17 Feb 2022, 21:39
އަފްޣާނިސްތާނުގެ ޒާބުލް ޕްރޮވިންސްގެ އަވަށެއްގައި ހުރި ފުން ވަޅަކަށް ނުވަ އަހަރުގެ ކުއްޖަކު ވެއްޓި، ތާށިވެއްޖެއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފުންމިނުގައި 33 ފޫޓު ހުރި އެ ވަޅުގެ ތެރޭގައި ނުވައަހަރުގެ ހައިދަރު، ތާށިވިތާ ދެ ދުވަސް ފާއިތުވެއްޖެއެވެ.
އެ ހާދިސާގެ މައުލޫމާތު އަފްގާނިސްތާނުގައި ވެރިކަން ކުރާ ޠާލިބާން ސަރުކާރުގެ އޮފިޝަލުން ވެސް ވަނީ ހިއްސާކުރައްވާފައެވެ.

އަފްޣާނިސްތާނުގެ ވަޅެއްގައި ތާށިވި ހައިދަރު ސަލާމަތް ކުރުމަށް ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން ---
އެ ސަރުކާރުން ބުނި ގޮތުގައި އެ ކުއްޖާ ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި އެ ސަރަހައްދުގައި އޮކްސިޖަނާއި އެހެނިހެން ވަސީލަތްތަކާއެކު، ސިއްހީ ޓީމެއް ވެސް ހަރަކާތްތެރި ވަމުން އަންނަ ކަމަށް ތާލިބާނުގެ އޮފިޝަލުން ވިދާޅުވެއެވެ.
ރެސްކިއު ޓީމުން ހިއްސާކޮށްފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ވަޅު ހުރި ސަރަހައްދުން ބޮޑުބައެއް ވަނީ އެ މަސައްކަތުގެ ތެރެއިން ކޮނެފައެވެ. އަދި ވަޅަށް ކެމެރާއެއް ތިރިކޮށްގެން ނަގާފައިވާ ވީޑިއޯ އަކުން ފެންނަ ގޮތުގައި އެ ކުއްޖާ ވަނީ އޭނާގެ ބައްފައާ ވާހަކަ ދައްކަމުން އޭނާގެ ހާލު ރަނގަޅުކަމަށް ބުނެފައެވެ.
މީގެ ދެހަފްތާ ކުރިން މޮރޮކޯގައި ވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. އެ ފަހަރު ވަޅަށް ވެއްޓުނު ރަޔާން ސަލާމަތް ކުރުމަށް ވެސް މަސައްކަތް ކުރީ މިކަހަލަ ގޮތަކަށެވެ. ކެމެރާ ތިރިކޮށްގެން ބެލި އިރު ރަޔާން ގެ ކުދި ހަރަކާތްތަކެއް ހުރި ނަމަވެސް ވަޅުން ނެގުނު އިރު އެ ކުއްޖާ މަރުވެފައިވާ ކަމަށް މޮރޮކޯގެ ރަސްގެފާނު ވަނީ އިއުލާނު ކުރައްވާފައެވެ.