އިދިކޮޅު ޕީޕީއެމް، ޕީއެންސީން އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ބޭލުމަށް ގޮވައިލައި ހިންގާ "އިންޑިއާ އައުޓް" ހަރަކާތަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިންގި އެންމެ ނުރައްކާ އެއް ކެމްޕެއިންކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ހުރިތޯ ބެލުމަށް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން މިރޭ ބޭއްވި ދިރާސީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ބޮޑު ނުރައްކަލެއްވާކަމަށެވެ.

މާރިޔާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެހުންނަވައި ގައުމަކާ ޖައްސާލައިގެން ކުރިއަށްގެންދާ ހަރަކާތަކީ ފަހުގެ ތާރީޚެއްގައި މި ގައުމުގައި ހިންގޭ އެންމެ ނުރައްކާ އެއް ހަރަކާތްކަމަށެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ އެ ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ބުރޫއަރާފާނެ ކަމަށް ގަބޫލުކުރާކަމަށެވެ. އަދި އެ މަގާމުގައި އެކަމަނާ ހުންނަވައިގެން ގައުމީ ސަލާމަތަށް ބުރޫއަރާނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

"މިއީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ނުރުހޭ ޚަބަރު ގެނެސްދޭ ސްޓޭޝަންތައް ރޯކޮށް ބޮޑެތި ޖޫރިމަނާކޮށް ނޫސްވެރިން މަރާ ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ ބޮޑެތި ޚިޔާނާތްތަކުގެ އަޑު ކަނޑުވާލުމަށް ރާވައިގެން ހިންގާ ހީލަތްތެރި ކެމްޕޭނެއް،" މާރިޔާ ވިދާޅުވިއެވެ.

އިންޑިއާ އައުޓް ފަދަ ކެމްޕޭނުތަކުގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ ރައްޔިތުންނާއި ބޭރުގައުމުގައި ދިރިއުޅޭ ދިވެހީންގެ ސަލާމަތަށް ހުރަސްއެޅިދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެފަދަ ހަރަކާތްތަކުގެ ސަބަބުން ބައިނަލްއަގްވާމީ މަޝްރަހުގައި ރާއްޖެ ބާކީވެ، ސަރަހައްދީ ސަލާމަތަށް ބުރޫއަރައި، ރާއްޖޭގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ކުރަމުންގެންދާ ބުރަ މަސައްކަތަށް އަސަރުކޮށްފާނެކަމަށެވެ.

އިންޑިއާ އައުޓް ހަރަކާތަކީ އުތުރު ތިލަފަޅުގެ ޔޫޓީއެފް އެއްބަސްވުން އާންމުކުރުމަށް ގޮވާލައި ފުރަތަމަ ފެށި ހަރަކާތެކެވެ. މާލޭގެ މަގުތަކުން ފެށި މި ހަރަކާތްވަނީ އަތޮޅުތަކަށް ފުޅާވެގެން ގޮސްފައެވެ.

އެ ހަރަކާތުގެ އަޑު ގަދަވުމުން ސަރުކާރުން ދިޔައީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުންނެވެ. އަދި މިހާރު އެ މައްސަލަ ދިރާސާކުރުމަށް ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައެވެ.