މާލޭ މަގުހެދުމުގެ މަޝްރޫއު ހުއްޓުވާފައި އޮތުމުން އެކަމުގެ އެންމެ ބޮޑު ގެއްލުމެއް ލިބެނީ ރޯޑު ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ)އަށް ކަމަށް މާލެސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ދިވެހިޗެނަލް"ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މަގުހެދުމުގެ މަޝްރޫއު ހުއްޓުވާފައި އޮންނަތާ މިހާރު މިއީ ހަތަރުވަނަ މަސްކަމަށެވެ. އަދި އެ މަޝްރޫއު ހުއްޓުވާފައި އޮތުމުގެ ސަބަބުން އާރުޑީސީގެ ބޭފުޅުން ތިބީ ކަންބޮޑުވެފައިކަމަށާއި އެއީ އެބޭފުޅުންގެ އެންމެ ބޮޑު މަޝްރޫއުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެ ބޭފުޅުންނަށް ލިބެންޖެހޭ ފައިސާ ނުލިބޭ މި މަޝްރޫއު ހުއްޓުވީމަ." އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ މަޝްރޫއުއަކީ ކުރީ ކައުންސިލުން މިހާރުގެ ކައުންސިލަށް ވާރުތަވެގެން އައިސްފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި އެ ޕްރޮޖެކްޓް ފަށަން ޕްލޭނިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއެކު ވެސް ގިނަ ބައްދަލުވުންތަކެއް ބޭއްވުނުކަމަށް މޭޔަރު ވިދާޅުވިއެވެ.

"ދެ މިނިސްޓްރީ އެއްބަޔަކު އަނެއްބަޔަކަށް ބޯޅަ ޖެހުން ނުވަތަ ބްލޭމް ގޭމް ކުޅުން މި އޮތީ. މިކަމެއްގެ ތެރޭގަ އަޅުގަނޑުމެން މިހެން އުޅޭތާ ހަތަރުމަސް މި ވަނީ" އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މަގުހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަން ނިންމައިފައިވަނީ ކުރިން ވެސް އޮތް ޕްލޭނަށްކަމަށެވެ. އަދި އެ ޕްލޭނަށް ގެނައިހާ ވެސް ބަދަލަކީ ބައެއް ބޮޑެތި މަގުތަކުގައި ސާފޭސް ފިނިޝިން ގަލުގެ ބަދަލުގައި ތާރުއަޅަން ނިންމުން ކަމުގައެވެ. އެއީވެސް ބަޖެޓުގެ ތެރެއިން ގެނައި ބަދަލެއްކަމަށާއި ޕްލޭނިންގް މިނިސްޓްރީން އެއްބަސްވެގެން ގެނައި ބަދަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެސިޓީ ކައުންސިލުން ކުރިއަށްގެންދާ މަޝްރޫއުތަކަށް ސަރުކާރުން އެއްބާރުލުން ނުދޭކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން އެ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް އަދި ސަރުކާރުގެ އެކި މިނިސްޓްރީތަކަށް ފޮނުވާ ސިޓިތަކަށް އެއްވެސް ޖަވާބެއް ނުދޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.