ސަމީހް މޫސާ (ސަމިއްޓެ) ނަގައިދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކުރީ ރާއިފް އެވެ. އޭނާ ބޮލުން ފޮނުވާލި ބޯޅަ ޓީސީގެ ކީޕަރު ޝުޖަންގެ އަތުގައި ޖެހިފައި ވަނި ގޯލަށެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކުލަބް އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.

ލީގުގެ ކުޅުން ދެން އޮންްނާނީ އަންނަ ހޯމަ ދުވަހުގެ ހަވީރުއެވެ. އެ މެޗުގައި ބައްދަލުކުރާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބް (ސަސް) އާއި ޓީސީ ސްޕޯޓްސް ކުލަބެެވެ. އެރޭގެ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކުލަބް އީގަލްސްއެވެ.